Roadha Mihaaru

ޔުގެންޑާގައި ސޯޝަލް މީޑިއާ ޓެކްސް ނަގަނީ

ކަމްޕާލާ (ޖުލައި 3) - ޔުގެންޑާގައި ސޯޝަލް މީޑިއާގެ ޓެކްސްގެ ގޮތުގައި 200 ޝިލިން (0.05 ޑޮލަރު) ނަގަން ފަށައިފި އެވެ.

ޔުގެންޑާގައި ސޯޝަލް މީޑިއާ ޓެކްސް ނަގަނީ
ހަސަން އާމިރު
ހަސަން އާމިރު

03 ޖުލައި 2018

ކަމްޕާލާ (ޖުލައި 3) - ޔުގެންޑާގައި ސޯޝަލް މީޑިއާގެ ޓެކްސްގެ ގޮތުގައި 200 ޝިލިން (0.05 ޑޮލަރު) ނަގަން ފަށައިފި އެވެ.

ސޯޝަލް މީޑިއާ އިން ޓެކްސް ނެގުމަށް އެންމެ ބޮޑަށް ހިތްވަރު ދިން ފަރާތަކީ ޔުގެންޑާގެ ރައީސް ޔުވެރީ މުސެވެނީ އެވެ. ރައީސް މުސެވެނީގެ ބާރު އެޅުއްވުމާ އެކު ސޯޝަލް މީޑިއާ އިން ޓެކްސް ނެގުމުގެ ބިލް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފައި ވަނީ މެއި މަހު އެވެ. ރައީސް މުސެވެނީ ވިދާޅުވެފައި ވަނީ މިއީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮސިޕް ފެތުރުން ހުއްޓުވަން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އެކަމަކު ގިނަ ބަޔަކު ގަބޫލް ކުރަނީ މިއީ ސަރުކާރަށް ފާޑު ކިޔުން ހުއްޓުވަން ކުރި ކަމެއް ކަމަށެވެ.

ސޯޝަލް މީޑިއާ ޓެކްސްގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު ޔުގެންޑާގެ ގިނަ މީހުން ވަނީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކްސް (ވީޕީއެން) ބޭނުން ކުރަން ފަށައިފަ އެވެ. ގާނޫނަށް އަމަލު ކުރުމާ އެކު ވީޕީއެން ބޭނުން ކުރާ ޔުގެންޑާ މީހުންގެ އަދަދު ވަނީ 1،600 ޕަސެންޓް އިތުރުވެފަ އެވެ.

ޔުގެންޑާގެ ރައީސް މުސެވެނީ. --ފޮޓޯ:އޭއެފްޕީ

ޔުގެންޑާގެ ރައީސް މުސެވެނީ. --ފޮޓޯ:އޭއެފްޕީ

ޔުގެންޑާގެ ފިނޭންސް މިނިސްޓަރަށް ރައީސް މުސެވެނީ މާޗު މަހު ފޮނުއްވި ސިޓީއެއްގައި ވަނީ ސޯޝަލް މީޑިއާ ޓެކްސް ނަގަން ފަށައިފި ނަމަ ސަރުކާރުގެ އާމްދަނީ އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންޓަނެޓް ޓެކްސް ނަގަން އޭނާ ބާރު ނާޅާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ ތައުލީމީ އަދި ރިސާޗް މަސައްކަތްތަކަށް ވެސް އިންޓަނެޓް ބޭނުން ކުރާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ޔުގެންޑާގެ އައިސީޓީ މިނިސްޓަރު ފްރޭންކް ޓުމްވެބާޒް ވަނީ ސޯޝަލް މީޑިއާ ޓެކްސް ދިފާއު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ފައިސާ ޚަރަދު ކުރާނީ ބްރޯޑްބޭންޑް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ކަމަށެވެ.

ޔުގެންޑާގައި ސޯޝަލް މީޑިއާ ޓެކްސް ނަގާނީ އޯވަ ދަ ޓޮޕް (އޯޓީޓީ) ޚިދުމަތަށް ކަމަށް ސަރުކާރުން ބުނެ އެވެ. އޯޓީޓީ ޚިދުމަތުގައި ފޭސްބުކް، ވަޓްސްއަޕް އަދި ޓްވިޓާ ހިމެނެ އެވެ.

ޔުގެންޑާގެ އިންޓަނެޓް ރައިޓްސް އެކްޓިވިސްޓެއް ކަމަށްވާ ޖޫލިއަޓް ނަންފުކާ ބުނީ މިކަމުގައި އޮތް ކަންބޮޑުވުމަކީ އެހެން ގައުމުތަކުން ވެސް ޔުގެންޑާ ކޮޕީކޮށް މިފަދަ ޓެކްސްއެއް ނަގައިފާނެތީ ކަމަށެވެ.