Roadha Mihaaru
ރިސޯޓު ހަދަން ކުރާ ހޭދަ އަނބުރާ ލިބެން 20 އަހަރު

ރިސޯޓުތައް ހަދަންކުރާ ހޭދަ އަނބުރާ ލިބެން މިހާރު 20 އަހަރު ނަގާނެ: ވިޔަފާރިވެރިން

18 ޖުލައި 2018

ރާއްޖޭގައި ރިސޯޓުތައް ހަދަންކުރާ ހޭދަ އަނބުރާ ލިބެން މިހާރު 20 އަހަރު ނަގާނެ ކަމަށް ރިސޯޓުތައް ހިންގާ ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި ރިސޯޓުތައް ހަދަންކުރާ ހޭދަ އަނބުރާ ލިބެން މިހާރު 20 އަހަރު ނަގާނެ ކަމަށް ރިސޯޓުތައް ހިންގާ ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާ އަށް ދެއްވި އިންޓަވިއުއެއްގައި ކޮކޯ ކަލެކްޝަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އެންޑްރޫ އޭޝްމޯ ވިދާޅުވީ ކުރިން އާއްމުކޮށް ރިސޯޓެއް ހަދަން ކުރާ ހޭދަ 10 އަހަރުގެ ތެރޭގައި އަނބުރާ ލިބޭ ކަމަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ދެގުނަ އިތުރުވެ، 20 ނުވަތަ 25 އަހަރު ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިސޯޓުތައް ހިންގަން ކުރާ ހޭދަ އަނބުރާ ލިބެން ނަގާ މުއްދަތު ދިގުލައިގެންދާ ސަބަބެއް ކަމަށް އިންޑަސްޓްރީގެ ވިޔަފާރިވެރިން ދެކެނީ ކުއްލިއަކަށް، އެއްވައްތަރެއްގެ އެތައް ރިސޯޓެއް މާކެޓަށް ނެރުމެވެ.

"ލަގްޒަރީ ރިސޯޓުތައް އިތުރުވެގެން ދިޔައީ މާ އަވަހަށް. އަދި އެ ހުރިހާ ތަނެއް ވެސް ހަދާފައި ހުންނަނީ ދާދި އެއްގޮތަކަށް، އެއް ކަމެއް ކުރެވޭ ގޮތަށް،" މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގާ ކޮކޯ ކަލެކްޝަންގެ ސީސީއޯ ވިދާޅުވި އެވެ.

"މީގެ ގިނަ ރިސޯޓުތަކުގެ ވިލާތަކާއި ރެސްޓޯރަންޓްތައް ވެސް ހަދާފައި ހުންނަނީ އެއްގޮތަކަށް. އެ ހުރިހާ އެއްޗަކީ ވެސް އިމްޕޯޓުކޮށްގެން ހަދާ އެއްޗެތި."

މި އަހަރުގެ ނިޔަލަށް މަތީފަންތީގެ އިތުރު ވިއްސަކަށް ރިސޯޓު ހުޅުވާނެ ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި މަތީފަންތީގެ ޓޫރިޒަމް ތައާރަފްކުރި ސޮނޭވާގެ ސީއީއޯ ސޯނޫ ސިވްދަސާނީ ވިދާޅުވީ ތަފާތުތަކެއް ނުގެނެވުމުން ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތައް ހެދި ގިނަ ވިޔަފާރިވެރިންނަށް އޭގެ ގެއްލުން ކުރިމަތިވަމުން ދާ ކަމަށެވެ.

"އެ ރިސޯޓުތައް ހެދި މީހުންނަށް ކިރިޔާ ކުރެވޭ ކަމަކީ ރިސޯޓުގެ ކުއްޔާއި ޓެކްސްތަކާއި ބޭންކު ލޯނުތައް ދެއްކުން. އެ މީހުންނަށް ހަގީގަތުގައި އެއްވެސް ފައިދާއެއް ނުލިބޭ،" 1995ގައި ރާއްޖޭގައި ސޮނޭވާފުށި ރިސޯޓާ އެކު މަތީ ފެންވަރުގެ ޓޫރިޒަމް ތައާރަފްކުރި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވީ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހުޅުވާތީ އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ރިސޯޓުތަކަށް ތަފާތުތަކެއް ނުގެންނާތީ، ގިނަ މީހުން ލަފާކުރާ ރޭޓްތަކަށް އެނދު ނުވިއްކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޯނޫ ދެކެވަޑައިގަންނަވާ ގޮތުގައި ސޮނޭވާއަކީ އަބަދުވެސް ތަފާތު ކޮންސެޕްޓްތަކަށް ރިސޯޓު ތަރައްގީކުރާ ކުންފުންޏެކެވެ. އެގޮތުން، ރާއްޖެ އަށް މުޅިން އާ ކޮންސެޕްޓަކަށް ތަރައްގީކުރާ ރިސޯޓެއް 2020 ވަނަ އަހަރު ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސްރީލަންކާގެ އާދަރަން ހެރިޓަންސް ރިސޯޓުގެ އެސިސްޓެންޓް ވައިސް ޕްރެޒިޑެންޓް ސުރޭޝް ޑިސަނަޔަކަ ވިދާޅުވީ ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތައް އިތުރުވުމުގެ މައްސަލައަކީ ވަގުތީ ކަމެއް ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާއި ރަންވޭ ހަދައި ނިމުމުން، ފްލައިޓްތައް އިތުރުވެ، ރިސޯޓުތަކުގެ ކޮޓަރިތައް ފުރޭ ވަރަށް ޓޫރިސްޓުން ގެނެވޭނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.