09 ޖުލައި 2018
ޖަލުގައި ހުރި ހަމްޒަތު އަހުމަދު މަރުވީ ސްޓްރޯކެއް ޖެހުމުން އޭނާ އަށް އެކަށީގެންވާ ފަރުވާ މޯލްޑިވްސް ކަރެކްޝަންސް އިން ނުދިނުމުން ކަމަށާއި އެހެންކަމުން އެއީ "ދަރިފުޅު މަރާލުން" ކަމަށް އޭނާގެ ބައްޕަ މިއަދު ބުނެފި އެވެ.
ޖަލުގައި ހުރި ހަމްޒަތު އަހުމަދު މަރުވީ ސްޓްރޯކެއް ޖެހުމުން އޭނާ އަށް އެކަށީގެންވާ ފަރުވާ މޯލްޑިވްސް ކަރެކްޝަންސް އިން ނުދިނުމުން ކަމަށާއި އެހެންކަމުން އެއީ "ދަރިފުޅު މަރާލުން" ކަމަށް އޭނާގެ ބައްޕަ މިއަދު ބުނެފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންޒީފު ކުރަމުން ދިޔަ ހަމްޒަތު، 38، އަށް ސްޓްރޯކް ޖެހުނީ މިިދިޔަ ބުދަ ދުވަހު ހަވީރު އެވެ. އެކަމަކު އޭނާ މާލެ ގެނެސް އަޖީއެމްއެޗަށް ގެންދިޔައީ ހަތަރު ފަަސް ގަޑިއިރެއް ފަހުން، އެރޭ ކަމަށްވެ އެވެ.
ހަމްޒަތު މަރުވީ އާއިލާ އިން އޭނާ އޭޑީކޭ އަށް ބަދަލުކޮށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭގަ އެވެ.
ހަމްޒަތު ޖަލަށް ލާން 2012 ގައި ހުކުމްކުރީ 29 ގްރާމްގެ މަސްތުވާތަކެތި ގެންގުޅުނު ކަން ސާބިތުވެގެންނެވެ.
"މިހާރު"އާ ވާހަކަ ދައްކަމުން ހަމްޒަތުގެ ބައްޕަ އަހުމަދު ފަތުހީ ބުނީ ހަމްޒަތަށް ސްޓްރޯކު ޖެހުމުން އެންމެ ފުރަތަމަ ދެއްކީ މާފުށީ ޖަލުގެ ޑޮކްޓަރަށް ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތު ގޯސްވުމުން، އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދިޔައީ ފަސް ގަޑިއިރު ފަހުން ކަމަށް ބުންޏެވެ.
ފަތުހީ ބުނީ އައިޖީއެމްއެޗަށް ގެންގޮސް ހަމްޒަތުގެ ހާލަތު އާއިލާ އަށް އެންގީ ވެސް ހަމްޒަތު ޝަކުވާ ކުރަން ފެށުމުން ކަމަށެވެ.
"ކަރެކްޝަންސް އިން ގުޅާފައި ބުނީ، ހަމްޒަތު ވާގި ނެތިގެން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފައިވެއޭ. އާއިލާ އަށް އެންގިތާ 15 މިނެޓުގެ ތެރޭގައި އެތަނަށް އަޅުގަނޑުމެން ދިޔައީ. އަޅުގަނޑުމެން ބޭނުންވީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ދިނުމަށް. ނަމަވެސް އެ ފުރުސަތެއް ކަރެކްޝަންސް އިން ނުދީ ކަންތައްތައް ކުރީ ވަރަށް އިހާނެތިކޮށް،" ފަތުހީ ބުންޏެވެ.
އޭނާ ބުނިގޮތުގައި ހަމްޒަތާ މެދު ކަރެކްޝަންސް އިން އަމަލު ކޮށްފައި ވަނީ އިންސާނުންނާ ދޭތެރޭ އަމަލުކުރަން ޖެހޭ ގޮތަކަށް ނޫނެވެ.
"މިވަރުގެ ބޮޑު ކަމެއް ވެގެން ދިޔައިރު ފަރުވާ ދިނުން ލަސްވެގެން ދިއުމަކީ އިހުމާލު ވުން. އަޅުގަނޑު ބުނާނީ [ކަރެކްޝަންސް] އިން ދަރިފުޅު ގަސްތުގައި މަރާލީއޭ ހަމަ ފަރުވާ ދިނުން ލަސްކޮށްގެން،" ނިއު ރޭޑިއަންޓަށާއި ވެލެންސިޔާ އަށް ފުޓްބޯޅަ ކުޅުނު ހަމްޒަތުގެ މަރާ ބެހޭ ގޮތުން އޭނާގެ ބައްޕަ ބުންޏެވެ.
