Roadha Mihaaru
ވޭލްސް ކެޕްޓަން ބޭންޑް ބޭލް އަށް ދޭން އެދެފި

ވޭލްސް ކެޕްޓަން ބޭންޑް ބޭލް އަށް ދޭން އެދެފި

29 އޯގަސްޓް 2018

ކާޑިފް، ވޭލްސް (އޮގަސްޓް 29) - ވޭލްސްގެ ކެޕްޓަން ބޭންޑް އެ ޓީމުގެ ތަރި ގަރެތު ބޭލް އަށް ދޭން ޖެހޭ ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ސައިމަން ޑޭވިސް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކާޑިފް، ވޭލްސް (އޮގަސްޓް 29) - ވޭލްސްގެ ކެޕްޓަން ބޭންޑް އެ ޓީމުގެ ތަރި ގަރެތު ބޭލް އަށް ދޭން ޖެހޭ ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ސައިމަން ޑޭވިސް ބުނެފި އެވެ.

ވޭލްސްގެ ކެޕްޓަންކަން މިހާރު ކުރަމުން އަންނަނީ އެވަޓަން އަށް ކުޅެމުން އަންނަ އުމުރުން 34 އަހަރުގެ ޑިފެންޑަރު އެޝްލީ ވިލިއަމްސް އެވެ. ޑޭވިސްގެ ނަޒަރުގައި މި ވަގުތު ވިިލިއަމްސް އަތުގައި ކެޕްޓަންކަން އޮތް ނަމަވެސް މުސްތަގުބަލަށް ބަލާއިރު ބޭލްއާ އެ ޒިންމާ ހަވާލުކުރުން މުޅި ޓީމަށް ރަނގަޅުވާނެ ކަމަށެވެ.

"އެޝްލީ (ވިލިއަމްސް) މިހާރު އެ ހުރީ ރިޓަޔާކުރުމާ ވަރަށް ގާތުގައި. އޭނާ ޓީމަށް ކުޅުން ހުއްޓާލަންދެން އޭނާ އަތުގައި ބޭންޑް އޮތަސް މުސްތަގުބަލަށް ބަލާއިރު ވޭލްސްގެ ކެޕްޓަންކަން ދޭން ޖެހޭނީ ބޭލް އަށް،" ޑޭވިސް ބުންޏެވެ.

އޭނާ ބުނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން މިސާލު ނަގާނަމަ ކެޕްޓަންކަން ކުރަނީ ޓީމުގެ އެންމެ މަގުބޫލު ކުޅުންތެރިއާ ކަމަށާއި އޭގެ ސަބަބުން ސަޕޯޓަރުންނާއި މުޅި ޓީމަށް ހިތްވަރު ލިބޭ ކަމަށެވެ.

ވޭލްސްގެ އާ ކޯޗު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ރަޔާން ގިގްސްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މެޗަށް ނަގާ ސްކޮޑު ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. ޓީމުގެ މުސްތަގުބަލާ ބެހޭގޮތުން ގިގްސް ވަނީ އުއްމީދީ ވާހަކަތަކެއް މީގެ ކުރިން ދައްކައިފަ އެވެ.

ބޭލްގެ މޮޅު ކުޅުމާ އެކު ވޭލްސް އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު މި އަހަރު އޮތް ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިނުވެ އެވެ.

އުމުރުން 29 އަހަރުގެ ބޭލް އަކީ ވޭލްސް ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. ރެއާލަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދޭން އެހީތެރިވެ ދިން ބޭލް އަންނަނީ މި ސީޒަނުގައި ރެއާލަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރެއާލުގެ އެޓޭކުގެ މައި ތަނބެއްގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި ފެނުނު ކްރިސްޓިއާނޯ ރޮނާލްޑޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ދޫކޮށް ޔުވެންޓަސް އަށް ބަދަލުވުމުން އޭނާ ނެތްތަން ފޫބައްދަން ވަކި ހާއްސަ ކުޅުންތެރިއަކު އެ ޓީމުން ނުގެނެ އެވެ. ރޮނާލްޑޯ ނެތްތަނަށް ޓީމު ބަރޯސާވާ ކުޅުންތެރިންގެ ތެރޭގައި ބޭލް ހިމެނޭ ކަމަށް ރެއާލުގެ ކޯޗު ހޫލެން ލޮޕެޓެގީ ވަނީ މީގެ ކުރިން ބުނެފަ އެވެ.