17 ޖުލައި 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ އަތުން 3-0 އިން ހޯދި މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ އަތުން 3-0 އިން ހޯދި މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.
ލީގުގައި އިއްޔެ ހަވީރު ފ. ނިލަންދޫ އަތުން މޮޅުވެ، ގްރީން ސްޓްރީޓްސް އޮތީ އެއް ވަނައިގަ އެވެ. ޓީސީ އަލުން އެއް ވަނަ އަށް އެރީ ހަތަރު މެޗުން ހޯދި 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިން ވަނައިގައި ނިއު ރޭޑިއަންޓް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ.
ޓީސީން މި މެޗަށް ނުކުތްއިރު ލީގުގައި މީގެ ކުރިން ކުޅުނު ތިން މެޗުން ވަނީ މޮޅުވެފަ އެވެ. މާޒިޔާ ވަނީ އެންމެ ފަހުން ކުޅުނު މެޗުން ނިއު އަތުން ބަލިވެފަ އެވެ. މި މެޗުން ބަލިވުމުން މާޒިޔާ އަށް ވަނީ ޖެހިޖެހިގެން ދެ ބައްޔާ ކުރިމަތިލާން ޖެހިފަ އެވެ. މާޒިޔާ އެންމެ ފަހުން ޓީސީ އަތުން މޮޅެއް ހޯދީ މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ ކޯޗުކަމުގައި މިދިޔަ އަހަރުގެ މާލޭ ލީގުގަ އެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ މާޒިޔާ އިންނެވެ. ދެ ވަނަ މިނިޓްގައި އޭރިއާބޭރުން ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ ޓީސީގެ ނޭޕާލު ކީޕަރުން ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ކީޕަރު ކިރަން ހެދި ގޯހެއްގެ ފައިދާ ނަގަައި ލީޑުނަގަން މާޒިޔާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ބޯޅަ ޓީސީ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 19 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އަހުމަދު އިމާޒް (އާއްކޮ) ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ކިރަން އަތަށެވެ.
މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އަށް ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 28 ވަނަ މިނިޓްގައި ޓީސީން ލީޑުނެގީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލަކުންނެވެ. ސަމުއްޓެ ފައިގައި ޖެހިފައި ފޭދޫ އިއްބެ އަށް ލިބުނު ބޯޅައަކުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މެޗުގެ 30 ވަނަ މިނިޓުން ފެށިގެން ބޯވާރޭގެ ތެރޭގައި ކުޅެމުންދިޔައިރު ޓީސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އިޝާން އިބްރާހިމް (ސައްޓު) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން ސައްޓު ޖެހި ބޯޅަ ކީޕަރު ހުސެން ޝަރީފް ވަނީ މަތަކޮށްފަ އެވެ.
ޓީސީގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 38 ވަނަ މިނިޓްގައި ފޭދޫ އިއްބެ އެވެ. ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް އައި ބޯޅަ މިސްރުގެ ޑިފެންޑަރު އަލާ ނާސިރު ބޮލުން ޖައްސާލުމުން މާޒިޔާ ކުޅުންތެރިންނަށް އޮޅުވާލުމަށް ފަހު ފޭދޫ އިއްބެ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޓީސީގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ) ހުސްކޮށްލާފައި ދިނީ އެ ޓީމުގެ ކޮނޭލިއަސް އަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ކިރަން އަތަށެވެ.
ފޭދޫ އިއްބެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާގެ ހެޓްރިކް ފުރިހަަމަކުރަން ޖެހި ބޯޅަ ކީޕަރު ހުސެން އަތުގައި ޖެހިފައި ބޯޅަ ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ހަ މިނިޓް ތެރޭ ދަގަނޑޭ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާގެ އޮފްސައިޑް މަޅިން ސަލާމަތްވެ ދަގަނޑޭ ކީޕަރު ނައްޓާފައި ޖެހި ބޯޅަ މާޒިޔާގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކުގައި ޓީސީގެ ތިން ވަނަ ލަނޑު ޖެހީ އިބްރާހިމް ވަހީދު (އިއްބެ) އެވެ. މެޗުގެ 67 ވަނަ މިނިޓްގައި ފޭދޫ އިއްބެ އޭރިއާ ތެރެއިން ދިން ބޯޅަ އޭރިއާ ތެރެއިން ހުސްކޮށް އަރައި އިއްބެ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ ފަހު ފަނަރަ ވަރަކަށް މިނިޓް މާޒިޔާ އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ ޔަސްފާދު ހަބީބު (މުލަކޭ) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފަހުން ޓީސީިން އިތުރު ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އެ ޓީމުގެ ފަރާތުން މުޅި މެޗުގައި ވެސް ފެނުނީ ވަރަށް ދަށް ކުޅުމެއް ކަމަށާއި އިންޑިވިޖުއަލީ ކުޅުންތެރިންނަށް ގޯސްތަކެއް ވެސް ހެދުނު ކަމަށެވެ. އަދި މެޗުގެ ކުރީކޮޅުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމަށާއި ފަހުން ފެނުނީ އެވްރެޖަށް ވުރެން ވެސް ދަށް ކުޅުމެއް ކަމަށް ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް އައީ ވަރަށް އުނދަގޫވާނެ މެޗެއް ކަމަށް ދަނެގެން ކަމަށާއި ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ފަދަ މެޗަކުން ވެސް ތިން ޕޮއިންޓް ލިބުން ކަމަށެވެ. އަދި މާޒިޔާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމު އަތުން މޮޅެއް ހޯދަން ފަސޭހަ ނުވާނެކަމަށް ވެސް ބުންޏެވެ.
މާޒިޔާ-ނިއު އެއްވަރުވެ، ލީގު ޗެމްޕިއަންކަން ޓީސީ އަށް
މާޒިޔާ އިން ޓީސީ ބުރަކި ޖައްސުވައިފި
ލީގު ކަށަވަރުކުރަން ޓީސީން މިއަދު މާޒިޔާއާ ދެކޮޅަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