Roadha Mihaaru
80 މިލިއަން ޑޮލަރު ގުނީ ރައީސްގެ ގެކޮޅުގައި: އަދީބު

ހިޔާނާތުގެ 80 މިލިއަން ޑޮލަރު ގުނީ ރައީސްގެ ގެކޮޅުގައި: އަދީބު

22 ޖުލައި 2018

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮޮލަރު ގުނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮޮލަރު ގުނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ.

ރައީސް ޔާމީނާ އެންމެ ބޮޑު ގާތްކަމެއް ކުރިން އޮތް އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީން ރަށްތައް ދޫކޮށްގެން ލިބުނު 80 މިލިއަން ޑޮލަރު ގެންގޮސް ރައީސް ޔާމީންގެ އޭރުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެހީގައި ގުނި އިރު އެތަނުގައި ފައިސާ ގުނަން ހާއްސަ ކޮޓަރިއެއް ވެސް ހުންނަ ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނާ ހިލާފަށް 10 ރަށެއް ދޫކުރި ކަމުގެ ޝަރީއަތުގައި މިއަދު އޭނާ ވިދާޅުވި ގޮތުގައި ގައުމު ހިންގަވަން ހަވާލުކުރުމާ އެކު ރައީސް ޔާމީން ހަވާލުވެވަޑައިގަތީ "ޑޮލަރު ގުނުމު"ގެ މަސައްކަތާ އެވެ. އޭރު ދޫވެހީގައި ވަކިން ހުންނަ ކޮޓަރީގައި ފައިސާ ގުނަން ބަންގްލަދޭޝް މީހަކު ހުންނަ ކަމަށް ވެސް، 33 އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު، ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ޖަމާކުރީ ރައީސް ޔާމީންގެ އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާކުރީ އެ "ވައްކަންތައް ފޮރުވަން" ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ކުލި ޖަމާކުރަމުން ދިޔައީ މީރާ އަށެވެ. އެކަމަކު އެކަން ބަދަލު ކުރައްވައި، ހުރިހާ ފައިސާއެއް އެމްއެމްޕީއާރުސީ އަށް ޖަމާކުރާ ގޮތަށް ނިންމެވީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީގެ މައްސަލަ ކަމަށް އަދީބު ވެސް ކޯޓުގައި އެއްބަސްވެވަޑައިގަތެވެ. ނަމަވެސް ތަހުގީގު ނިންމަން އޭސީސީ އަށް ތިން އަހަރު ލިބުނު އިރު، އޭނާގެ މައްޗަށް ދައުވާ ކުރަން ލިބުނީ އެންމެ 10 މައްސަލަ ކަމަށް ވިދާޅުވި އެވެ.

އެ ދައުވާތަކުގައި އެމްއެމްޕީއާރުސީން ރަށްތައް ދޫކުރަން އެއްބަސްވުން ހެދީ ރައީސްގެ ލަފާފުޅު ލިބިގެން ނޫން ކަމަށް ބުނެފައިވިޔަސް، އަދީބު ވިދާޅުވީ، އެ ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން ރައީސްގެ ސިޓީފުޅުތައް ލިބިވަޑައިގެންނެވި ކަމަށެވެ.

އަދީބު ވަނީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން ކުރެއްވި މަސައްކަތްތަކުގެ ބައެއް ވާހަކަތައް ވެސް ޝަރީއަތުގައި ހިއްސާކުރައްވައިފަ އެވެ. އެގޮތުން އޭނާ އޭނާ ދޫކުރެއްވި ރަށްތަކުގެ ތެރެއިން 35 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކޮށް ހުޅުވާފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ގިނަ ރަށްރަށް އެކި މީހުންނަށް ދޫކުރީ ބިޑަށް ނުލައި ކަމަށް ވިޔަސް މިއަދުގެ ޝަރީއަތުގައި އަދީބު ވިދާޅުވީ އެ ހުރިހާ ރަށެއް ވެސް ދޫކުރީ ބިޑަށް ހުޅުވާލައިގެން ކަމަށެވެ. އެހެންކަމުން އެ ރަށްރަށާ ގުޅުވައިގެން އޭނާގެ މައްޗަށް ދައުވާކުރުމަކީ ރައީސް ޔާމީން އޭނާއަށް ދެއްވާ "ސިޔާސީ ހަދިޔާއެއް" ކަމަށް ވިދާޅުވި އެވެ.

އަދީބު ވިދާޅުވަނީ ގައުމު ހިންގެވުން އޭނާ އާ ހަވާލުކުރެއްވުމަށް ފަހު ރައީސް ޔާމީން އުޅުއްވީ ޑޮލަރު ގުނުމުގެ މަސައްކަތްޕުޅުގައި ކަމަށް

އޭނާ ވިދާޅުވި ގޮތުގައި ރަށްތައް ދޫކުރި ގޮތާއި އޭގެ ބައެއް ފައިސާ ރައީސްގެ ގެކޮޅަށް ވެއްދި ކަންކަމުގެ ވާހަކަ ނުދައްކަވަން ރައީސް ޔާމީން އެންގެވި އެވެ.

އަދީބު އެގޮތަށް ތުހުމަތުކުރެއްވި އިރު ރައީސް ޔާމީން މީގެ ކުރިން އެތައް ފަހަރަކު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ހިޔާނާތުގެ ކަންކަން އެނގިވަޑައިގަތީ ފަހުން ކަމަށާއި އެހެންކަމުން "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވެސް، މިދިޔަ އަހަރުގެ އޮގަސްޓް 14 ގައި ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި އަދީބު ވަނީ އޭނާ އޮންނަވާ ޖަލުގެ ގޮޅީގެ ހާލަތު، ގާޒީ އާދަމް އާރިފްގެ ސަމާލު ކަމަށް ވެސް ގެންނަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ލޯ އަނދިރިވިޔަސް" އަވަހާރަފުޅުލައްޕަވަން ޖެހެނީ ސިމެންތި އައްޓެއްގައި "ހަށަން ބަނދެގެން"ނެވެ. އަދި ބައެއް ފަހަރު އަތް އައްސިވެގެން ތެދުވެވަޑައިގަންނަވަން ޖެހޭ ކަމަށާއި އެކަހެރިކޮށް ގެންގުޅޭތާ ހާހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ "ޖަލުގައި މަރާލިޔަސް" ނުކުރައްވާ ކަމަކަށް ދުވަހަކު ވެސް އެއްބަސްވެ ވަޑައިނުގަންނަވާނެ ކަމަށެވެ.