Roadha Mihaaru
ރިސޯޓް މުވައްޒަފުން ވޯޓު ލުމަށް ބޮޑު ހުރަހެއް

ރިސޯޓް މުވައްޒަފުން ވޯޓު ލުމަށް ބޮޑު ހުރަހެއް

17 ޖުލައި 2018

ގައުމުގެ އެންމެ މަތީ ވެރިޔާ ކަނޑައަޅަން ލިބޭ ފުރުސަތުގައި ވޯޓްލުމުގެ ހައްގުން ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ މުވައްޒަފުން މަހުރޫމް ވެދާނެކަމުގެ ބިރު މިހާރު މިވަނީ ހީވެފަ އެވެ. ޓޫރިސްޓް ރިސޯޓުތަކުގައި އެތައް ހާސް ދިވެހިން ވަޒީފާ އަދާކުރާއިރު މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި އޮތީ ވީހާވެސް ފަސޭހަކޮށް ވޯޓު ލެވޭނެ ގޮތަކަށެވެ. އެކަމަށްޓަކައި ގިނަ އަދަދެއްގެ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓި އެވެ. ނަމަވެސް މިފަހަރު އިލެކްޝަންސުން ވޯޓު ފޮށި ބަހައްޓަނީ އެންމެ ހަތް ރިސޯޓްގަ އެވެ!

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގައުމުގެ އެންމެ މަތީ ވެރިޔާ ކަނޑައަޅަން ލިބޭ ފުރުސަތުގައި ވޯޓްލުމުގެ ހައްގުން ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ މުވައްޒަފުން މަހުރޫމް ވެދާނެކަމުގެ ބިރު މިހާރު މިވަނީ ހީވެފަ އެވެ. ޓޫރިސްޓް ރިސޯޓުތަކުގައި އެތައް ހާސް ދިވެހިން ވަޒީފާ އަދާކުރާއިރު މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި އޮތީ ވީހާވެސް ފަސޭހަކޮށް ވޯޓު ލެވޭނެ ގޮތަކަށެވެ. އެކަމަށްޓަކައި ގިނަ އަދަދެއްގެ ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓި އެވެ. ނަމަވެސް މިފަހަރު އިލެކްޝަންސުން ވޯޓު ފޮށި ބަހައްޓަނީ އެންމެ ހަތް ރިސޯޓްގަ އެވެ!

ރާއްޖޭގައި 132 ރިސޯޓެއް ހިންގާއިރު 17،000 އަށް ވުރެ ގިނަ ދިވެހިން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އެއީ ރާއްޖޭގެ ވޯޓްލާ އާބާދީ އަށް ބަލާއިރު ނިސްބަތުން ވަރަށް މަތީ އަދަދެކެވެ. ވިހި ރިސޯޓްގައި 200 އަށް ވުރެ ގިނަ ދިވެހިން ގެންދަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި 100 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރާ 112 ރިސޯޓެއް ހިންގަ އެވެ.

މިހާ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތްކުރާ ރިސޯޓްތަކުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. ވޯޓު ލުމުގެ ހައްގު ހިމާޔަތްކޮށް، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ފެންނާނެ ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވިޔަސް، މި ފެންނަނީ އެއާ ފުށުއަރާ ނިންމުންތަކެއް ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.

މީގެ ކުރީގެ ރިޔާސީ އިންތިހާބުގައި ރިސޯޓަކުން 100 އަށް ވުރެ ގިނަ މީހުން ވޯޓު ލާ ނަމަ އެ ތަނެއްގައި ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. އެގޮތުން 2013ގެ ރިޔާސީ އިންތިހާބުގައި 40 ރިސޯޓެއްގައި ވޯޓްފޮށި ބެއްޓި އެވެ.

އިންތިހާބެއްގައި ވޯޓުލުން ނިންމާލައި، ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް ފަށަނީ: ވޯޓު ލެވޭނެ ފަސޭހަ ގޮތްތަކެއް އިލެކްޝަންސުން ހަމަޖައްސައިދޭން ޖެހޭނެ

އިންތިހާބެއްގައި ވޯޓުލުން ނިންމާލައި، ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް ފަށަނީ: ވޯޓު ލެވޭނެ ފަސޭހަ ގޮތްތަކެއް އިލެކްޝަންސުން ހަމަޖައްސައިދޭން ޖެހޭނެ

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުގައި މި ފަހަރު ވޯޓު ފޮށި ބަހައްޓަނީ ކުރަމަތި އައިލެންޑް ރިސޯޓާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާގެ އިތުރުން ބަނޑޮސް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ކުރެއްދޫ އައިލެންޑް ރިސޯޓު އަދި ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސްގަ އެވެ.

