Roadha Mihaaru
އީސީގެ ސެކްރެޓަރީ ޖެނެރަލަށް މަރުގެ އިންޒާރު ދީފި

އީސީގެ ސެކްރެޓަރީ ޖެނެރަލަށް މަރުގެ އިންޒާރު ދީފި

02 އޮކްޓޯބަރ 2018

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހުމާން ސޮލާހަށް ރޭ މަރުގެ އިންޒާރު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހުމާން ސޮލާހަށް ރޭ މަރުގެ އިންޒާރު ދީފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އީސީގެ އިސް ބޭފުޅަކަށް މަރުގެ އިންޒާރު ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ތިން ފިރިހެނެއް ކަމަށް ވެ އެވެ.

އީސީން މިހާރު ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އީސީގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު އިއުލާން ކުރެއްވި ސޮލާހް "މިހާރު" އަށް ވިދާޅުވީ، އޭނާ އަށް އިންޒާރު ދިނީ އެކަނި ގެއަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ. ދާއިމީ ނަތީޖާ އިއުލާން ކުރި ފަހުން ވެސް އޭނާ އަށް އިންޒާރުގެ ތަފާތު މެސެޖުތައް ލިބެމުން ދިޔަ ކަމަށް ސޮލާހް ވިދާޅުވި އެވެ.

"ވޯޓު ކަރުދާސް ހުންނަ ތަނާއި މެމްބަރުންގެ ގެތަކުގެ މައުލޫމާތު އެހީ. ދެން އަލުން އިންތިޚާބެއް ބާއްވާނެތޯ، އީސީން އަލުން އިންތިޚާބު ބާއްވައިފިއްޔާ ފުރާނައަށް ގެއްލުންވާނެއޭ ބުނީ،" ސޮލާހު ވިދާޅުވި އެވެ.

އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.

މި ނަތީޖާއާ އެކު ރައްޔިތުންގެ ވޯޓުން އެމަނިކުފާނު ބަލިވެއްޖެ ކަން ގަބޫލުކުރައްވައި، ރައީސް ޔާމީން އިބޫ އަށް މަރުހަބާ ވެސް ވިދާޅުވި އެވެ. އެކަމަކު، އޭގެ ހަފުތާއެއްހާ ދުވަސް އީސީގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކަކާ އެކު ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ރޭ ވަނީ މުޒާހަރާ އަށް ނުކުމެވަޑައިގެންފަ އެވެ. އިންތިޚާބު އޮޅުވާލީ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލައިގައި އީސީ ޖަވާބުދާރީވަންދެން ޕީޕީއެމުން އަޑުއުފުލާނެ ކަމަށް ވެސް ރައީސް ޔާމީން ރޭ ވަނީ ވިދާޅުވި އެވެ.