Roadha Mihaaru
ކޭއެފްސީގެ ރެސްޓޯރަންޓް ހޯމަ ދުވަހު ހުޅުވަނީ

މަޝްހޫރު ކޭއެފްސީގެ ރެސްޓޯރަންޓް ހޯމަ ދުވަހު މާލޭގައި ހުޅުވަނީ

21 ޖުލައި 2018

އެމެރިކާގެ މަޝްހޫރު ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ ރެސްޓޯރަންޓް ހޯމަ ދުވަހު މާލޭގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެމެރިކާގެ މަޝްހޫރު ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ ރެސްޓޯރަންޓް ހޯމަ ދުވަހު މާލޭގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ތެލުލި ކުކުޅުން މަޝްހޫރުކަން ހޯދާފައިވާ ކޭއެފްސީގެ ރެސްޓޯރަންޓެއް ހުޅުވަނީ ޕިއްޒާ ހަޓް ވެސް ހުޅުވާފައި ހުންނަ އަމީނީމަގުގައި ހުންނަ މާލޭ ސްކެއާ (ގާކޮށި)ގަ އެވެ.

މާލޭގައި ހުޅުވާ ކޭއެފްސީ ރެސްޓޯރަންޓްގައި 120 މީހުންގެ ޖާގަ ހުރެ އެވެ.

ރާއްޖޭގައި އެފްއެފްސީ ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެތަނުގެ އަގުތައް ރާއްޖޭގައި މިހާރު ހިންގާ ފާސްޓް ފުޑް ރެސްޓޯރަންޓްތަކާ އަޅާބަލާއިރު ހެޔޮވާނެ ކަމަށެވެ.

އެމެރިކާގެ މަޝްހޫރު ކޭއެފްސީގެ އައުޓްލެޓް މާލޭގެ ގާކޮށީގައި ހުޅުވަން ތައްޔާރުކޮށްފައި: މިތަން އަންނަ ހޯމަ ދުވަހު ރަސްމީކޮށް ހުޅުވާނެ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެމެރިކާގެ މަޝްހޫރު ކޭއެފްސީގެ އައުޓްލެޓް މާލޭގެ ގާކޮށީގައި ހުޅުވަން ތައްޔާރުކޮށްފައި: މިތަން އަންނަ ހޯމަ ދުވަހު ރަސްމީކޮށް ހުޅުވާނެ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"މިތަނުގެ އަގުތައް ހުންނާނީ ދިވެހިންނަށް އެކަށީގެންވާ ހެޔޮއަގުތަކެއްގައި. އަޅުގަނޑުމެން އަގުތައް ކަނޑައެޅުމުގައި މިހާރު ރާއްޖޭގައި ހިންގާ މިވައްތަރުގެ އެހެން ފާސްޓް ފުޑް ތަންތަނުގެ އަގުތަކަށް ބަލާފައިވާނެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ހޯމަ ދުވަހު ހެނދުނު 8:30 ގައި ރަސްމީކޮށް އެތަން ހުޅުވާއިރު، ކަސްޓަމަރުންނަށް ހުޅުވާލާނީ އެ ދުވަހު ހެނދުނު 11:00 ގައި ކަމަށެވެ. އަދި އެންމެ ފުރަތަމަ ހިދުމަތް ހޯދާ 100 ކަސްޓަމަރުންނަށް ކޭއެފްސީ ލޯގޯ ޖެހި ޓީޝާޓް ބެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި ކޭއެފްސީ ހުޅުވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ކޭއެފްސީގެ ރެސްޓޯރަންޓެއް ހުޅުވަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ އެއާޕޯޓުގައި ރެސްޓޯރަންޓް ހުޅުވާ ކުންފުންޏާއި މާލޭގައި ހުޅުވާ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތެވެ.

މާލޭގައި ކޭއެފްސީ ހިންގާނީ ޕިއްޒާ ހަޓް ވެސް ހިންގާ ރާއްޖޭގެ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި ގެމަ އައިލެންޑް ފުޑް އިންނެވެ. ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް އަކީ އިންޑިއާ އާއި ސްރީލަންކާގައި ޕިއްޒާ ހަޓާއި ކޭއެފްސީ އައުޓްލެޓްތައް ވެސް ހިންގާ ކުންފުންޏެެވެ.

އެމެރިކާގެ މަޝްހޫރު ކޭއެފްސީގެ އައުޓްލެޓް މާލޭގެ ގާކޮށީގައި ހުޅުވަން ތައްޔާރުކުރުމުގެ މަސައްކަތް މިއަދު ކުރަނީ: މިއީ ކޭއެފްސީގެ އައުޓްލެޓެއް މާލޭގައި ހުޅުވާ ފުރަތަމަ ފަހަރު. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެ ކުންފުނިން މާލޭގައި ޕިއްޒާ ހަޓް ހުޅުވީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

ވެލާނާ އެއާޕޯޓުގެ ވޯޓާ ފްރަންޓްގައި އަލަށް ހަދާފައިވާ ރެސްޓޯރަންޓް ބިލްޑިންގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްސީއެލް) އިން ޕިއްޒާ ހަޓާއި ކޭއެފްސީ ހުޅުވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ ގުޅިގެންނެވެ. ނަމަވެސް އެއާޕޯޓުގައި ހަދާ އެ ދެ ރެސްޓޯރަންޓް ހުޅުވާނެ ދުވަހެއް އަދި ނުބުނު އެވެ.