Roadha Mihaaru
ތުޅާދޫން މެޑަމް އަށް ބޮޑު ތަރުހީބެއް

ތުޅާދޫން މެޑަމް އަށް ބޮޑު ތަރުހީބެއް

15 އޯގަސްޓް 2018

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ސަޕޯޓަރުން ގިނަ ބ. ތުޅާދޫގެ ގިނަ އަދަދެއްގެ ބަޔަކު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް މިއަދު އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ސަޕޯޓަރުން ގިނަ ބ. ތުޅާދޫގެ ގިނަ އަދަދެއްގެ ބަޔަކު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް މިއަދު އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ފަސްޓް ލޭޑީ ފާތުން މިއަދު އެ ރަށަށް ވަޑައިގަތުމުން އެ ރަށުގެ 300 އަށް ވުރެ ގިނަ އާންމު ރައްޔިތުން ބަނދަރު މައްޗަށް ނުކުމެ އެކަމަނާ އަށް މަރުހަބާ ދެންނެވި ކަމަށް، އެ ކަމަނާގެ އަރިހުގައި އެ ދަތުރުފުޅުގައި ބައިވެރިވާ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ރަށުގެ މެޖޯރިޓީ ވޯޓް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.

ބ. އަތޮޅަށް ފަސްޓް ލޭޑީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުޅާދު އަށް މިއަދު ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން އެކަމަނާ އަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި އިރު، އެމްޑީޕީގެ ސަޕޯޓަރުން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. މި ފަހުން ބޭއްވި ހުރިހާ އިންތިހާބުތަކެއްގައި ވެސް ތުޅާދޫގެ މެޖޯރިޓީ ހޯދާފައި ވަނީ އެމްޑީޕީންނެވެ.

މެޑަމް ފާތުން ތުޅާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ޕީޕީއެމް

މެޑަމް ފާތުން ތުޅާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ޕީޕީއެމް

ތުޅާދޫން މަރުހަބާ ދެންނެވުމަށް ނުކުތް މީހުންނަކީ އެއްވެސް މަޖުބޫރު ކުރުމެއް ނެތި "ހިތު ލޯބިން" ނުކުތް މީހުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިއަދު ތުޅާދޫން ފަސްޓް ލޭޑީ އަށް މަރުހަބާ ދެންނެވުމަށް އެހާ ގިނަ ބަޔަކު ނުކުމެފައިވާ އިރު، އެއީ އެ ރަށުން މީގެ ކުރިން ފެނުނު މަންޒަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ އަށް މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް އެެއްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ތިބި ކަން ފާހަގަ ކޮށްލެވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފަސްޓް ލޭޑީއާ އެކު ސެލްފީ ނަގައި ވެސް ހެދި އެވެ.

"އެމްޑީޕީ އަށް ވުރެ އަދަދު ބޮޑުކޮށް ފެނުނީ މިއަދު. ވަރަށް ހޫނު މަރުހަބާއެއް ކީ. މީގެ ކުރިން ތުޅާދޫން ނުފެންނަ ވަރުގެ ސަޕޯޓެއް މިއަދު ފެނިގެން ދިޔަ،" އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕީޕީއެމަށް ސޮއިކުރެއްވި ޔާމީން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އެރަށު މީހުން ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުް ފެންނަ ގޮތުން އެމްޑީޕީގެ ޓީޝާޓުތަކާއި ދިދަތައް ހިފައިގެން ތިބި ގިނަ އަދަދެއްގެ ބަޔަކު މެޑަމް ފާތުންނާ ދެކޮޅަށް ދިޔައީ އަޑު އުފުލަމުންނެވެ. އެމީހުން ހުއްޓުވުމަށް ފުލުހުންތަކެއް ހަރަކާތްތެރިވި އެވެ.

މެޑަމް ފާތުން ތުޅާދޫއަށް ވަޑައިގެން ގަތުމުން އެމްޑީޕީ ސަޕޯޓަރުން އެކަމަނާއާ ދެކޮޅަށް އަޑު އުފުލަނީ- ފޮޓޯ: ޕީޕީއެމް

މެޑަމް ފާތުން ތުޅާދޫއަށް ވަޑައިގެން ގަތުމުން އެމްޑީޕީ ސަޕޯޓަރުން އެކަމަނާއާ ދެކޮޅަށް އަޑު އުފުލަނީ- ފޮޓޯ: ޕީޕީއެމް

މެޑަމް ފާތުން މިއަދު ވަނީ އެރަށުގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފަ އެވެ.