13 ޖޫން 2018
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހައި ކޯޓުން އިއްވި އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހައި ކޯޓުން އިއްވި އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.
ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ގައި ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ދެ ބޭފުޅުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓި އިރު، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލައިގައި ދަށު ކޯޓުން ކުރި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު، ޖެމްސް މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އަދި އިސްތިއުނާފެއް ނުކުރެ އެވެ.
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި ހައި ކޯޓުން މި މަހުގެ ތިން ވަނަ ދުވަހު އިއްވި ހުކުމުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ އެ ދައުވާ އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވާ މިންވަރަށް ވަނީ ހެކި ލިބިފަ އެވެ.
އެގޮތުން ދަށު ކޯޓުގެ ދެ ފަނޑިޔާރަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވުމުގެ ގޮތުން މުއާމަލާތު ކުރިކަން ދެ ހެކިވެރިންގެ ހެކިބަހުން ސާބިތުވާތީ، އެ ކުށުގެ އުންސުރު ފުރިހަމަވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ދަށު ކޯޓުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އެކަމަކު، ހައި ކޯޓުގެ ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ކަނޑައެޅި މިންވަރަށް ވުރެ ދެ ދަރަޖަ ދަށް އަދަބެއް ދީ، ޖަލު ހުކުމް އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް އަދަބު ލުއިކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކުރާ ހުކުމް އިސްތިއުނާފް ކުރަން ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލަ 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން ނިންމަން ޖެހޭނެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ނިމޭއިރު ޖަލު ހުކުމް ދަމަހައްޓައިފި ނަަމަ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އަދި އަލީ ހަމީދު، ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާ އަށް ބޭނުން ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއެއްގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް
ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ
ޝަރީއަތްތައް ލަސްވާ ސަބަބު ހޯދަން ޓާސްކް ފޯހެއް ހަދަނީ
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
އުއްތަމަ ފަނޑިޔާރަކަށް ޑރ. ޑީޑީ އައްޔަން ކުރަނީ
ފޯނު ނުދިން މައްސަލާ އިއްވި ހުކުމް އިސްތިއުނާފަށް
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