Roadha Mihaaru
ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެއްޖެ

ޓޫރިޒަމް ވަރުގަދަވެ ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެއްޖެ: ސީބީއާރްއީ

23 އެޕްރީލް 2023

ޓޫރިސްޓުން އައުން އިތުރުވުމާ ގުޅިގެން ބޭރުގެ އިންވެސްޓަރުންގެ ޑިމާންޑް ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް، ކޮމާޝަލް ރިއަލްއެސްޓޭޓް ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ކޯލްޑްވެލް ބޭންކާ ރިޗާޑް އެލީސް (ސީބީއާރްއީ) އިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓޫރިސްޓުން އައުން އިތުރުވުމާ ގުޅިގެން ބޭރުގެ އިންވެސްޓަރުންގެ ޑިމާންޑް ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް، ކޮމާޝަލް ރިއަލްއެސްޓޭޓް ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ކޯލްޑްވެލް ބޭންކާ ރިޗާޑް އެލީސް (ސީބީއާރްއީ) އިން ބުނެފި އެވެ.

ސީބީއާރްއީ އިން ބުނީ ރާއްޖެއަށް ޑިމާންޑު ބޮޑުވީ، 2020 ވަނަ އަހަރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިސްލާހުކުރުމާ ގުޅިގެން ކަމަށެވެ. ސީބީއާރްއީ އިން ބުނީ ހައި އެންޑް ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ވެފައި ވާއިރު މިއީ ހޮޓެލް ވިޔަފާރިތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް މާލީ ބޮޑު ފައިދާއެއް ހޯދޭނެ މަންޒިލެއް ކަމަށެވެ.

ރާއްޖޭގެ ރިސޯޓެއް. ރާއްޖޭގައި 200 ވަރަކަށް ރިސޯޓު އަންނަނީ ހިންގަމުން.

ރާއްޖޭގެ ރިސޯޓެއް. ރާއްޖޭގައި 200 ވަރަކަށް ރިސޯޓު އަންނަނީ ހިންގަމުން.

ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ކޮވިޑަށް ފަހު ޓޫރިޒަމް ދާއިރާ އެންމެ އަވަހަށް ރިކަވާވި ގައުމަށް ވުމަކީ ވެސް އެ ދާއިރާއަށް އިންވެސްޓަރުންގެ އިތުބާރު އެތައް ގުނައެއް ބޮޑުވި ސަބަބެކެވެ. ސީބީއާރްއިން ބުނީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ޓޫރިޒަމަށް ބޮޑު އިސްކަމެއް ދިނުން ވެސް އިންވެސްޓްމަންޓަރުންގެ ސަމާލުކަން ލިބުނު ސަބަބަކަށް ވެފައިވާ ކަމަށެވެ. އަދި ސަރަހައްދުގެ އެންމެ މަގްބޫލު އެއް މަންޒިލް، ބާލީ އަށް ވުރެ ބޮޑަށް ރާއްޖޭގައި ޓޫރިޒަމްގެ ޕްރޮޖެކްޓްތައް ހިންގުމަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ކަމަށް އެ އޭޖެންސީ އިން ބުންޏެވެ.

ސީބީއާރްއީގެ ހެޑް އޮފް ރެޒިޑެންޝަލް ސޭލްސް، ޕްރަފިންލީޔާ ފުއަންގުއަންކާން ވިދާޅުވީ، ރާއްޖެ އަކީ ޓޫރިޒަމްގެ ވަރަށް ތަފާތު މަންޒިލެއް ކަމަށާއި، އާ ފުރުސަތުތަކާ އެކު އިންވެސްޓަރުންގެ ޝަގުވެރިކަން ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އިންވެސްޓަރުންގެ އެންމެ ބޮޑު ޑިމާންޑެއް އޮތީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓުތަކާއި ރިސޯޓުތަކުގެ ވަކި ވަކި ވިލާތައް ގަންނަން ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންވެސްޓް ކުރާ ބައެއް ޕްރޮޖެކްޓްތަކުން ހަތް ޕަސެންޓާ ހަމައަށް ރިޓާން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ރާއްޖޭގެ ޓޫރިޒަމް ވަނީ 20 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުން ކަމުގައިވީ ނަމަވެސް، ޗައިނާ މާކެޓް ހުޅުވުމާ އެކު އެ އަދަދު ދެ މިލިއަނަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ކަނޑައެޅި ޓާގެޓަށްވުރެ ޓޫރިސްޓުން އަންނަ ވަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފަ އެވެ.

މީގެ ކުރީ އަހަރުތަކާއި އަޅާ ބަލާއިރު، ރާއްޖޭގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މުއްދަތު ހަ ދުވަހުން އަށް ދުވަހަށް ވަނީ އިތުރުވެފަ އެވެ.

ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައި ވީނަމަވެސް އާއިލާތަކަށް ހާއްސަ ރިސޯޓުތައް ވެސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެއާއެކު މިހާރު ރާއްޖެ ވެފައިވަނީ މަހުޖަނުންގެ އާއިލާތައް ވެސް ޗުއްޓީ ހޭދަކުރަން އަންނަ މަންޒިލަކަށެވެ. އެހެންވެ، އިންވެސްޓަރުންނަށް ވަނީ އެ ދާއިރާތަކުން ޓޫރިޒަމަށް އިންވެސްޓް ކުރަން ފުރުސަތުތައް ފަހިވެފަ އެވެ.