މި ހަތް ރިސޯޓް ކަނޑައެޅީ ކިހިނެއް ކަމެއް ވެސް ނޭނގެ އެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އިލެކްޝަންސްގެ ހައިރާންކުރުވަނިވި މި ނިންމުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ ގާތްގަނޑަކަށް 10،000 ދިވެހިންނަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެ އެވެ.

ރިސޯޓުގެ އޮޕަރޭޝަނަށް ހުރަސް އެޅިދާނެ ގޮތަށް ވޯޓް ލާން ފޮނުވުމުގެ ރިސްކެއް ނުނެގޭނެ ދެއްތޯ. ރިސޯޓްގައި ވޯޓު ލާ ނަމަ ދައްޗެއް ނެތި އެކަން ކުރެވޭނެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ތަމްސީލްކުރާ ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކަށް ވޯޓްލުމުގެ ފުރުސަތު ނުދިނުމަށެވެ.

"ކީއްވެގެންތޯ އިލެކްޝަނުން އެހެން ކަންތައް ކުރަނީ؟ އިލެކްޝަނުން އިސްތިހާރު ވެސް ކުރަނީ ވޯޓްލާށޭ. ދެން ވޯޓްލުން ހަނިކުރަނީ ކީއްވެގެންތޯ ސުވާލު އުފެދޭ. މިއީ ވޯޓުލުމަށް ހުރަސް އެޅުން،" މައުރޫފް ވިދާޅުވި އެވެ.

އިލެކްޝަންސް ދައްކަނީ، އެއް ބަޔަކު ބުނާ ގޮތުގައި، ވަރަށް ތާކުންތާކުނުޖެހޭ ސަބަބެކެވެ. ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓަނީ "އެދެވޭ ގޮތަށް ކަން ހިނގާފައި ނުވާތީ" ކަމަށް އިލެކްޝަންސުން ބުނެ އެވެ. އަނެއްކޮޅުން ބުނަނީ ކުރީ އިންތިޚާބުތަކަށް ވުރެ މަދުން ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓިއަސް ވޯޓުލުމުގެ ހައްގު ނުގެއްލޭނެ ކަމަށެވެ. މިއީ އަނެއް އަޖައިބެވެ. ރިސޯޓްތަކުގައި އަބަދުވެސް ޑިއުޓީގައި މީހުން ތިބޭތީ، އެހެން ރަށަކަށް ވޯޓު ލާން މުވައްޒަފުން ފޮނުވަން މެނޭޖްމަންޓަށް އުނދަގޫތައް ދިމާވެ އެވެ. އެކަމަކު އިލެކްޝަންސުން ބުނާ ގޮތުގައި ރިސޯޓުތަކާ ކައިރި ރަށްރަށަށް ރީރެޖިސްޓްރީ ވެގެން މުވައްޒަފުންނަށް ވޯޓު ލެވިދާނެ އެވެ.

ސެޕްޓެމްބަރަކީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅު ދުވަސްވަރެކެވެ. އެހެންކަމުން ވޯޓު ލާން ގިނަ އަދަދެއްގެ މުވައްޒަފުން ރަށުން ބޭރަށް ފޮނުވުމަކީ ފަސޭހަ ކަމެއް ނޫނެވެ.

"ސީޒަން ތެރޭގައި ސަތޭކަ މުވައްޒަފުން ވޯޓްލާން ފޮނުވާނެ ގޮތަކީ ނެތް ގޮތެއް. އެއީ ކުރެވޭނެ ކަމެއް ނޫން. ރިސޯޓުގެ އޮޕަރޭޝަނަށް ހުރަސް އެޅިދާނެ ގޮތަށް ވޯޓް ލާން ފޮނުވުމުގެ ރިސްކެއް ނުނެގޭނެ ދެއްތޯ. ރިސޯޓްގައި ވޯޓު ލާ ނަމަ ދައްޗެއް ނެތި އެކަން ކުރެވޭނެ،" ރާއްޖޭގެ ރިސޯޓެއްގެ އިސް މަގާމުގައި ހުރި ދިވެއްސަކު ބުންޏެވެ.

