Roadha Mihaaru
ގޮނޑި ކާމިޔާބު ކުރާނީ ރާއްޖެތަ؟ އިންޑޮނީޝިޔާތަ؟

ގޮނޑި ކާމިޔާބު ކުރާނީ ރާއްޖެތަ؟ އިންޑޮނީޝިޔާތަ؟

08 ޖޫން 2018

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުކަމުގެ މަގާމަށް ފަސް ގައުމެއް އިންތިޚާބު ކުރުން މިއަދު (ރާއްޖެ އަށް މި ރޭ) އޮންނަ އިރު، އޭގެ ތެރެއިން ވާދަވެރިކަމެއް އޮތީ ހަމަ އެންމެ ގޮނޑިއަކާ މެދުގަ އެވެ. އެއީ އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުކަމުގެ މަގާމަށް ފަސް ގައުމެއް އިންތިޚާބު ކުރުން މިއަދު (ރާއްޖެ އަށް މި ރޭ) އޮންނަ އިރު، އޭގެ ތެރެއިން ވާދަވެރިކަމެއް އޮތީ ހަމަ އެންމެ ގޮނޑިއަކާ މެދުގަ އެވެ. އެއީ އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑި އެވެ.

މިއަދު އިންތިޚާބުކުރާ ފަސް ގޮނޑީގެ ތެރެއިން އޭޝިޔާ ޕެސިފިކްގެ ގޮނޑި ފިޔަވައި އަނެއް ހަތަރު ގޮނޑިން ކޮންމެ ގޮނޑިއަކަށް ވާދަކުރަނީ އެއް ގައުމެވެ. އެހެންކަމުން އެއިން ކޮންމެ ގައުމަކަށް ވެސް މިހާރު ވަނީ އެ ގައުމެއް ވާދަކުރާ ގޮނޑި ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އިތުރު ވާދަވެރިއަކު ނެތުމުންނެވ.

ނަމަވެސް އޭޝިޔާ ޕެސިފިކް ގުރޫޕްގެ ގޮނޑި އަށް ދެ ގައުމެއް ވާދަކުރެ އެވެ. އެއީ އޭޝިޔާގެ އެންމެ ކުޑަ ގައުމު ކަމަށްވާ ދިވެހިރާއްޖެ އާއި އެންމެ ބޮޑު އިސްލާމީ ގައުމު ކަމަށްވާ އިންޑޮނީޝިޔާ އެވެ.

އދ.ގެ އާންމު މަޖިލީހުގައި މިރޭ ނަގާ ސިއްރު ވޯޓު ކާމިޔާބު ކުރުމަށް ރާއްޖޭން ކެމްޕޭން ކުރަމުން އަންނަ އިރު، އިންޑޮނީޝިޔާގެ ކެމްޕޭން ވެސް ވަރަށް ފޯރީގައި ކުރިއަށް އެބަދެ އެވެ. އިންޑޮނީޝިޔާގެ ކެމްޕޭންގެ އެންމެ ފަހުގެ އަމާޒު ހުރީ އިންޑިޔާ އަށެވެ.

ފުރަމާނަ ދަތުރުފުޅެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މެއި 29 ވަނަ ދުވަހު ޖަކާޓާ އަށް ވަޑައިގެން، އިންޑޮނީޝިޔާގެ ވެރިންނާ އެކު ކުރެއްވި މަޝްވަރާތަކުގައި، އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމުގައި އިންޑިޔާގެ އެހީތެރިކަމަށް އެދުނު ކަމަށް އިންޑޮނީޝިޔާގެ މީޑިއާތައް ބުނެ އެވެ.

އިންޑިޔާއަކީ ރާއްޖޭގެ އަވައްޓެރި ގައުމަކަށް ވިޔަސް، ރާއްޖެ އާއި އިންޑިޔާއާ ދެމެދު ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި މިރޭގެ ވޯޓުގައި އިންޑިޔާ ވޯޓު ދޭނީ ކޮން ގައުމަކަށްތޯ ސުވާލު އުފެދެ އެވެ. ރާއްޖެ އަކީ އިންޑިޔާގެ ނިސްބަތުން ވަރަށް ކުޑަ ގައުމަކަށް ވެފައި، ވިޔަފާރީގެ ގުޅުންތަކަށް ބެއްޔަސް، އިންޑިޔާގެ މަސްލަހަތާ ބޮޑަށް ގުޅިފައިވަނީ އިންޑޮނީޝިޔާއާ އެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ސްޓްރެޓެޖީ އަށް ބަލާއިރު، ޗައިނާއާ އެކު ރާއްޖޭން ގާތް ގުޅުމެއް ބާއްވަމުން އައުމަކީ އިންޑިޔާ އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވެ އެވެ. ވަކިން ޚާއްސަކޮށް ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކޮށްފައި ވަނިކޮށް، އެ އެއްބަސްވުން އުވާލައި، ރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތައް ޗައިނާގެ ކުންފުނިތަކާ ހަވާލު ކުރުމަކީ ވެސް، މިފަދަ ވޯޓެއްގެ ނަތީޖާ އަށް ނުސީދާ ގޮތެއްގައި އަސަރު ފޯރަ ފާނެ ކަންކަމެވެ.

