Roadha Mihaaru
ތަރައްގީގެ ފައިސާފޮތީގައި އޮންނާނީ އަޅުގަނޑުގެ ނަން

ތަރައްގީގެ ފައިސާފޮތީގެ އެއް ފުށުގައި އޮންނާނީ އަޅުގަނޑުގެ ސިއްކަ: ރައީސް

08 އޯގަސްޓް 2018

ރާއްޖެ އަށް އަންނަމުންދާ ތަރައްގީ އަކީ ފައިސާ ފޮތީގެ އެއް ފުށް ކަމަށް ވާނަމަ، އޭގެ އަނެއް ފުށުގައި އޮންނާނީ ރައީސް އަބްދުﷲ ޔާމީންގެ ސިއްކަ ކަން ރައްޔިތުން ގަބޫލުކުރުމަށް އެ މަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އަށް އަންނަމުންދާ ތަރައްގީ އަކީ ފައިސާ ފޮތީގެ އެއް ފުށް ކަމަށް ވާނަމަ، އޭގެ އަނެއް ފުށުގައި އޮންނާނީ ރައީސް އަބްދުﷲ ޔާމީންގެ ސިއްކަ ކަން ރައްޔިތުން ގަބޫލުކުރުމަށް އެ މަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގއ. ކޮލަމާފުށީގެ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ގެންނަ ތަރައްގީ ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އެ ގޮތުގައި ދެމިތިބެއްޖެ ނަމަ، ރައްޔިތުން ކުރާ އުއްމީދުތައް އުޖާލާ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އެހީތެރިވުމަށްޓަކައި އަޅުގަނޑު އެދެނީ ތި ބޭފުޅުން އަޅުގަނޑަށް ވެސް އެހީތެރިވެދެއްވަން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މިތާ [ކޮނޑޭ އަށް] އައިސް ނުދަންނަވާނަން ހުރިހާ ބޭފުޅުން އަޅުގަނޑުގެ ޕާޓީ އަށް ވަދެވަޑައިގަންނަވާށޭ. އެކަމަކު އަޅުގަނޑު ދަންނަވާ ވާހަކައަކީ ގައުމިއްޔަތަށާއި އަޅުގަނޑުމެން ގަބޫލުކުރާ ސިފަތަކަށާއި ތަރައްގީ އަށް ލޯބި ކުރާ ކަމަށް ވަންޏާ، 23 ވަނަ ދުވަހުގެ ވޯޓުގައި ތަރައްގީގެ އަނެއް ފުށުގައި އޮތީ ކާކުގެ ފޮޓޯތޯ ކާކުގެ ސިއްކައެއްތޯ ބަލާލައްވާފައި ވޯޓު ދެއްވާށޭ."

ރައީސް ޔާމީން، ކޮނޑޭގައި ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ޔާމީން، ކޮނޑޭގައި ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މަޝްރޫއުތަކަކީ "ކޮންކްރީޓް ތަރައްގީ" ކަމަށް ބުނާ އިރު، އެ ނޫން ގޮތަކަށް ރަށްރަށުގެ ބަނދަރާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ތަރައްގީ ކުރައްވާނެ ގޮތެއް އެ މަނިކުފާނަށް ވިސްނިވަޑައެއް ނުގަންނަވަ އެވެ. އެ ނޫން ގޮތަކަށް ތަރައްގީކުރާ ނަމަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން ޖެހޭނީ ދަނޑިފަނުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ މަޝްރޫއުތައް ޚަރަދު ބޮޑު ކަމަށް ބުނެ ވެސް ފާޑުކިޔާނެ ކަމެއް ނެތް ކަމަށެވެ. އެކަން އެގޮތަށް ކުރަން މަޖުބޫރުވަނީ، ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަންކަން ކޮށްދެއްވަން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު، ކޮނޑޭގެ ރައްޔިތުން އަޑު އަހަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ޔާމީންގެ ވާހަކަފުޅު، ކޮނޑޭގެ ރައްޔިތުން އަޑު އަހަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގެ ޚުލާސާ:

- ކޮނޑޭ އަށް މި ސަރުކާރުން މިހާތަނަށް 39 މިލިއަން ރުފިޔާ ޚަރަދުކޮށްފި.

- ޓޫރިޒަމް ފުޅާކޮށް، ގއ. އަތޮޅުގައި 4،000 އެނދު ތަރައްގީކުރާނަން.

- ދެ ވަނަ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ކޮނޑޭ ހިމެނޭ ސަރަހައްދުގައި ހަތަރު ރިސޯޓު އަޅައި 800 އެނދު އުފައްދާނަން. އެއާއެކު ގާތްގަނޑަކަށް 1،500 ވަޒީފާ އުފެދިގެން ދާނެ.