އަނެއްކޮޅުން ކޮންމެ ރިސޯޓެއްގެ ކައިރީގައި މީހުން ދިރިއުޅޭ ރަށެއް ވެސް ނޯވެ އެވެ. މިސާލަކަށް ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ އަދަދަކަށް ދިވެހިން އުޅޭ އެއް ރިސޯޓް ކަމަށް ވާ ވަން އެންޑް އޮންލީ ރީތި ރަށް ނެގިދާނެ އެވެ. އެ ރަށުގައި މިފަހަރު ވޯޓު ފޮއްޓެއް ނުބަހައްޓަ އެވެ. އަދި މީހުން ދިރިއުޅޭ ރަށެއް ވެސް ކައިރިއަކު ނޯވެ އެވެ.

އެމްޑީޕީއަށް ޔަގީން ވޯޓް އެއީ. ފެށުނީންސުރެ ރިސޯޓްތަކުން ގިނަ ވޯޓްތަކެއް ލިބޭ އަޅުގަނޑުމެންނަށް. އެ ވޯޓްތައް ހޯދަން ދަތިކުރަން ކުރި ކަމެއް މިއީ.

ރިސޯޓްތަކަށް ވުރެ މަދުން މީހުން ވޯޓު ލާ ރަށްރަށުގައި ވެސް ވޯޓު ފޮށި ބަހައްޓަ އެވެ. އެހެންކަމުން ގަސްދުގައި ގިނަ ރިސޯޓްތަކެއް އިލެކްޝަންސްގެ ވޯޓު ފޮށީގެ ލިސްޓުން އުނިކުރުމަކީ، އެތައް ހާސް ބައެއްގެ ވޯޓު ލުމުގެ ހައްގަށް އަޅާ ހުރަހެކެވެ.

އިދިކޮޅު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ވޭތުވެދިޔަ އިންތިހާބުތަކުގައި ރިސޯޓްތަކުން އެމްޑީޕީއަށް ގިނަ އަދަދެއްގެ ވޯޓް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އިލެކްޝަންސްގެ އެ އަމަލަކީ އެ ވޯޓްތައް ލިބުން ދަތިކުރުން ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީއަށް ޔަގީން ވޯޓް އެއީ. ފެށުނީންސުރެ ރިސޯޓްތަކުން ގިނަ ވޯޓްތަކެއް ލިބޭ އަޅުގަނޑުމެންނަށް. އެ ވޯޓްތައް ހޯދަން ދަތިކުރަން ކުރި ކަމެއް މިއީ. ހަމައެއާ އެކު ވޯޓްތައް އޮޅުވާލާ އެކަހަލަ ކަންކަން ކުރުމުގެ ބޭނުމުގައި ކުރާ ކަމެއް މިއީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސްގެ އެ ނިންމުން ބަދަލުކުރަން އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"އެއީ ދޫކޮށްލާނެ ކަމެއް ނޫން. ރިސޯޓުތަކުގައި ތިބި ބުރަ މަސައްކަތްތެރިންނަށް ވޯޓު ލުމުގެ ހައްގު ހޯދައިދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" ހަސަން ވިދާޅުވި އެވެ.

ކޮންމެއަކަސް އިލެކްޝަންސްގެ އެ ނިންމުމާ އެކު ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ ދިވެހި މުވައްޒަފުން މިވަގުތު ތިބީ ކަންބޮޑުވުމެއްގަ އެވެ. ވޯޓު ލުމުގެ ފުރުސަތު ފަސޭހަކަމާ އެކު ހޯދައިދިނުމުގެ ޒިންމާ ވެސް އިލެކްޝަންސް ކޮމިޝަނުން އުފުލަން ޖެހެ އެވެ. އެކަމަކު ރިސޯޓްތަކުގެ މުވައްޒަފުންނަށް މިހާރު އެ އަޅާ ހުރަހަކީ، ބައެއް މީހުންގެ ނަޒަރުގައި، އިންތިހާބު ފެށުމުގެ ކުރިން ވެސް، "ވޯޓާ ކުޅުމެ"ވެ.