Roadha Mihaaru
ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ބޮޑުވޭ: މިނިސްޓަރު

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ އަށް ކުރާ އަސަރު އެބަ ބޮޑުވޭ: މިނިސްޓަރު

29 އޮކްޓޯބަރ 2017

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު ރާއްޖެ އަށް ތަފާތު ހާދިސާތައް ދިމާވުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު ރާއްޖެ އަށް ތަފާތު ހާދިސާތައް ދިމާވުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

އެކި ހާދިސާތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ގައުމީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ މިހާރު މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ސައިންސްވެރިންނަަށާއި އެންމެ ފަހުގެ ޓެކްނޮލޮޖީ އަށް ވެސް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ނުވާ ކަމަށެވެ. އެކަން ރާއްޖެ އަށް މި ފަހުގެ ތާރީހެއްގައި ކުރި ވިއްސާރަތަކުން އެނގިގެންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީ އަށް ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭވެހި، ހީ ވެސް ނުކުރާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 228.4 މިލިލީޓަރުގެ ވާރޭ ވެހިފައިވޭ. މިއީ އަޅުގަނޑުމެންގެ ހުރި ވަސީލަތްތަކަށް އެލާޓެއް ވެސް ނެރުމުގެ ހިނދުކޮޅެއް ވެސް ނުލިބި ކުއްލިއަކަށް ހިނގައިދިޔަ ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ބަނޑޮސް ރިސޯޓުގައި މިއަދު ފެށި، ހާދިސާތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ގައުމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބަނޑޮސް ރިސޯޓުގައި މިއަދު ފެށި، ހާދިސާތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ގައުމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެ ދުވަސްވަރަކީ، މުސްކުޅިން ކިޔާ ގޮތުންނަަމަ ނޮރަ ނަކަތުގެ ދުވަސްވަރު. އެ ދުވަސްވަރު މިހާ ބޯކޮށް ވާރޭވެހުމަކީ، އޭގެ ކުރީގައި ރާއްޖޭގެ ތާރީހަށް ބަލާއިރު އާއްމުކޮށް ހިނގާފައި އޮތް ކަމެއް ނޫން. ދެން ފާހަގަކުރެވުނު އަނެއް ކަމަކީ މި އަހަރުގެ ތެރޭގައި ރޯނު ނަކަތުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ނަގޫ ރޯޅިތަކެއް އަރައި ގެއްލުންތަކެއް ލިބުނުކަން. މި ދެންނެވި ކަންތައްތަކަކީ ރާއްޖޭގެ މޫސުމަށް ވެސް އިހުސާސް ކުރެވޭ ވަރަށް ބަދަލުތަކެއް އައިކަމުގެ އިންޒާރަށް ލިބުނު ދުވަސްތަކެއް،" ބަނޑޮސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފު ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާއިރު، އެ މަސައްކަތްތަކުން ލިބިދާނެ ގެއްލުންތައް ބަލަންޖެހޭ ކަމަށާއި އަދި އެކަންކަމުން ލިބޭނެ ގެއްލުން ވީހާ ވެސް ކުޑަކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކާރިސާގެ ކޮންމެ ކަމަކުން ލިބިދާނެ ގެއްލުންތައް ދުރާލައި ވިސްނައި، ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް މަސައްކަތް ރާވައި ހިންގުމަކީ ކޮންމެ މުއައްސަސާއަކުން ވެސް ވިސްނައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައް،" ޝަރީފު ވިދާޅުވި އެވެ.

ބަނޑޮސް ރިސޯޓުގައި މިއަދު ފެށި، ހާދިސާތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ގައުމީ ބައްދަލުވުމުގައި ޔޫއެންޑީޕީން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝޮކޯ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބަނޑޮސް ރިސޯޓުގައި މިއަދު ފެށި، ހާދިސާތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ގައުމީ ބައްދަލުވުމުގައި ޔޫއެންޑީޕީން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝޮކޯ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކި ހާދިސާތަކުން ރައްކާތެރިވުމަށް ޖަޕާނުން ރާއްޖެ އަށް ވަރަށް ގިނަ ވަސީލަތްތައް ހަދިޔާކޮށްފައިވާ ކަމަށާއި އެ ވަސީލަތްތައް، ސިފައިންގެ ރީޖަނަލް ސެންޓަރުތަކަށް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަހާސިންތާގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝޮކޯ ނޯޑާ ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކަށް ކުރާ އަސަރުތަކުގެ ސަބަބުން އެތައް މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ހާދިސާތަކުން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެކި ޖަމިއްޔާތަކާއި ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތައް ބައިވެރިވާ މި ބައްދަލުވުމުގައި އެކި ހާދިސާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކާނެ އެވެ. އަދި މައިގަނޑު ހަތަރު ކަރުދާހެއްގެ މައްޗަށް މަޝްވަރާކުރާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުންޏެވެ.