Roadha Mihaaru
މަތިންދާބޯޓުގައި އެންމެ ހަޑީ ކާއެއްޗެހި ބަހައްޓާ ޓްރޭ!

މަތިންދާބޯޓުގައި އެންމެ ހަޑި ތަނަކީ ކާއެއްޗެހި ބަހައްޓާ ޓްރޭ!

19 ޑިސެމްބަރ 2017

މަތިންދާބޯޓުގައި ދަތުރުކުރުމަކީ ކޮންމެ މީހަކަށް ވެސް މިހާރު ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ކަމެކެވެ. ބައެއް ފަހަރަށް ވަރަށް ގިނަ ވަގުތު ވެސް ހޭދަވެ އެވެ. ކުޑަކުޑަ ޖާގައެއްގައި ގިނަ އިރުތަކެއް ވަންދެން އިންނަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. ބައެއް ފަހަރަށް ޖެހިގެން ތިބޭ ދަތުރުވެރިން ވެސް އުނދަގޫވާ ޒާތުގެ ކަންތައްތައް ކުރެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މަތިންދާބޯޓުގައި ދަތުރުކުރުމަކީ ކޮންމެ މީހަކަށް ވެސް މިހާރު ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ކަމެކެވެ. ބައެއް ފަހަރަށް ވަރަށް ގިނަ ވަގުތު ވެސް ހޭދަވެ އެވެ. ކުޑަކުޑަ ޖާގައެއްގައި ގިނަ އިރުތަކެއް ވަންދެން އިންނަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. ބައެއް ފަހަރަށް ޖެހިގެން ތިބޭ ދަތުރުވެރިން ވެސް އުނދަގޫވާ ޒާތުގެ ކަންތައްތައް ކުރެ އެވެ.

ބައެއް މީހުންނަށް އިހުސާސްކުރެވެނީ ފާޚާނާއަކާ ކައިރީގައި އިންނަން ޖެހިއްޖެ ނަމަ ވަރަށް ނުތާހިރު ތަނެއްގައި އިނދެވޭ ކަމަށެވެ. ނަމަވެސް މިއަށް ވުރެ ވެސް މުޑުދާރު ތަންތަން މަތިންދާބޯޓުގައި ހުރެ އެވެ.

އިންޑިޕެންޑެންޓް ނޫހުގެ ރިޕޯޓެއްގައިވާ ގޮތުން މަތިންދާބޯޓުގައި ހުންނަ އެންމެ ނުތާހިރު ތަންތަން ދެނެގަންނަން ހަތަރު ފްލައިޓަކުން އެއްކުރި 26 އަށް ވުރެ ގިނަ ސާމްޕަލްތައް މައިކްރޮބައޮލޮޖިސްޓުންނަށް ފޮނުވައިގެން ވަނީ ޓެސްޓްކޮށްފަ އެވެ. މި ސާމްޕަލްތަކުގައި ޖަރާސީމު ހުރި މިންވަރު ބަލާފައިވެ އެވެ.

ޓެސްޓްގެ ނަތީޖާ ދެއްކި ގޮތުގައި އެންމެ ގިނަ ޖަރާސީމު އާއްމުކޮށް ހުންނަނީ ކޮންމެ މީހެއްގެ ގޮނޑިއާ ދިމާލުން ކުރިމަތީގައި ހުންނަ ޓްރޭ ޓޭބަލްގަ އެވެ. އެތަނުގައި ކޮންމެ އަކަ އިންޗިއަކަށް 2،155 ކޮލޮނީ ކޮންފޯމިން ޔުނިޓްސް (ސީއެފްޔޫ) ހުއްޓެވެ. ސީއެފްޔޫ އަކީ ސާމްޕަލްގައި ބެކްޓިރިއާ ސެލް ހުރި ވަރެއް ބެލުމަށް ބޭނުންކުރާ މިންގަނޑެކެވެ.