"މާޒީގައި ވެސް ދެ ގައުމުގެ ގުޅުމަށް އަޑިގުޑަންތައް ކުރިމަތިވެފައި އެބަހުރި. މިހާރު ވެސް އެފަދަ ކަންތައް ކުރިމަތިވަމުންދޭ. އެކަމަކު ވެސް ރާއްޖެއާ އެކު އޮންނަ ގުޅުން ކަނޑައިގެނެއް ނުދޭ. އަދި އެ ގުޅުން ކަނޑައިގެނެއް ނުވެސް ދާނެ،" މިދިޔަ މަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި، އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވި އެވެ.

ސުޝްމާ އެހެން ވިދާޅުވިޔަސް، އަދި އަމުދުން ސަލާމަތީ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަން ނަގާ ވޯޓަކީ ސިއްރު ވޯޓަކަށް ވާތީ، ގައުމުތަކުން ވޯޓު ދޭ ގޮތް އޮންނާނީ ސިއްރެއްގެ ގޮތުގަ އެވެ. އެއްވެސް ގައުމެއް ވޯޓު ދިނީ ކިހިނެއް ކަމެއް އަނެއް ގައުމަކަށް ނޭނގޭނެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ (2019-2020) ގޮނޑި އަށް ރާއްޖޭން ވާދަކުރަން އެންމެ ފުރަތަމަ ނިންމީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2008 ވަނަ އަހަރުގެ ކުރީކޮޅުގެ ތެރޭގަ އެވެ. އެއަހަރު މައުމޫން ފޮނުއްވެވި ސިޓީފުޅެއްގައި އިންޑިޔާގެ ތާއީދަށް އެދިވަޑައިގަތުމުން އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ، ވޯޓުގައި ރާއްޖެ އަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިސެމްބަރު 2008ގައި އިންޑިޔާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ވެސް، ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދުމުގައި ރާއްޖެއަށް ތާއީދު ކުރުމަށް އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވައުދުވެވަޑައިގަތެވެ.

ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން 2014 ވަނަ އަހަރު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ.

ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން 2014 ވަނަ އަހަރު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ.

ހަމަ އެފަދައިން 2014 ވަނަ އަހަރު، މިހާރުގެ ރައީސް އަބްދުﷲ ޔާމީން، އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އިންޑިޔާ ސަރުކާރުން އެ ޔަގީންކަން ދިނެވެ. އެއީ ސަލާމަތީ މަޖިލީހުގެ (2021-2022) ގޮނޑި އަށް އިންޑިއާ ވާދަކުރާ އިރު ރާއްޖޭން ތާއީދު ކޮށްދިނުމުގެ ބަދަލުގަ އެވެ.

އެހެންކަމުން މިރޭގެ އިންތިޚާބަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުމުގައި ވެސް މުހިންމު ރެއަކަށް ވެގެންދާނެ އެވެ. ނަމަވެސް ސިއްރު ވޯޓެއް ކަމަށްވާތީ، ވޯޓު ދިނީ ކޮން ގައުމެއް ކޮން ގޮތަކަށް ކަން ނޭނގޭނެތީ ނަތީޖާ އަށް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ.

މިރޭގެ އިންތިޚާބުގައި ސަލާމަތީ މަޖިލީހުން ހުސްވާ ވެސްޓަން ޔޫރަޕާއި އަދާ ނޭޝަންސް އޮފް ގްރޫޕްގެ ދެ ގޮނޑި އަށް ވާދަކުރަނީ ބެލްޖިއަމާއި ޖަރުމަނު ވިލާތެވެ. ކުރިން މި ދެ ގޮނޑި އަށް ވާދަކުރި އިޒްރޭލު، މިދިޔަ މަހު ނަން އަނބުރާ ގެންދިއުމުން މި ދެ ގޮނޑި އަށް މިހާރު އެއްވެސް ވާދަވެރި ކަމެއް ނެތެވެ.

އެފްރިކާ ގްރޫޕްގެ ގޮނޑި އަށް ވާދަކުރަނީ ދެކުނު އެފްރިކާ އެކަންޏެވެ. ލެޓިން އެމެރިކާ އާއި ކެރީބިއަން ގައުމުތަކުގެ ގޮނޑި އަށް ވާދަކުރަނީ ޑޮމިނިކަން ރިޕަބްލިކް އެކަންޏެވެ.

