Roadha Mihaaru
ކޮންގްރެސްގައި 1500 މީހުން ބައިވެރިވާނެ: އެމްޑީޕީ

ކޮންގްރެސްގައި 1500 މީހުން ބައިވެރިވާނެ: އެމްޑީޕީ

18 ޖޫން 2018

އެމްޑީޕީން މި މަހު ފަހުކޮޅު އއ. އުކުޅަހުގައި ބާއްވާ، އެ ޕާޓީގެ "އާދަޔާ ޚިލާފު" ކޮންގްރެސްގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްޑީޕީން މި މަހު ފަހުކޮޅު އއ. އުކުޅަހުގައި ބާއްވާ، އެ ޕާޓީގެ "އާދަޔާ ޚިލާފު" ކޮންގްރެސްގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވުމަށް މާލެ އިން އެކަނި، 1000 މީހުން އުކުޅަހަށް ދާނެ ކަމަށެވެ. އަދި ޕާޓީގެ ޓިކެޓު ގަނެގެން އެމްޑީޕީ ސަޕޯޓަރުންނަށް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 200 މީހަކަށެވެ.

އެހެން ރަށްރަށުން ބައިވެރިވާ މީހުންނާ އެކު، ކޮންގްރެސްގައި އެކި ކަންކޮޅުތަކުން ބައިވެރިވާ މީހުންގެ އަދަދު 1500 އަށް ވުރެ، އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރަށެއްގައި ކޮންގްރެސް ބޭއްވުމަކީ ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ ކަމަށް ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އުކުޅަހަށް ދާ މީހުންގެ ދަތުރުފަތުރާއި ހުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން ބައެއް މީހުން އުކުޅަހާއި ކައިރި ބައެއް ރަށްރަށުގައި ތިބޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 އަދި 29ގަ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ކޮންގްރެސްގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ އަސާސީ ގަވައިދު އިސްލާހު ކުރުން ކަމަށެވެ. އަސާސީ ގަވައިދު އިސްލާހް ކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ވެސް އެދޭ ކަމެއް ކަން އަނަސް ފާހަގަ ކުރެއްވި އެވެ.

"މާލޭގައި ނުބޭއްވުނަސް، އެ އަށް ވުރެ މާ ފުރިހަމަކޮށް އުކުޅަހުގައި ކޮންގްރެސް ބާއްވައި، އަސާސީ ގަވައިދުގައި ބަޔާން ކުރާ ހުރިހާ ކަމެއް ފުރިހަމަކޮށް، ޕާޓީގެ ސިޔާސަތުތައް ކުރިއަށް އޮތް ފަސް އަހަރަށް އެކަށައެޅި، ޕާޓީގެ މެނިފެސްޓޯ ވެސް ފައިނަލްވެގެން ދާނެ ކަމަށް،" އަނަސް ވިދާޅުވި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކޮންގްރެސް ބާއްވަން ފުރަތަމަ އުޅުނީ ދަރުބާރުގޭގަ އެވެ. ހައުސިން މިނިސްޓްރީން އެމްޑީޕީ އަށް ދަރުބާރުގެ ނުދިނުމުން، އެމްޑީޕީން ނިންމީ އުކުޅަހުގައި ކޮންގްރެސް ބޭއްވުމަށެވެ.

އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީން އަންނަ ހުކުރު ކޮންގްރެސް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ޖޭޕީ އަށް ވެސް ދަރުބާރުގެ ނުދިނުމުން އެ ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައި އޮތީ ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ.

އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް މި މަހު އޮންނަ އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، އެ ޕާޓީން ބޭއްވި ޕްރައިމަރީން ވަނީ ކަނޑައަޅައިފަ އެވެ.