Roadha Mihaaru
ސެކިއުރިޓީ ވަރުގަދަކުރަން މާލޭގައި އިތުރު ކެމެރާތަކެއް

މާލޭގެ ސެކިއުރިޓީ ވަރުގަދަކުރަން އިތުރު ކެމެރާތަކެއް ހަރުކުރަނީ

25 ޖޫން 2018

މާލޭގެ ސަލާމަތީ ކަންތައް ވަރުގަދަކުރަން އިތުރު ސީސީޓީވީ ކެމެރާތަކެއް ހަރުކުރަން ފުލުހުން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ސަލާމަތީ ކަންތައް ވަރުގަދަކުރަން އިތުރު ސީސީޓީވީ ކެމެރާތަކެއް ހަރުކުރަން ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ 100 ކެމެރާ ހަރުކުރުމުގެ މަޝްރޫއު މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށެވެ. އަދި އިތުރަށް 57 ކެމެރާ ހޯދަން މިހާރު އިއުލާނުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ އެއްޗެހިތައް ހަރުކުރަމުން އަންނަނީ، ފުލުހުންނަށް ހުށަހަޅާ މައްސަލަތަކާއި އާއްމުކޮށް ކުށްތައް ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކުގަ އެވެ.

މިހާރު ވެސް 196 ކެމެރާއެއްގެ ޒަރީއާއިން، މާލޭގެ އެކި ސަރަހައްދުތައް ފުލުހުން އަންނަނީ އޮންލައިންކޮށް ވަގުތުން ވަގުތަށް ބަލަމުންނެވެ. އެހެންވެ އަލަށް ހަރުކުރާ ކެމެރާތަކާއެކު، މާލެ ތެރޭގެ ސަލާމަތީ ކަންތައް ވަރުގަަދަ ކުރުމުގެ އެ މަޝްރޫއު ނިމުމުން 353 ކެމެރާ މަސައްކަތް ކުރާނެ އެވެ.

ޝިފާން ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެ ކެމެރާތަކަކީ، އަލި މަޑު ތަންތަނުގައި ވެސް ރަނގަަޅަށް ބޭނުންކުރެވޭނެ ކެމެރާތަކެއް ކަމަށެވެ.

އަންނަ ސެޕްޓެމްބަރު ރިއާސީ އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، މި އަހަރަކީ މާލެ ތެރެ ހަލަބޮލިވާނެ އަހަރެއް ކަމަށާއި އެ ކެމެރާތަކުން މާލެތެރެ ރަނގަޅަށް ބެލެހެއްޓޭނެ ކަން ވެސް ޝިފާން ފާހަގަކުރެއްވި އެވެ.

"މިއަހަރަކީ މާލެތެރެ ހަލަބޮލިވާނެ އަހަރަކަށް ވާނެތީ، މީހުންގެ ހަރަކާތްތައް ރަނގަޅަށް ބެލޭނެ ޒަމާނީ، ފެންވަރު ރަނގަޅު ކެމެރާތަކެއް މި ހަރުކުރަނީ. އެއީ އަލި މަޑު ތަންތަނުގައި ވެސް މީހުންގެ ހަރަކާތްތައް ރަނގަޅަށް ބެލޭނެ ކެމެރާތަކެއް. އަދި ތަހުގީގުތަކަށް ބޭނުންކުރަން ވެސް ރަނގަޅު ކެމެރާތަކެއް،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކެމެރާތައް ހަރުކުރުމަށް ފަހު، މާލެއަކީ ސީސީޓީވީގެ އެހީގައި ބެލެހެއްޓޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ކެމެރާތައް ހަރުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.