Roadha Mihaaru
"ނިވައިރޯޅި" ގެ ޕްރޮމޯޝަންތައް ފަށަން ބޮޑު އިވެންޓެއް

"ނިވައިރޯޅި" ގެ ޓީޒާ ޓްރެއިލާ ދައްކާލައި ޕްރޮމޯޝަން ފަށަން ބޮޑު އިވެންޓެއް ބާއްވަނީ

07 އޯގަސްޓް 2018

އޮކްޓޯބަރު 15 ގައި ޕްރިމިއާ ކުރަން ނިންމާފައިވާ، ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޕްރޮމޯޝަނަލް ބޮޑު އިވެންޓެއް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮކްޓޯބަރު 15 ގައި ޕްރިމިއާ ކުރަން ނިންމާފައިވާ، ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޕްރޮމޯޝަނަލް ބޮޑު އިވެންޓެއް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ފިލްމު ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ވެސް ކުޅޭ ނިއުމާ ބުނި ގޮތުގައި އެ ރޭގެ އިވެންޓްގައި "ނިވައިރޯޅި" ގެ ރަސްމީ ޕޯސްޓަރު ދައްކާލައި، ފިލްމްގެ ފުރަތަމަ ޓީޒާ ޓްރެއިލާ އާއި ތީމް ދެ ލަވަ އާއި ފިލްމަށް ހާއްސަ ޕްރޮމޯޝަނަލް ލަވައެއް ވެސް ދައްކައިލުން އޮންނާނެ އެވެ.

"އެކަމަކު އެ އިވެންޓް ބާއްވާނެ ތަނެއް އަދި މުޅިން ފައިނަލެއް ނުވޭ. މާލޭން ތަނެއް ނުލިބިއްޖެ ނަމަ، ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އިވެންޓް ބާއްވަން އެބަ މަސައްކަތް ކުރަން،" އޭނާ ބުންޏެވެ. "ޔަގީނުން ވެސް ވަރަށް ހާއްސަ އިވެންޓަކަށް މީތި ވެގެން ދާނެ. ހުންނާނެ ސަޕްރައިޒްތަކެއް ވެސް."

މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ މި ފިލްމުގެ ވަރަށް ބޮޑު ބައި ރ. އިނގުރައިދޫގައި ޝޫޓްކޮށްފައިވާ އިރު، ފިލްމްގެ ބައެއް މަންޒަރުތައް މާލޭގައި ވެސް ނަގަން ޖެހެ އެވެ. ނިއުމާ ބުނީ މިހާރު ޝޫޓް ނުކުރެވި އޮތީ ފިލްމްގެ އެންމެ ދެ ޕަސެންޓް ކަމަށެވެ.

"އޮކްޓޯބަރު ފަނަރަގައި ހަމަ ބެލުންތެރިންނަށް ފުރިހަމަ ފިލްމެއް ގެނެސް ދޭނަން،" އޭނާ ބުންޏެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

ނިއުމާ ބުނީ އަމާޒަކީ އޮކްޓޯބަރު 15 ގައި ފިލްމް އޮލިމްޕަހުގައި ޕްރިމިއާ ކުރާ އިރު، މަދުވެގެން ރާއްޖޭގެ 10 ރަށެއްގައި ވެސް ފިލްމް އެރޭ ދެއްކުން ކަމަށެވެ. އެގޮތުން ފިލްމް އަޅުވަން ޝައުގުވެރިވާ ރަށްތަކުން "ނިވައިރޯޅި" ގެ ރަސްމީ ފޭސްބުކް ޕޭޖަށް އިމްބޮކްސް ކުރުމުން ފުރުސަތު ފަހިވެގެން ދާނެ އެވެ.

"މިހާރު ވެސް ފަސް ރަށް އެބައޮތް ކޮމްފާމްވެފައި. ރަށްތަކުން ހަމަ ރިކްއެސްޓް ކުރަމުން ގެންދަންވީ. އޭރުން އަހަރެމެން ފިލްމް އެޅުވުމުގެ އިންތިޒާމުތައް ހަމަޖައްސާނަން،" ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފީޗާ ފިލްމް ކުޅުނު ބަތަލާ އެކްޓިން އަށް އަލްވަދާއު ކިޔާ ފިލްމެވެ.