Roadha Mihaaru
އަޑުއެހުމެއް ސިއްރުކުރާތީ ފާރިސްގެ ހުށަހެޅުމެއް ނަގައިފި

އަޑުއެހުމެއް ސިއްރު ކުރާތީ ފާރިސްގެ ހުށަހެޅުމެއް އަނބުރާ ނަގައިފި

18 ޖުލައި 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި، ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން މިއަދުގެ އަޑުއެހުން ވަކި ހިސާބަކުން ސިއްރު ކުރަން ދައުލަތުން އެދުމުން ފާރިސްގެ އެ ހުށަހެޅުން އޭނާގެ ފަރާތުން އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި، ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން މިއަދުގެ އަޑުއެހުން ވަކި ހިސާބަކުން ސިއްރު ކުރަން ދައުލަތުން އެދުމުން ފާރިސްގެ އެ ހުށަހެޅުން އޭނާގެ ފަރާތުން އަނބުރާ ގެންގޮސްފި އެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރަން އުޅުމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގެ ވަކި ހިސާބަކުން އަޑުއެހުން ސިއްރު ކުރަން ދައުލަތުން އެދުނީ އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ފާރިސަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެންނެވެ.

އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ވަނީ ފާރިސަށް އަނިޔާ ނުކުރާ ކަން ސާބިތުކޮށް ދިނުމަށްޓަކައި، އޭނާ ބަންދު ކޮށްފައި ހުންނެވި ގޮޅި އާއި ގޮޅި ހިމެނޭ ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކެއް ހުށަހަޅައިފަ އެވެ. އެ ވީޑިއޯއަކީ އަނިޔާކުރި ކަމަށް ބުނާ ދުވަހު ފާރިސް ގޮޅިން ނުކުތީ އަދި ތަހުގީގު ކުރި ކޮޓަރިއާ ހަމައަށް ދިޔައީ ފާރިސްގެ އަމިއްލަ އިހްތިޔާރުގައި ކަމާއި އަދި ތަހުގީގު ކޮޓަރީގައި ކަން ހިނގި ގޮތް އެނގޭނެ ވީޑިއޯއެއް ކަމަށް ދައުލަތުން ބުންޏެވެ.

އެކަމަކު ވީޑިއޯ ޝަރީއަތުގައި ދައްކަން ބޭނުން ވަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރު ކޮށްގެން ގެންދާ މަޖިލީހެއްގައި ކަމަށާއި އެހެންވެ މިއަދުގެ އަޑުއެހުން އެ ހިސާބުން ސިއްރު ކޮށްދޭން ދައުލަތުން އެދުނެވެ.

ސަބަބެއްގެ ގޮތުގައި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ އަހުމަދު ވިދާޅުވީ އެ ވީޑިއޯގައި ފެންނާނީ މީހުން ބަންދު ކޮށްފައި ތިބޭ ގޮޅިތަކާއި ގޮޅިތައް ހިމެނޭ ސަރަހައްދުތައް ކަމަށް ވެފައި، އެ މަންޒަރުތައް އާންމުވެއްޖެ ނަމަ އެ ތަނުގެ ސަލާމަތަށް ބުރޫ އަރާފާނެތީ އެވެ. އަދި ގާނޫނުއަސާސީ އާއި ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތް ގޮތުން ވެސް މުޖްތަމައާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަންކަމުގައި ޝަރީއަތް ސިއްރު ކުރެވިދާނެ ކަން ފަޒްނާ ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ އެ ހުށަހެޅުމަށް ފާރިސްގެ ވަކީލު ދެކޮޅު ހެއްދެވި އެވެ. ފާރިސްގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ އެ ވީޑިއޯ ދެއްކުމަށްޓަކައި ޝަރީއަތް ސިއްރު ކުރަން ނުޖެހޭ ކަމަށާއި އެކަމުގައި ސިއްރު ކުރަންޖެހޭ ކަމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އާންމުކޮށް ހުޅުވާލާފައިވާ މަޖިލީހެއްގައި އެ ވީޑިއޯ ދެއްކިޔަސް، ސަލާމަތާއި ރައްކާތެރި ކަމަށް އެއްވެސް ނުރައްކަލެއް ކުރިމަތި ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޝަރީއަތް ސިއްރު ކޮށްގެން އެ ވީޑިއޯ ދައްކާ ނަމަ ފާރިސްގެ އެ ހުށަހެޅުން އަނބުރާ ގެންދަން ބޭނުންވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި ވީޑިއޯއަކީ ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ދައުލަތުން ހުށަހެޅި ވީޑިއޯއެއް ކަމަށް ވާ އިރު، ފާރިސްގެ ފަރާތުން ފާހަގަކުރި ކަންކަން ސާފު ކުރެވޭނީ އެ ވީޑިއޯ ބެލުމަށް ފަހު ނޫންތޯ ފާރިސްގެ ވަކީލާ އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ފާރިސްގެ ވަކީލު ތަކުރާރުކޮށް ވިދާޅުވީ ޝަރީއަތް ސިއްރު ކޮށްގެން ވީޑިއޯ ދައްކާ ނަމަ އެ ހުށަހެޅުން އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ. އަދި ފަހުން ފާރިސް ވެސް ތެދުވެ ވަޑައިގެން ވިދާޅުވީ ޝަރީއަތް ސިއްރު ކޮށްގެން އެ ވީޑިއޯ ދައްކާ ނަމަ، އޭނާގެ ހުށަހެޅުން އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ.

ފާރިސަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެއްވެސް ރިޕޯޓެއް ތައްޔާރު ކޮށްފައި އެބައޮތްތޯ ވިދާޅުވެ އިސް ގާޒީ ހައިލަމް ދައުލަތާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެކަމާ ބެހޭ ރިޕޯޓެއް އެބައޮތް ކަމަށާއި އަދި ފާރިސް ހުރި ގޮޅީގެ ލޮގްތަކުން ވެސް ކަން ހިނގި ގޮތް އެނގޭ ކަމަށެވެ.

އެ ރިޕޯޓް ބެއްލެވުމަށް ފަހު އިސް ގާޒީ ހައިލަމް ވިދާޅުވީ ފާރިސްގެ ފަރާތުން ފާހަގަކުރާ ކަންކަން ހިނގާފައި ނުވާ ކަމަށް އެ ރިޕޯޓުގައި އެބައޮތް ކަމަށެވެ.

ޝަރީއަތުގެެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ފާރިސްގެ ފަރާތުން 30 ހުށަހެޅުމެއް ކުރިން ހުށަހަޅާފައިި އޮތް އިރު އޭގެ ތެރެއިން މިހާތަނަށް ގޮތެއް ނުނިމި އޮތީ އެންމެ ދެ ހުށަހެޅުމަކާ މެދު އެވެ. އެއީ އަނިޔާކުރި ކަމަށް ބުނާ ހުށަހެޅުމާއި ފާރިސް ދިރިއުޅުއްވި މ. ސްނޯރޯސް ފާސް ކުރުމަށް ފަހު ފުލުހުން ތައްޔާރުކުރި ކްރައިމް ސީން އޮފިސާގެ ރިޕޯޓާއި އެ ރިޕޯޓް ހެދި ފުލުސް މީހާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.

ކްރައިމް ސީން އޮފިސާ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ފާރިސްގެ ފަރާތުން ހުށަހެޅީ އެ ގެ ފާސް ކުރި އިރު ވީޑިއޯ ކޮށްފައި ނެތުމުން އެއީ 2009 ގައި ހަދާފައިވާ ފުލުހުންގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އާ ޚިލާފް ކަމެއް ކަމަށް ބުނެ އެވެ. އެ ހުށަހެޅުމާ ބެހޭ ގޮތުން ވެސް މިއަދު ދެ ފަރާތުން ބަހުސް ކުރި އެވެ.

ދައުލަތުން ބުނީ 2015 އިން ފެށިގެން ފުލުހުން އަމަލު ކުރާ ކޮލިޓީ މެނުއަލް އޮތް ގޮތުން ލާޒިމްވަނީ ކްރައިމް ސީންގެ ފޮޓޯ ނަގަން ކަމަށާއި އެކަމަކު ވީޑިއޯ ކުރުމަކީ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. އެ މެނުއަލްގެ ކޮޕީއެއް ދައުލަތުން ޝަރީއަތަށް ހުށަހެޅިޔަސް، ފާރިސްގެ ވަކީލުންނަށް އެ މެނުއަލްގެ ކޮޕީއެއް ދޭން ދައުލަތުން ދެކޮޅު ހެދި އެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެއީ ފުލުހުންގެ އެތެރޭގައި ބޭނުންކުރާ އުސޫލެއް ކަމަށް ވުމެވެ.

