Roadha Mihaaru
އިންތިޚާބުގެ ސަލާމަތާގުޅޭ އޮޕަރޭޝަނެއް ފުލުހުން ފަށައިފި

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައް ބަލަހައްޓަން ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި

03 ސެޕްޓެމްބަރ 2018

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފި އެވެ.

"އޮޕަރޭޝަން ބްލޫ ވޭވް 2018" ގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ، އިސްކަންދަރު ކޮށީގައި ބޭއްވި ފުލުހުންގެ ކޮމާންޑަރުންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމަގައި ވާހަކަ ދައްކަވަމުން އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ އެކު ފުލުހުންގެ އާއްމު އޮޕަރޭޝަންތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮޕަރޭޝަންގެ ތެރޭގައި، ހުރަސްތަކާ ކުރިމަތިވި ނަމަވެސް ހިތްވަރާ އެކު މަސައްކަތުގައި ސާބިތުވެ ތިބުމަށް އޭނާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ހަަރަކާތްތެރިވާނެ އެވެ. އެގޮތުން، މާލޭގައި މިހާރު ވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރަށްތަކުގައި އަމާންކަން ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއް ދީގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުންޏެވެ.

ބްލޫ ވޭވް އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގައި، އެ އޮޕަރޭޝަންގެ ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޝަންތަކުގެ ކޮމާންޑަރުން ވެސް ބައިވެރިވެވަޑައިގަތެވެ.