Roadha Mihaaru
ދިވެހިން ބައިވެރިވެގެން ދިވެއްސެއްގެ ބޯ ކަނޑާލައިފި

ސީރިޔާގައި ދިވެހިން ބައިވެރިވެގެން ދިވެއްސެއްގެ ބޯ ކަނޑާލައިފި

24 ޖުލައި 2018

ޖިހާދު ކުރުމުގެ ނަމުގައި ސީރިޔާ އަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު، އެ ޖަމާއަތާ އިދިކޮޅު ތަހުރީރުއް ޝާމުން ހައްޔަރުކޮށް ބޯ ކަނޑައި މަރާލައިފި އެވެ.

ޖިހާދު ކުރުމުގެ ނަމުގައި ސީރިޔާ އަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު، އެ ޖަމާއަތާ އިދިކޮޅު ތަހުރީރުއް ޝާމުން ހައްޔަރުކޮށް ބޯ ކަނޑައި މަރާލައިފި އެވެ.

"މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ބޯ ކަނޑައި މަރާލައިފައި ވަނީ ވ. މެޑެލްޖެހިގޭ، އަހުމަދު ޒުބައިރު (ޒުއްބަ) އެވެ.

ތަހުރީރުއް ޝާމް (އައް ނުސްރާ ފްރަންޓް) އިން ޒުބައިރު ހައްޔަރު ކޮށް ބޯ ކަނޑައިލުމުގައި، ތަހްރީރުއް ޝާމްއާ ގުޅިގެން ހަނގުރާމަ ކުރަމުންދާ ބައެއް ދިވެހީންގެ އަތެއް ވާ ކަމަށް ވެސް އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފަ އެވެ.

އައިސިސްގެ ހަނގުރާމަވެރިން ގަބޫލުކުރާ ގޮތުގައި ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިންނަކީ ކާފަރުވެ މަގު ގެއްލިފައިވާ މީހުންނެވެ. އަދި ތަހުރީރުއް ޝާމްގެ މީހުން ގަބޫލުކުރާ ގޮތުގައި ކާފަރުވެ މަގު ގެއްލިފައިވާ ބަޔަކީ އައިސިސްގެ ހަނގުރާމަވެރިންނެވެ.

ޒުބައިރު މަރާލާފައި މި ވަނީ، މީގެ ކުރިން ވެސް ތަހުރީރުއް ޝާމް އިން އޭނާ ހައްޔަރުކޮށްގެން ދުވަސްތަކަކު ގެންގުޅުމަށް ފަހު ދޫކޮށްލާފައި ވަނިކޮށް، އަނެއްކާ ވެސް އައިއެސް ޖަމާއަތުގެ މީހުންނާ ގުޅިގެން ހަނގުރާމައިގައި އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހުގަ އެވެ.

ޒުބައިރަކީ މާލޭގައި ކުރިން އުފެދުނު ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ "ޑޮޓް" އަށް ނިސްބަތްވި މީހެކެވެ.

ދީނީ ހަރުކަށި ޖަމާއަތްތަކުގެ މީހުންގެ އަމަލުތައް ދިރާސާކުރާ ތަޖުރިބާކާރަކު ބުނީ ސީރިޔާގައި ހަނގުރާމަ ކުރަމުން އަންނަ އައިސިސް އަދި ނުސްރާއާ ވެސް ދިވެހިން ގުޅެމުން އަންނަ ކަމަށާއި، އެ ދެ ޖަމާއަތުގައި އުޅޭ ދިވެހީންގެ މެދުގައި ވެސް މިހާރު ހަނގުރާމަކުރާ ކަމަށެވެ.

"މިހާރު މި ދެ ޖަމާއަތަށް ނިސްބަތްވާ ދިވެހިންގެ މެދުގައި ވެސް އަންނަނީ ހަނގުރާމަ ކުރަމުން. ޒުބައިރު މަރާލުމުގައި ވެސް ދިވެހިން ވަނީ ބައިވެރިވެފައި،" އޭނާ ބުންޏެވެ.

ދީނީ ހަރުކަށި ވިސްނުމުގެ އައިސިސް އާއި ތަހްރީރުއް ޝާމް ފަދަ ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް ބޭރު ގައުމުތަކަށް ދާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ސީރިޔާގެ ހަނގުރާމަ އަށް ދިޔަ ދިވެހިންގެ އަދަދު ގާތްގަނޑަކަށް ފަންސާހާ ގާތް ކުރާ ކަމަށް ސަރުކާރުން ބުނާއިރު ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަނީ ބޭރު ގައުމުތަކުގެ ހަނގުރާމައިގައި ބައިވެރިވާ ދިވެހިންގެ އަދަދު 250 އާ ގާތްކުރާނެ ކަމަށެވެ.