ދެ ވަނައަށް އެންމެ ގިނަ ޖަރާސީމު ހުންނަނީ އޯވަހެޑް ވެންޓްގަ އެވެ. އެ ތަނުގެ ކޮންމެ އަކަ އިންޗިއަކަށް 285 ސީއެފްޔޫ ހުރެ އެވެ. ފާޚާނާގެ ފްލަޝް ބަޓްންގައި ކޮންމެ އަކަ އިންޗިއަކަށް 265 ސީއެފްޔޫ ހުރިއިރު ސީޓްގެ ކަމަރުގެ ކޮންމެ އަކަ އިންޗިއަކަށް 230 ސީއެފްޔޫ ހުރި ކަމަށް ވެއެވެ.

ހައިރާންވާން ޖެހޭ ކަމަކީ ކާ އެއްޗެތި ބަހައްޓާ ޓްރޭ ޓޭބަލްގައި އެންމެ ގިނައިން ޖަރާސީމު ހުރުމެވެ. އެއީ ގިނަ ބަޔަކަށް ހީކުރެވިފައި އޮންނަ ގޮތާ ހިލާފު ނަތީޖާއެކެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެހެން ދިމާވަނީ ދެ ފްލައިޓާ ދެމެދު އެންމެ ބޮޑަށް ބޭނުންކުރެވޭ އެއް ތަނަށް ޓްރޭ ޓޭބަލް ވުމެވެ.

ޔުނިވަސިޓީ އޮފް އަރިޒޯނާ އިން ޓައިމް މަޖައްލާގެ ރިޕޯޓަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މަތިންދާބޯޓުގެ ޓްރޭ ޓޭބަލްގެ ސާމްޕަލްތަކުގައި އަރިދަފުސް ރޯގާގެ ވައިރަސް ވެސް ހުރެ އެވެ. އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހެން މެދުވެރިވާ ނޯރޯވައިރަސް ވެސް ޓްރޭ ޓޭބަލް އިން ފެންނަލެއް މަދެއް ނޫނެވެ.

ވަރަށް ގިނަ އެއާލައިންތަކުން ދުވާލަކު އެއް ފަހަރު ނުވަތަ ދިގު ދަތުރަކަށް ފަހު ފާޚާނާތަކުން ޖަރާސީމު ނައްތާލަ އެވެ. ނަމަވެސް ޓްރޭ ޓޭބަލް ގިނަ ފަހަރަށް ސާފުކޮށްލަނީ އެ ދުވަހަކު ކުރާ އެންމެ ފަހު ދަތުރު ނިންމާލުމަށް ފަހުގަ އެވެ.

މަތިންދާބޯޓުގައި މިހާރު ގިނަ އަދަދެއްގެ މީހުން ދަތުރުކުރާއިރު އެމީހުންގެ ގައިގެ ހަމުގަޔާއި ލައިގެން ހުންނަ ހެދުން އަދި ގެންގުޅޭ އެއްޗިއްސާ އެކު ގިނަ އަދަދެއްގެ ޖަރާސީމު މަތިންދާބޯޓަށް ޖަމާވެ އެވެ. އޭގެ ބައެއް ޖަރާސީމު އެހެން މީހުންގެ ގަޔަށް އަރަ އެވެ.

އެމްއާރްއެސްއޭ އާއި އީ ކޮލީ ޖަރާސީމު ވެސް ވަރަށް ގިނައިން ޓްރޭ ޓޭބަލް އާއި ސީޓް ބެލްޓް ފަދަ ތަކެތީގައި ހުންނަ ކަމަށް ހޯދުންތަކުން ދައްކަ އެވެ.

ތަޖުރިބާކާރުން އިރުޝާދު ދެނީ ދަތުރުކުރާ ކޮންމެ މީހަކު ވެސް ކުޑަ ހޭންޑް ސެނިޓައިޒާ ފުޅިއެއް ގެންގުޅުމަށެވެ. އެއީ ދަތުރުމަތީގައި އުޅޭއިރު އަތް ސާފުކޮށް ބެހެއްޓުމަށެވެ.