Roadha Mihaaru
ތުނބުޅި ބަހައްޓަންވާނީ ވަރަށް ސާފުކޮށް

ތުނބުޅި ބަހައްޓަންވާނީ ވަރަށް ސާފުކޮށް

05 އޯގަސްޓް 2018

ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ސާފުތާހިރު ކަމަށެވެ. ބޮލާއި ތުނބުޅި ސްޓައިލްކުރުމުގައި ވެސް ހައްދުން ނެއްޓޭ ހިސާބަށް ގޮސް ސާފުތާހިރުކަން ގެއްލުވާލައިގެން ނުވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ސާފުތާހިރު ކަމަށެވެ. ބޮލާއި ތުނބުޅި ސްޓައިލްކުރުމުގައި ވެސް ހައްދުން ނެއްޓޭ ހިސާބަށް ގޮސް ސާފުތާހިރުކަން ގެއްލުވާލައިގެން ނުވާނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ޗެކް ރިޕަބްލިކްގެ ފުޓްބޯޅަ ތަރި ކެރެލް ޕޮބޯސްގެ ވާތު ކޮލަށް އިހްސާސް ނުވެ، ވާގި ނެތުނެވެ. ޓެސްޓްތަކުން އެނގުނީ އެކަން ދިމާވީ ތުނބުޅީގެ ތެރޭގައި ހާލި ހަދައިގެން އުޅުނު ސޫތްޕެއްގެ ސަބަބަބުން ކަމެވެ. އެކަމަކު މިއީ ވަރަށް ނާދިރު ކަމެކެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނި ގޮތުގައި ތުނބުޅި އަކީ ވަރަށް ރަނގަޅަށް ސާފުކޮށް ބަހައްޓަންޖެހޭ އެއްޗެކެވެ. އެ ދިރާސާއިން ދެއްކީ ވަރަށް ގިނަ މީހުން ތުނބުޅީގެ ސާފުތާހިރުކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭ ކަމެވެ.

ސިއްހަތަށް ނުރައްކާ ކޮށްފާނެ ބެކްޓީރިއާ ތުނބުޅީގައި އަށަގަތުމުގެ ފުރުސަތު ކުޑަ ކަމަށާއި އެކަމަކު ދާ ހިއްލުން ފަދަ ކަންކަމުގެ ސަބަބުން ހަމުގެ މައްސަލަތައް ކުރިމަތިވެދާނެތީ ފަރުވާތެރިވާންޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ދިރާސާގައި ބުނި ގޮތުގައި ތުނބުޅީގެ އިސްތަށިތަކުގައި އަށަގަންނަ ޖަރާސީމުގެ ބާވަތެއް ކަމަށްވާ ސްޓެފިލޮކޯކަސްއަކީ ހަމުގެ އިންފެކްޝަންތައް މެދުވެރި ކުރުވާ އެއްޗެކެވެ. އެގޮތުން ދާ ހިއްލުމުގެ ސަބަބުން، މޫނުގެ ހަންގަނޑު ކަހަން ދިމާވެ، ކުރަކިވެ، ހަންގަނޑަށް ތަފާތު އެކި ކަހަލަ ސިއްހީ މައްސަލަތައް ދިމާވެ އެވެ.

އެހެންވެ ތުނބުޅި ބަހައްޓާ ނަމަ، ސާފު ތާހިރު ކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހެ އެވެ. އެގޮތުން ގަވައިދުން ބިއަޑް ވޮޝް ބޭނުން ކުރުމާއި ތުނބުޅީގައި އުނގުޅާ ކްރީމާއި ތެޔޮ ފަދަ ތަކެތީގެ ބޭނުން ވެސް ކުރަން ޖެހެ އެވެ.