Roadha Mihaaru
ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް، މަޝްވަރާ ކުރުން ބޭކާރު: އީރާން

ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް، މަޝްވަރާ ކުރުމަކީ ބޭކާރު ކަމެއް: އީރާން

01 އޯގަސްޓް 2018

ތެހެރާން (އޮގަސްޓް 1) - އެއްވެސް ޝަރުތަކާ ނުލައި އީރާންގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ނަމަވެސް ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް ކަމަށާއި އޭނާއާ އެކު ކުރާ މަޝްވަރާގައި އެއްވެސް އަގެއް ނޯންނާނެ ކަމަށް ބުނެ އީރާނުގެ ވެރިން ރައްދު ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (އޮގަސްޓް 1) - އެއްވެސް ޝަރުތަކާ ނުލައި އީރާންގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ނަމަވެސް ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް ކަމަށާއި އޭނާއާ އެކު ކުރާ މަޝްވަރާގައި އެއްވެސް އަގެއް ނޯންނާނެ ކަމަށް ބުނެ އީރާނުގެ ވެރިން ރައްދު ދީފި އެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވިތާ ތިން މަސް ފަހުން، މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް ޓްރަމްޕް ވަނީ ރޫހާނީއާ ބައްދަލުކޮށް ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބަހްރާމް ގާސިމީ ވިދާޅުވީ ޓްރަމްޕުގެ ހުށަހެޅުމާއި އޭނާގެ އަމަލުތަކާ ދިމާ ނުވާ ކަމަށެވެ. އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައި އީރާނާ އެހެން ގައުމުތަކުން ވިޔަފާރި ކުރުން މަނާ ކުރަމުންދާ އިރު މަޝްވަރާ ކުރަން ހުށަހެޅުން ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާން ޕާލަމެންޓުގެ ނައިބް ރައީސް އަލީ މޮތާހަރީ ވިދާޅުވީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިނުވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނޭޅި ނަމަ އެމެރިކާއާ އެކު މަޝްވަރާ ކުރުމުގައި މައްސަލައެއް ނެތް،" އީރާނުގެ ރަސްމީ ނޫސް އެޖެންސީ އަށް އޭނާ ވިދާޅުވި އެވެ.

އީރާން ޕާލަމެންޓުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ވެރިޔާ ހިޝްމަތުﷲ ފަލަހަތުޕިޝޭހް ވިދާޅުވީ ތެހެރާންއާ އެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ކުރިން ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވާން ޖެހޭނެ ކަމަށެވެ. އީރާންގެ ސްޓްރެޓެޖިކް ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ވެރިޔާ ކަމާލް ޚައްރާޒީ ވިދާޅުވީ ޓްރަމްޕުގެ ހުށަހެޅުމަކީ ބޭކާރު އެއްޗެއް ކަމަށެވެ.

ޓްރަމްޕުގެ ފަރާތުން ސުލްހައިގެ މި ހުށަހެޅުން އައިސްފައި މި ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީއާ އެކު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު އެވެ.

ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ވަރަށް ވަރުގަދަ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. އެކަމަކު އެންމެ ފަހުން މިދިޔަ ޖޫން މަހު 12 ވަނަ ދުވަހު ޓްރަމްޕް ވަނީ ކިމްއާ ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ.