Roadha Mihaaru
ލަންކާގަ އުޅޭ ދިވެހިން ދަފުތަރުގައި ޖެހެން ފަސޭހަގޮތެއް

ލަންކާގައި އުޅޭ ދިވެހިން ދަފުތަރުގައި ޖެހެން ފަސޭހަ ގޮތެއް

28 އޯގަސްޓް 2018

ސްރީ ލަންކާގައި އުޅޭ ދިވެހިން މާލޭގެ ދަފުތަރުގައި ޖެހުމަށް، ފަސޭހަ ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސްރީ ލަންކާގައި އުޅޭ ދިވެހިން މާލޭގެ ދަފުތަރުގައި ޖެހުމަށް، ފަސޭހަ ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ނައިބު އިބްރާހިމް ނަޒީމް މިއަދު ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިން ދަފުތަރުގައި ރަޖިސްޓްރީ ވުމަށް، އެ ގައުމުގައި ތިބެގެން ފޯމު ހުށަހެޅޭނެ އިންތިޒާމްތަކެއް މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ. ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން އެ އިންތިޒާމް ހަމަޖައްސަނީ، ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ލަންކާގައި ތިބެފައި ހަމައެކަނި ފޯމު ހުށަހެޅުމަށް ރާއްޖެ އައުމަކީ ވަރަށް އުނދަގޫ ކަމެއް. އަދި އަޅުގަނޑުމެން މި ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދޭން ބޭނުންވާތީ އެ ގޮތަށް ހަމަޖެއްސީ،" ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަފުުތަރުގައި ޖެހުމަށް، މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް 1،800 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފަައިވާ ކަމަށެވެ.

މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް ދޭ ދެ ކޮޓަރީގެ ފްލެޓާއި އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީ އެވެ.

ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ނަޒީމް ކުރިން ވިދާޅުވި ގޮތުގައި ދަފްތަރުގައި ރަޖިސްޓަރީ ވުމާ އެކު، ވަގުތީ ލިޔުމަކާއި ސްލިޕްކޮޅެއް ލިބޭނެ އެވެ. ދަފްތަރު ކެޓަގަރީއަށް ފޯމު ހުށަހަޅަން ޖެހެނީ އެ ސްލިޕާ އެކު އެވެ.

މީގެ 31 އަހަރު ކުރިން ހުޅުވާލި "ހާއްސަ ދަފުތަރު"ގައި މިހާތަނަށް މާލޭގެ 3،264 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. އަދި މާލެ އަށް ރަޖިސްޓަރީ ބަދަލުކުރުމަށް އެކި ރަށްރަށުން 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވެ އެވެ