އެކަމަކު އެ މެނުއަލްގައި ފޮޓޯ އަދި ވީޑިއޯ ނެގުމާ ބެހޭ ގޮތުން އޮތް ބައި ޝަރީއަތުގެ މަޖިލީހުގައި ބެލުމުގެ ފުރުސަތު ފާރިސްގެ ވަކީލަށް ދިނަސް މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުނުމުން ފާރިސްގެ ވަކީލަށް އެ ފުރުސަތު ދިނެވެ.

ކްރައިމް ސީންގެ ފޮޓޯ އަދި ވީޑިއޯ ނެގުމާ ގުޅޭ ގޮތުން އޮތް ބައި ބެލުމަށް ފަހު ފާރިސްގެ ވަކީލު ޝަމީލް ވިދާޅުވީ މުޅި އެ މެނުއަލް ބެލުމަށް ފަހު ނޫނީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ނޭނގޭނެ ކަމަށެވެ. ފާރިސްގެ ފަރާތުން ހުށަހެޅީ ފުލުހުންގެ ތެރޭގައި 2009 އިން ފެށިގެން އަމަލުކުރާ އެސްއޯޕީއެއް ކަމަށް ވާއިރު، ދައުލަތުން ހުށަހެޅި މެނުއަލްގެ ސަބަބުން ކުރީގެ އެސްއޯޕީ އުވިގެންދާނެ ކަން ނުވަތަ ނޫން ކަން ވެސް އެނގެން ބޭނުންވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ދައުލަތުން ހުށަހެޅި މެނުއަލްއަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓްގެ ކަންކަން ގެންދިއުމަށް ފުލުހުންގެ އެތެރޭގައި ބޭނުންކުރާ އުސޫލެއް ކަމަށާއި އެއީ ފުލުހުންގެ ގާނޫނު ދަށުން ބާރު ލިބިގެން ހަދާފައިވާ އެސްއޯޕީއެއް ނޫން ކަމަށެވެ.

އިސް ގާޒީ ހައިލަމް ނިންމެވީ ކްރައިމް ސީން އޮފިސާގެ ރިޕޯޓާއި އެ ރިޕޯޓް ހެދި މީހާއަކީ ގާނޫނާ ޚިލާފް ހެއްކެއް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. ސަބަބަކީ ދައުލަތުން ހުށަހެޅި މެނުއަލް އޮތް ގޮތުން ކްރައިމް ސީން ވީޑިއޯ ކުރުމަކީ ލާޒިމް ކަމަކަށް ނުވާތީ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

ދެން އޮންނާނީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް

ފާރިސްގެ ހުރިހާ ހުށަހެޅުންތަކާ މެދު ގޮތެއް ނިމިފައިވާތީ އިސް ގާޒީ ހައިލަމް މިއަދު ވަނީ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމުނީ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދަން ހުރަސް އެޅޭ ކަމެއް ހުށަހެޅިފައި ނެތުމުން ދެން އޮންނާނީ އެ މައްސަލައިގެ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާ އިރު އެ މައްސަލައިގެ ޓެރަރިޒަމްގެ ދައުވާ ލިބޭ އެހެން ބޭފުޅުންނާ އެއްކޮށް ކުރިއަށް ގެންދިއުމަށާއި ޖާގައިގެ ދަތިކަން ކުރިމަތި ނުވާނެ ފަދަ ގޮތަކަށް އަދި އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ކުރިއަށް ގެންދަން ފާރިސްގެ ވަކީލު އެދުނެވެ.

އިސް ގާޒީ ހައިލަމް ވިދާޅުވީ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަވާނީ އެ މައްސަލައިގެ ޓެރަރިޒަމްގެ ދައުވާ ލިބޭ ހަ ބޭފުޅެއްގެ ބައި އެއްކޮށް ކަމަށާއި އަދި ޖާގައިގެ ދަތިކަން ވެސް ކުރިމަތި ނުވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، ޝަހްސު އޮޅުވައިލުމުގެ ދައުވާއެއް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ފާރިސްގެ މައްޗަށް މިދިޔަ މަހު ވަނީ އިއްވައިފަ އެވެ. އެ ހުކުމާ އެކު މެމްބަރު ކަމުގެ ގޮނޑި ނުގެއްލުނަސް، ހުކުމުގެ މުއްދަތުގެ ފާރިސަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.