Roadha Mihaaru
ފަރީދު މަރަން ކުރި ހުކުމުގެ އިސްތިއުނާފް ފަށައިފި

ޝުހާދުގެ ގާތިލް ފަރީދު މަރަން ކުރި ހުކުމުގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ފަށައިފި

07 އޯގަސްޓް 2018

ޏ. ފުވައްމުލަކުގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި ހަސަން ފަރީދު މެރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޏ. ފުވައްމުލަކުގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި ހަސަން ފަރީދު މެރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.

ޖެނުއަރީ، 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ޒުވާނުންތަކެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗެހިން ހަމަލާދީ ޝުހާދު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވަނީ އެރަށު ކަރަންކާއާގޭ ފަރީދުގެ މައްޗަށެވެ. އޭނާ މެރުމަށް 2015 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް މިދިޔަ އަހަރު ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ ފަރީދުގެ ފަރާތުންނެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަރީދުގެ ވަކީލް އަހުމަދު ޒަނީން ވިދާޅުވީ ފަރީދާ ދެކޮޅަށް ހެކިބަސް ދިން ހަތް މީހުންގެ ހެކިބަހުގައި ފުށުއެރުންތައް ހުރި ކަމަށާއި ފަރީދު އެތަނަށް ދިޔަ ކަމަށް ބުނާ ސައިކަލުގެ ކުލަ އާއި އޭނާ ލައިގެން ހުރި ކަމަށް ބުނާ އެއްޗެހީގެ ކުލަ ކިޔައިދިނުމުގައި ވެސް އެކި ހެކިވެރިން އެކި ގޮތަށް ބުނެފައިވާ ކަމަށެވެ. އަދި ހެކިބަސް ދިން މީހުންގެ ތެރޭގައި އެ މާރާމާރީގައި އަނިޔާ ލިބުނު މީހުން ވެސް ތިބި ކަމަށް ޒަނީން ވިދާޅުވި އެވެ.

އެ މައްސަލާގައި ފަރީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިވެރިންގެ ހެކިބަސް ނުނަގަން ދަށު ކޯޓުން ނިންމި މައްސަލަ ވެސް ވަކީލް ޒަނީން ފާހަގަ ކުރި އެވެ. ދިފާއީ ހެކިން ހުށަހެޅީ މާރާމާރީ ހިންގި ތަނުގައި ފަރީދު ނެތް ކަން ސާބިތު ކުރުމަށެވެ.

ފަރީދުގެ ވަކީލްގެ ވާހަކަތަކަށް ރައްދުދީ، ދައުލަތުން ބުނީ ފަރީދާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށް ނުބެލެވޭނެ ކަމަށާއި މާރާމާރީގައި ފަރީދު އެކި މީހުންނަށް ހަމަލާދިންއިރު، ހަމަލާ ދިން މީހުންގެ ތަރުތީބު ކިޔައި ދިނުމުގައި ވެސް ހުރިހާ ހެކިންގެ ހެކިބަސް ދިމާވާ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނިގޮތުގައި ގޮތުގައި ފަރީދާ ދެކޮޅަށް ހެކިބަސް ދިން ހަތް މީހުންގެ ތެރެއިން މާރާމާރީގައި އަނިޔާ ލިބުނު މީހެއްގެ ގޮތުގައި ހުރީ އެންމެ ހެއްކެކެވެ. ބާކީ ތިބި ހަ މީހުންނަކީ މަންޒަރު ދުށް ހެކިވެރިން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ފަރީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިވެރިންގެ ހެކިބަސް ނުނަގަން ކޯޓުން ނިންމީ ހެކި ހުށަހެޅި ސަބަބުތަކަށް ބަލާއިރު، ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަފީ ނުކުރެވޭނެތީ އެވެ. ދިފާއީ ހެކިން ހުށަހެޅީ މާރާމާރީ ހިންގި ތަނުގައި ފަރީދު ނުހުންނާނެ ކަން ސާބިތުކުރަން ކަމަށް ވާއިރު، ދައުލަތުން ހުށަހެޅި ހެކިންގެ ބަހުން އެ މާރާމާރީގައި ފަރީދު ބައިވެރިވިކަން އެނގޭ ކަން ދައުލަތުން ފާހަގަކުރި އެވެ.

މިއަދުގެ އަޑުއެހުމުގައި އަމިއްލަ އަށް ވާހަކަ ދައްކަމުން ފަރީދު ބުނިގޮތުގައި އެ މާރާމާރީ ބަޔަކު ހިންގުމުގެ ކުރިން އެ ސަރަހައްދުގައި އޭނާގެ ކޮއްކޮ އަށް ބަޔަކު ވަނީ ހަމަލާދީފަ އެވެ. އެކަން އޭނާ އަށް އެނގުނީ އޭނާގެ ގޭގައި ހުއްޓާ ކޮއްކޮ ގެއަށް އައިސް އެ ވާހަކަ ބުނުމުން ކަމަށާއި އޭނާ ހައްޔަރުކުރީ ގޭގައި ހުއްޓާ ކަމަށް ވެސް ފަރީދު ބުންޏެވެ.

ހެކިބަހުގައި ފުށުއެރުން ހުރި ކަމަށް ބުނެ ފަރީދު ބުނިގޮތުގައި ޝުހާދަށް އޭނާ ހަމަލާދިނީ ކަނާތުން ކަމަށް ހެކިވެރިން ބުނާއިރު، އޭނާއަކީ ވާތްތެރިއެކެވެ. އަދި ވަޅި ހަރާފައި ހުރީ ޝުހާދުގެ ކަނާތު އަރިކަށްޓަށް ކަމަށާއި އެކަމަކު ކަނާތުން އެހެން މީހެއްގެ ކަނާތު އަރިކަށްޓަށް ވަޅި ހެރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފަރީދު ބުންޏެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލާގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު ބުނާގޮތުން މަރުގެ އަދަބެއް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ މައްސަލައެއް ނިންމުމުންނެވެ. މަރުގެ ހުކުމް އައިސްފައިވާ މީހުންގެ ތެރެއިން ސުޕްރީމް ކޯޓުން މައްސަލަ ނިމިފައިވަނީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމާއި ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލްގެ މައްސަލާގަ އެވެ.