Roadha Mihaaru
ފުލުހުންގެ މިއަށް ވުރެ މިނިވަން ޒަމާނެއް ނާދޭ:އަޒުލީން

މިއަށް ވުރެ މިނިވަންކޮށް ފުލުހުން ތިބި ޒަމާނެއް ނާދޭ: ހޯމް މިނިސްޓަރު

23 ޖުލައި 2018

ދިވެހި ފުލުހުންގެ މުއައްސަސާ މިއަށް ވުރެ މިނިވަންކޮށް އޮތް ޒަމާނެއް ނާންނަ ކަމަށް، ހޯމް މިނިސްޓަރު އަޒުލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދިވެހި ފުލުހުންގެ މުއައްސަސާ މިއަށް ވުރެ މިނިވަންކޮށް އޮތް ޒަމާނެއް ނާންނަ ކަމަށް، ހޯމް މިނިސްޓަރު އަޒުލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ އެތައް ބަޔަކާ މެދު ގާނޫނާއި ގަވާއިދާ ހިލާފަށް އެތައް ތަހުގީގެއް ހިންގާކަމާއި ހެކި އުފައްދާކަމުގެ ތުހުމަތު ފުލުހުންގެ ބޮލުގައި އެޅިފައި އޮތް ދުވަސްވަރެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ ސިޔާސީ އެކި ފަރާތްތަކުން ފުލުހުންގެ މައްޗަށް އަންނަ ނުފޫޒުތައް، ރައީސް އަބްދުﷲ ޔާމީން ވަނީ ވަރަށް ބޮޑަށް ކުޑަކުރައްވާފައި ކަމަށެވެ.

ހިދުމަތުގައި އުޅެނިކޮށް ޝަހީދުވެފައިވާ ފުލުހުންގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރާ "ޕޮލިސް މެމޯރިއަލް ޑޭ"ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒްލީން ދިވެހި ފުލުހުން ސިފަކުރެއްވީ "މުގައްދަސް މުއައްސަސާއެއް"ގެ ގޮތުގަ އެވެ. އަދި ފުލުހުންގެ "ވެރިންގެ ކަރާމަތާއި އަބުރަށް އަރައިގަތުމު"ގެ ހިތްވަރު "ގައުމިއްޔަތަށް ލޯބި ހުރި އެއްވެސް ދިވެއްސަކަށް ލިބިގެން ނުވާ" ކަމަށް ވިދާޅުވެ، އާންމުންނަށް ވެސް އޭނާ ވަނީ މެސެޖެއް ދެއްވައިފަ އެވެ.

އަޒުލީން ވިދާޅުވީ މިފަދަ މުއައްސަސާއެއްގެ "ކަރާމާތް" ހިފަހައްޓައިދިނުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ގައުމަށް އަންނަ ބަދަލަކުން، އެއްވެސް ފުލުހަކު އެ މީހަކު ދިރިއުޅޭ "އެޕާޓްމެންޓުން" ނިކުންނާކަށް ނުޖެހޭނެ އެވެ. އެގޮތަށް ވިދާޅުވެ ތައުރީފް ކުރެއްވީ ވެސް ރައީސް ޔާމީނަށެވެ. އޭނާ ވިދާޅުވީ ގައުމަށް އަންނަ ސިޔާސީ ބަދަލުތަކުގެ ސަބަބުން އެއްވެސް ފުލުހަކަށް ނިކަމެތިކަމެއް ނުލިބޭނެ ގޮތަށް، ދުުރު ރާސްތާގެ ސިޔާސަތުތަކެއް ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ ބަދަލުތަކުގެ ސަބަބުން އެއްވެސް ފުލުހަކު އެ މީހުންގެ އެޕާޓްމަންޓުން ނިކުމެގެން ދާން ނުޖެހޭނެ ގޮތްތައް ހައްދަވަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި ޖަލްސާގައި އަޒްލީން ވިދާޅުވި ގޮތުގައި ފުލުހުންނަކީ، އެއްވެސް ބައެއްގެ ނުފޫޒުގެ ދަށުގައި ތިބެގެން މަސައްކަތް ކުރަން ޖެހޭނެ ބައެއް ކަމަކަށް ރައީސް ގަބޫލުފުޅެއް ނުކުރައްވަ އެވެ. އެހެންވެ، ފުލުހުންގެ އިދާރާ، ހުރިހާ ގޮތަކުން ވެސް މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބާއްވަން އެމަނިކުފާނު ވަރަށް މުހިއްމު ސިޔާސަތުތަކެއް ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް

"ވޭތުވެ ދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި، 700 ފްލެޓް ފުލުހުންނަށް ހޯދައިދެއްވުމަށް ރައީސް ވަނީ މަސައްކަތް ކުރައްވާފައި. މިއީ ވެސް ފުލުހުންގެ މިނިވަންކަމާއި ތަރައްގީއަށް ގައުމުގެ ވެރިޔާ ދެއްވާ އަހައްމިއްޔަތުކަން އެނގިގެންދާ ކަމެއް،" އަޒުލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ވާޖިބު ފިޔަވައި ފުލުހުންގެ މައްޗަށް އިތުރު އަމުރު މައުރޫފެއް ނާންނާނެ އެވެ.

އެކަމަކު ފުލުހުންނަކީ ވެސް އިންސާނުންކަމުން އެ މީހުންނަށް ވެސް ކުށްކުރެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތެރެއިން މަދު މީހަކަށް ކުރެވޭ ވިޔާނުދާ ކަމަކުން، މުޅި މުއައްސަސާގެ އަގު ވައްޓާލައިގެން ނުވާނެ ކަމަށެވެ.

"މި ގައުމު މިގޮތަށް އަމާންކަމާއި އޮމާންކަމާ އެކު އޮތުމުގެ ހަގީގީ ސިއްރަކީ ފުލުހުންގެ ބުރަ މަސައްކަތް. އެހެންވެ، ޑިމޮކްރަސީގެ ދުވަސްވަރެކޭ ބުނެ، ޑިމޮކްރެޓިކް ހުރިހާ އުސޫލުތައް ރައްޔިތުންނަށް ކަށަވަރުކޮށްދޭ ފުލުހުންނާ މެދު ދެކެވޭ ތަފާތު ވާހަކަތަކަށް ތާއީދުކޮށްގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ އިދާރާއަކީ ރާއްޖޭގައި ހުރި އެންމެ މުގައްދަސް މުއައްސަސާއެވެ. އަދި ޕްރޮފެޝަނަލް ސްޓެންޑަޑްގެ ތެރޭގައި މަސައްކަތް ކުރުމުގައި އެތަނުން އަންނަނީ އެހެން ހުރިހާ މުއައްސަސާތަކަށް ނަމޫނާ ދައްކަމުން ކަމަށް ވެސް ވިދާޅުވި އެވެ.