އައިޖީއެމްއެޗުގައި ބާއްވައިގެން ތިން ދުވަހު ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރީ، އައިޖީއެމްއެޗުގައި އޭނާ އަށް އެ ވަގުތު ބޭނުންވާ އޮޕަރޭޝަން ކުރެވެން ނެތިގެން ކަމަށް އާއިލާ އިން ބުނެ އެވެ. އެކަމަކު އޭޑީކޭއަށް ގެންދިޔައިރު ހަމްޒަތުގެ ސިކުނޑި މަރުވެފައިވާ ކަމަށް އެތަނުގެ ޑޮކްޓަރުން ދިން މައުލޫމާތަށް ހަވާލާދީ ފަތުހީ ބުންޏެވެ.
ޖަލުގައި ހުއްޓާ ހަމްޒަތަށް މީގެ ކުރިން ވެސް ސްޓްރޯކެއް ޖެހުނު ކަމަށްވެ އެވެ. ނަމަވެސް އެކަން ވެސް އާއިލާ އަށް އަންގާފައި ނުވާ ކަމަށް، ފަތުހީ ބުންޏެވެ. އެކަން އެނގުނީ، މިދިޔަ ހަފުތާގައި އައިޖީއެމްއެޗްގެ ޑޮކްޓަރުން ހެދި ޓެސްޓުތަކުން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
"ހަމްޒަތު ބުނި ކުޅެން ހުއްޓައި ވެއްޓުނޭ ކުރިން. އެކަމަކު އެ ކަމަކަށް މާ ބޮޑަކަށް ވިސްނައެއް ނުލެވުނު. އޭރު މާފުށީ ޖަލުން ފަރުވާ ދިނުމަށް ފަހު ރަނގަޅުވިއަސް އަޅުގަނޑުމެންނަށް އެކަން އަންގާފައެއް ނުވޭ،" ފަތުހީ ބުންޏެވެ.
އޭނާ ބުނީ ޖަލަށް ބަދަލުކުރި ފަހުން ހަމްޒަތަށް ނަފްސާނީ ގޮތުން ގެއްލުންތައް ލިބުނު ކަމަށެވެ. އަދި އޭނާއާ އެކު ޖަލުގައި ތިބި މީހުންގެ ފަރާތުން ކުރިމަތިވި ފުރައްސާރަތަކާ ހެދި ޖަލު ގޮޅި ބަދަލުކޮށްދިނުމަށް ކަރެކްޝަންސްގައި އެދުނު ކަމަށް ވެސް އާއިލާ އިން ބުނެ އެވެ. ނަމަވެސް އެކަމަށް ވެސް ކަރެކްޝަންސް އިން އަޅާލާފައި ނުވާ ކަމުގެ ޝަކުވާ އާއިލާ އިން ކުރި އެވެ.
ހަމްޒަތު ވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ކައިވެނިކޮށްފަ އެވެ.
ހަމްޒަތުގެ ސިއްހީ މައްސަލާގައި މިހާތަނަށް ކަރެކްޝަނަލް ސާވިސް އިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އެހެން ކަމުން އާއިލާގެ ތުހުމަތުތަކާ މެދު އެތަނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ޖަމީލް ނިޔާވީ ސަޖިދާގައި އޮއްވައި، ޕޯސްޓްމޯޓަމް ހަދަނީ
މިސްކިތުގައި އަޑުގަދަ ކުރި މީހާ ޖަލުގައި ނިޔާވެއްޖެ
ޔާމީން ގެ އަށް ބަދަލުކޮށްފި
ގައިދީންނަށް ފަރުވާދޭން ސްޕެޝަލިސްޓުން ޖަލަށްދާން ފަށަނީ
ގާޒީ ނިހާނަށް ފަރުވާ ދިނުމަށް ފަހު އަނބުރާ ޖަލަށް
އަބްދުﷲގެ މަރާ ގުޅޭ ތުހުމަތުތަކަށް ޖަވާބެއް ނެތް!
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި