Roadha Mihaaru
ދީނީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ

ހައްދު ފަހަނައަޅާފައިވާ ދީނީ ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ: ޑިފެންސް މިނިސްޓަރު

13 އޯގަސްޓް 2018

ދިވެހިންނަކީ ސުލްހަ އަށް ލޯބިކުރާ ބަޔަކަށް ވިޔަސް މިހާރު ރާއްޖެ އަށް ފެތުރެމުން އަންނަ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކާ ދެކޮޅަށް، އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ވެސް މި ކަމުގައި ހަރަކާތްތެރި ވާން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދިވެހިންނަކީ ސުލްހަ އަށް ލޯބިކުރާ ބަޔަކަށް ވިޔަސް މިހާރު ރާއްޖެ އަށް ފެތުރެމުން އަންނަ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކާ ދެކޮޅަށް، އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ވެސް މި ކަމުގައި ހަރަކާތްތެރި ވާން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ޔޫއެންޑީޕީ ގުޅިގެން މާލޭގައި މިއަދު ފެށި ކައުންޓް ޓެރަރިޒަމް ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ދުނިޔެ އަށް އައި ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ވެސް ފޯރާފައިވާ ކަމަށެވެ. އެ ގޮތުން، ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކުގެ ސަބަބުން ދީނީ ހަރުކަށި ޚިޔާލުގެ މީހުންތަކެއް އުފެދިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތުގެ ސިޔާސަތުތައް ކަނޑައަޅައި، އެކްޝަން ޕްލޭނެއް ހެދުމަށްޓަކައި ސަރުކަރާއި މުޖްތަމައު ގުޅިގެން މަސައްކަތްކުރުމަށް ފެށި މި ކޮންފަރެންސް އޮންނާނީ މިއަދާއި މާދަމާ އިސްލާމިކް މަރުކަޒުގަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެމެރިކާގައި ސެޕްޓެމްބަރު 9، 2001 ގައި ހިނގި ހާދިސާގެ ސަބަބުން ދުނިޔޭގެ ސަލާމަތީ ކަންތަކަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ. އޭގެ ފަހުން އދ. މަޖިލީހުން ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށާއި ރާއްޖެ ވެސް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހައްދު ފަހަނައަޅާފައިވާ ވިސްނުން ގެންގުޅޭ މީހުން އުޅޭ. މި ކަމުގައި ރާއްޖޭގައި ވެސް ތަފާތެއް ނެތް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ދުނިޔޭގެ އެއްވެސް ގައުމަކީ ޓެރަރިޒަމާއި ހަރުކަށި ހައްދުފަހަނައެޅުންތަކުން ސަލާމަތްވެފައިވާ ގައުމެއް ނޫން. މި ކަމުގައި ދިވެހިރާއްޖެ ވެސް އިސްތިސްނާއެއް ނުވޭ. އެހެންކަމުން، ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަކީ، 100 ޕަސެންޓް މުސްލިމް އަދި މެދުމިނުގެ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހީންނަކީ އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ތަބާވާ އަދި އެއް ސަގާފަތެއްގެ ވެރި ބަޔަކަށް ވުމަކީ، ދިވެހިން ފަޚުރުވެރިވާ ހެޔޮ ރަހުމަތެއް ކަމަށެވެ.

"ދިވެހިރާއްޖެ ދެމިއޮންނާނީ، މެދުމިނުގެ، ތަރައްގީ އަށް މަސައްކަތް ކުރާ، ކަންކަން ތަހައްމަލު ކުރާ ސުލްހަވެރި މުސްލިމް ގައުމެއްގެ ގޮތުގައި" ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުމަކީ، ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ގެންގުޅޭ ގައުމީ ސްޓްރެޓީޖީގެ ތަސައްވުރު."

މީގެ އިތުރުން ސިޔާސީ ހިޔާލު ތަފާތުވިއެއް ކަމަކު އާންމުންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ގައުމީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ޖަޕާނުގެ އެހީއާ އެކު ކުރިއަށްދާ މި ކޮންފަރަންސްގައި ސަރުކާރުގެ އެކި މުއާސަސާތަކުގެ އިތުރުން، މަދަނީ ޖަމިއްޔާތަކާއި ޒުވާނުންނާއި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތައް ވެސް ބައިވެރިވި އެވެ.