Roadha Mihaaru
ރެއާލްގެ ބެޖަށް ބޮސްދިނުމުން ކޯޓުއާ އަށް ފާޑުކިޔައިފި

ރެއާލްގެ ބެޖަށް ބޮސްދިނުމުން ކޯޓުއާ އަށް ފާޑުކިޔައިފި

11 އޯގަސްޓް 2018

މެޑްރިޑް (އޮގަސްޓް 11) - ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ސޮއިކުރުމަށް ފަހު އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރިއިރު، އެ ކްލަބްގެ ބެޖަށް ބޮސްދިނުމުން އޭނާގެ ކުރީގެ ދެ ކްލަބުގެ ސަޕޯޓަރުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮގަސްޓް 11) - ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ސޮއިކުރުމަށް ފަހު އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރިއިރު، އެ ކްލަބްގެ ބެޖަށް ބޮސްދިނުމުން އޭނާގެ ކުރީގެ ދެ ކްލަބުގެ ސަޕޯޓަރުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމަށް މޮޅު ކުޅުމެއް ދެއްކި އުމުރުން 26 އަހަރުގެ ކޯޓުއާ ރެއާލަށް ވިއްކާލީ 45 މިލިއަން ޑޮލަރަށެވެ. ޗެލްސީން 2011 ވަނަ އަހަރު ބެލްޖިއަމްގެ ގެންކަށް 10 މިލިއަން ޑޮލަރު ދީފައި ކޯޓުއާގެ ސޮއި ހޯދުމަށް ފަހު ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމުގައި ކާމިޔާބު ތިން އަހަރު ހޭދަކުރުމަށް ފަހު ޗެލްސީއާ އަލުން ކޯޓުއާ ގުޅުނީ 2014 ވަނަ އަހަރު އެވެ.

ކޯޓުއާ ރެއާލަށް ސޮއިކުރުމަށް ފަހު ކޯޓުއާ ބުނީ މިއީ އޭނާގެ ހުވަފެން ހަގީގަތަަކަށްވުން ކަމަށެވެ. އަދި ރެއާލަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބް ކަމަށާއި އެ ޓީމުގައި ހުރެ ގިނަ ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށް ބުންޏެވެ.

ކޯޓުއާ އަށް ޗެލްސީ އާއި އެތުލެޓިކޯގެ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވީ މީގެ ކުރިން އޭނާ އެ ދެ ކްލަބަކަށް ކުޅުނުއިރު، މީޑިއާގައި ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ.

އެތުލެޓިކޯއާ އެކު ސްޕެނިޝް ލީގު 2014 ވަނަ އަހަރު ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގައި ކޯޓުއާ ވަނީ އެތުލެޓިކޯ އަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ސްޕެއިނުގައި އަބަދުވެސް އޭނާގެ އެއް ވަނަ ޓީމަކީ އެތުލެޓިކޯ ކަމަށެވެ. ޗެލްސީ އަށް އެނބުރި އައިސް އެ ޓީމާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު ބެޖަށް ބޮސް ނުދެ އެވެ. އެކަމަކު ރެއާލާ ގުޅުނު ފުރަތަމަ ދުވަހު އެ ޓީމުގެ ބެޖަށް ބޮސް ދިނުން ޗެލްސީ ސަޕޯޓަރުންނަށް ގަބޫލެއް ނުކުރެވެ އެވެ.

ރެއާލަށް ކޯޓުއާ ސޮއިކުރި ނަމަވެސް އެ ޓީމަށް ކުޅޭ ކޮސްޓަ ރިކާގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ އެ ޓީމު ދޫކޮށްނުލާނެ ކަމަށާއި އެއް ވަނަ ގޯލްކީޕަރަށް ވުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.

ކޯޓުއާ ބުނީ މީގެ ކުރިން އޭނާ ޗެލްސީ އަށް ބަދަލުވިއިރު އޭނާ އަކީ އެ ޓީމުގެ އެއް ވަނަ ގޯލްކީޕަރު ނޫން ކަމަށެވެ. އަދި ޗެލްސީގައި ޕެޓަ ޗެކް އަތުން އެ ޓީމުގެ އެއް ވަނަ ގޯލްކީޕަރުގެ މަގާމު ހޯދީ ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްގެން ކަމަށާއި ރެއާލުގައި ވެސް އެކަން ތަކުރާރުކުރަން ބޭނުންވާ ކަމަށް ބުންޏެވެ.