އެހެންކަމުން މިރޭގެ އިންތިޚާބުގައި ވާދަވެރިކަމެއް އޮތް ހަމައެކަނި ގޮނޑިއަކީ އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމުގެ ހިޔަނި މިފަދަ ވޯޓަކަށް އެޅިގެންދާނެ ކަމަށް، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ވަކިން ޚާއްސަކޮށް ވިލާތުގެ ގައުމުތަކުން ރާއްޖޭގެ ސިޔާސީ އޮއިވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ މި ދަނޑިވަޅުގައި، ވިލާތުގެ ގައުމުތަކުގެ ވެސް ބޮޑު ތާއީދަކާ އެކުގައި ނޫނީ، އެ ގޮނޑި ރާއްޖެ އަށް ކާމިޔާބު ކުރެވޭކަށް ވެސް ނެތެވެ.

އެ ގޮނޑި ހޯދުމަށް ރާއްޖެއާ ވާދަކުރާ އިންޑޮނީޝިޔާއަކީ މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ފުރާފައިވާ ގައުމެކެވެ. އެހެންކަމުން، އެންމެ ފަހު ވަގުތު ދިވެހިރާއްޖެ އަށް އެ ފުރުސަތު ދިނުމަކީ ވެސް ދުރުކަމެއް ނޫނެވެ. އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ، މިރޭގެ ވޯޓު ވެގެންދާނީ ރާއްޖެ އާއި ދުނިޔޭގެ ތާރީޚް ވެސް ބަދަލުކުރި ވޯޓަކަށެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ (ކ) އިންޑޮނީޝިޔާ އަށް ވަޑައިގަތުމުން އެ ގައުމުގެ ރައީށް ޖޯކޯ ވިދޯދޯ މަރުހަބާ ދަންނަވަނީ. ފޮޓޯ ޕީޓީއައި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ (ކ) އިންޑޮނީޝިޔާ އަށް ވަޑައިގަތުމުން އެ ގައުމުގެ ރައީށް ޖޯކޯ ވިދޯދޯ މަރުހަބާ ދަންނަވަނީ. ފޮޓޯ ޕީޓީއައި

"ރާއްޖެ ހޮވިއްޖެ ނަމަ، ދުނިޔޭގެ ތާރީޚު ބަދަލުވެގެން ދާނެ. އދ. ގެ ސެކިއުރިޓީ ކައުންސިލްގައި މިހާ ކުޑަ ގައުމެއް ހޮވޭނެ ފުރަތަމަ ފަހަރު. މިއީ ދިވެހިން ފަޚުރުވެރިވާން ޖެހޭނެ ކަމެއް،" ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހްމަދު ޝިއާން، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހަށް އެއްވެސް މެމްބަރެއް އިންތިޚާބު ވާނީ، އާންމު މަޖިލީހުގެ ބައްދަލުވުމުގައި ނަގާ ވޯޓުގައި ބައިވެރިވާ ގައުމުތަކުގެ ތިން ބައިކުޅަ ދެ ބައިގެ ވޯޓު ލިބިގެންނެވެ. ގޮނޑިއަކަށް އެންމެ ގައުމެއް ވާދަކުރި ނަމަވެސް އިންތިޚާބުވާނީ އެ އަދަދަށް ވޯޓު ލިބިގެންނެވެ.

ސަލާމަތީ މަޖިލިސް އެކުލެވިގެންވަނީ ޖުމްލަ 15 މެމްބަރު ގައުމުގެ މައްޗަށެވެ. އެއީ ދާއިމީ ފަސް މެމްބަރުންނާއި ދާއިމީ ނޫން 10 މެމްބަރު ގައުމެވެ. ދާއިމީ މެމްބަރުންނަކީ، އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސި ވިލާތް، އަދި ފަރަންސޭސި ވިލާތެވެ.

ދާއިމީ ނޫން 10 ގޮނޑި އަށް ދެ އަހަރުން ދެ އަހަރުން މެމްބަރުން އިންތިޚާބު ކުރާނީ ފަސް ގުރޫޕަކަށް ބަހާލާފައިވާ ގައުމުތަކުންނެވެ. އެއީ އެފްރިކާ އަށް ތިން ގޮނޑި، އޭޝިޔާ ޕެސިފިކް އަށް ދެ ގޮނޑި، ލެޓިން އެމެރިކާ އާއި ކެރީބިއަން އަށް ދެ ގޮނޑި، ހުޅަނގު ޔޫރަޕާއި އެހެން ގައުމުތަކަށް ދެ ގޮނޑި އަދި އިރުމަތީ ޔޫރަޕަށް އެއް ގޮނޑި އެވެ.