- ކޮނޑޭގައި ގެސްޓު ހައުސް ހަދަން ބޭނުންވާ ބިންތައް ހަމަޖައްސައިދޭނަން.

- ގދ. ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް، ގއ. އަތޮޅުގައި ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް ގާއިމްކޮށްދޭނަން.

- ހުވަދު އަތޮޅުގައި ހުރި ގުދުރަތީ ވަސީލަތްތަކުން އެ އަތޮޅު ތަރައްގީކޮށްދިނުމުގެ ޝައުގުވެރިކަން އެބަހުރި، އިތުރު މަޝްރޫއުތަކެއް ގެނެސްދޭނަން.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދެ ވަނަ ދައުރަކަށް ރައްޔިތުންނަށް ފުއްދައިދޭން ބޭނުންވާ ކަންކަން ހިމެނޭ މެނިފެސްޓޯ ތައްޔާރު ކުރައްވަން މަސައްކަތް ކުރައްވާތާ އަހަރެއްހާ ދުވަސް ވެދާނެ އެވެ. އެ މެނިފެސްޓޯގައި ބޮޑެތި މަޝްރޫއުތައް ހިމަނުއްވައި އިއުލާން ކުރައްވަނީ، އެ ކަންކަން ކުރެއްވޭނެ ގޮތްތަކެއް ވެސް ހޯއްދެވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މެނިފެސްޓޯގައި ހިމަނާ ކަންކަމަކީ އިއްޔެ އަޅުގަނޑަށް ހުވަފެނުން ފެނިގެން އުޅޭ ކަންކަމެއް ނޫން. މެނިފެސްޓޯގައި އިސްކަން ދޭ ކަންކަމުގެ ފަންނީ ދާއިރާގެ ބޭފުޅުންނާ އެކު މަސައްކަތް ކުރާތާ ހަމަގައިމު ވެސް މިހާރު ހައެއްކަ އަށެއްކަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބްރިޖާއި 25 ބުރީގެ ހޮސްޕިޓަލް މި ސަރުކާރުން އަޅާ ވާހަކަ ދެއްކުމުން ވެސް އިދިކޮޅު ފަރާތްތަކުން ސިއްސައިގެން ދިޔަ އެވެ. އެކަމަކު، އެ މަޝްރޫއުތައް ފުރިހަމަވެ، ކަރުމައްޗަށް ނަގައިެން ތިބެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަލަން ޖެހުމުން ފާޑުކިޔުން މަދުވެ، މިހާރު ސަމާލުކަން ދެނީ އެ މަނިކުފާނު މި ދައުރަށް ހުށަހަޅުއްވާ ވައުދުތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެކި ސަރަހައްދުތަކުގައި އެއާޕޯޓު އެޅުމަކީ ވެސް އިދިކޮޅުން ހިތްހަމަނުޖެހޭ ކަމެއް ކަމަށެވެ. އެކަމަކު ރާއްޖެ ތަރައްގީ ކުރެވެން އޮތީ، އެއާޕޯޓު އަޅައި، ޓޫރިޒަމް ފަތުރާލައިގެން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭ ބައިނަލްއަގުވާމީ އެއާޕޯޓު، އަށް މިލިއަން ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ އިރު، އެތަނުގެ ކޮންސަލްޓަންޓުންގެ ގޮތުގައި ނަގާފައި ވަނީ ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ ބޭފުޅުންނެވެ. ސަބަބަކީ، އެއީ ބާލިދީ އެއާޕޯޓު ކަމަށް ބުނުމުގެ ފުރުސަތު ނުދެއްވަން ކަމަށް ވެސް ވިދާޅުވި އެވެ.

ޖަޒީރާ ރަށްތަކުގައި ދިވެހިން ތިބޭއިރު، އެ ރަށަކަށް ލިބޭ އެއްޗަކުން ތަރައްގީ ނުކުރޭވޭނެ ކަމަށާއި އެއީ ރައްޔިތުން ބަލައިގަންނަ ކޮންސެޕްޓެއް ވެސް ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުން ވަނީ އަވަސްކަމާ އެކީ ތަރައްގީ. އެ މީހުންގެ ބްރޭންޑަކަށް މިހާރު މިއޮތީ ތަރައްގީ. އެ ތަރައްގީ ގެނެސްދޭނެ މީހެއްގެ ގޮތުގައި އެބަ ގަބޫލުކުރޭ ރައީސް ޔާމީން ގެނެސްދީފި ކަން ތަރައްގީ،" އެމަނިކުފާނު ވިދާޅުވި އެވެ.