Roadha Mihaaru
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް

ޝާހިދުގެ ރައްދު ޑރ. ޝަހީދަށް: ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެ ކުރިމަތިލުމަކީ ކުށްވެރިކުރަން ޖެހޭ ކަމެއް ނޫން

10 ޖޫން 2018

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ރާއްޖެއިިން ކުރިމަތިލާން 2008 ގައި އޭރުގެ ސަރުކާރުން ނިންމި ނިންމުމަކީ ވަކި މީހަކު ކުށްވެރިކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޑރ. އަހުމަދު ޝަހީދަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްދު ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ރާއްޖެއިިން ކުރިމަތިލާން 2008 ގައި އޭރުގެ ސަރުކާރުން ނިންމި ނިންމުމަކީ ވަކި މީހަކު ކުށްވެރިކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޑރ. އަހުމަދު ޝަހީދަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްދު ދެއްވައިފި އެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ މި ދައުރުގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލާން 2008 ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ފާޑު ވިދާޅުވުމުންނެވެ. ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވަން މިދިޔަ ހުކުރު ދުވަހު އދ. ގެ ޖެނެރަލް އެސެބްލީގައި ނެގި ވޯޓުގައި އިންޑޮނީޝިއާއާ ވާދަކޮށް، ބޮޑު ތަފާތަކުން ރާއްޖެ ބަލިވުމުން ޝަހީދުގެ ފާޑު ކިޔުން އަމާޒުކުރީ މައުމޫންގެ ސަރުކާރަށެވެ.

ޝަހީދު ވިދާޅުވެފައިވާ ގޮތުގައި އެފަދަ ޒިންމާދާރު ކަން ކުޑަ ނިންމުމެއް ނިންމި ސަބަބު އޭރުގެ ވެރިން ސާފުކޮށްދޭން ޖެހޭނެ އެވެ. އޭރު މައުމޫންގެ ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވީ ޝާހިދެވެ.

ޑރ. ޝަހީދުގެ އެ ވާހަކަތަކާ ގުޅިގެން ޝާހިދު ވިދާޅުވީ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް އޭރު ރާއްޖެއިން ކުރިމަތިލާން ނިންމީ އިންސާނީ ހައްގުތައް ކުރިއަރުވައި، ބައިނަލްއަގްވާމީ ގޮތުން ބަސްވިކޭ ގައުމަކަށް ރާއްޖެ ހެދުމަށް ކަމަށެވެ. ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަކީ އުނދަގޫ ކަމެއް ކަން ފާހަގަ ކުރައްވައި، ޝާހިދު ވިދާޅުވީ އޭރު ސަލާމަތީ މަޖިލީހަށް ވާދަކުރަން އޭރުގެ ސަރުކާރުން ނިންމީ ފަހުން އަންނަ ބަޔަކަށް ވެސް އޭގެ ފައިދާތަކެއް ހޯދައި ދިނުމުގެ މަގްސަދުގަ އެވެ. އަދި އެއީ ވަކި ބަޔަކު ކުށްވެރި ކުރަންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުށަހެޅީ ވެސް އަޅުގަނޑު ފޮރިން މިނިސްޓަރަކަށް ހުރި ދުވަސްވަރު. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެވެން އަންނަނީ އެކަމަށް ވަރަށް ދުރާލާ މަސައްކަތްތަކެއް ކޮށްގެން. އަދި ވަރަށް ފަހަކާ ޖެހެންދެން މި ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުން ވާދަކުރަން އޮތީ ވެސް ރާއްޖެއިން އެކަނި. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މީގައި ވަކި މީހަކު ކުށްވެރި ކުރުމަކީ އެއީ ހިތާމަ ހުރި ކަމެއް." ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ޑރ. ޝަހީދަށް ރައްދު ދެއްވައި، ޝާހިދު ވަނީ ސަލާމަތީ މަޖިލީހަށް ވާދަކުރަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ޝަހީދު އޭރު އަނބުރާ ނުގެންނެވީ ކީއްވެގެންތޯ ވވެސް ސުވާލު ކުރައްވައިފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވީ ޑރ. ޝަހީދެވެ.

"ޑރ. ޝަހީދަށް އެ ހުށަހެޅުން ގަބޫލުފުޅު ނުކުރެއްވޭ ނަމަ ޑރ. ޝަހީދަށް އޮތް އެ ހުށަހެޅުން އަނބުރާ ގެނައުމުގެ ފުރުސަތު ވެސް. އެއިރެއްގައި އޮންނަ ސަރުކާރެއްގެ ބާރުގެ ދަށުގައި އޮންނަ ކަމެއް އެއީ. ރާއްޖޭގެ ހުށަހެޅުން އަނބުރާ ގެންނަން އޭރުގެ ރައީސް ނަޝީދަށް ޑރ. ޝަހީދު ލަފާ ދެއްވިތޯ އެބަ ޖެހޭ ބަލާލަން،" މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ލިބިއްޖެ ނަމަ ގިނަ ފިއްތުންތަކެއް ރާއްޖެއަށް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، ޝަހީދު ވިދާޅުވެފައިވަނީ އެ ގޮނޑި ރާއްޖެ އަށް ލިބުނު ނަމަ އެއީ ކުރިމަތިވާނެ ބޮޑު ބަދު ނަސީބެއް ކަމަށެވެ. އަދި އެ ގޮނޑި ކާމިޔާބު ނުވުމަކީ މި ސަރުކާރުގެ މައްސަލައެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ފިއްތުންތަކެއް ކުރިމަތި ކޮށްގެން އެއްވެސް ގައުމަކަށް ސަލާމަތީ މަޖިލީހުގައި ހާސިލް ކުރެވޭނެ ކަމެއް އޮންނާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ސަލާމަތީ މަޖިލިސް ފިޔަވައި ދެވަނަ އަށް އެންމެ ވާދަވެރި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރު ކަން ރާއްޖެއިން ކޮށްފައި އޮތުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އޭގެ ވަރަށް ބޮޑު ހެއްކެއް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް މެމްބަރު ކަން ރާއްޖެ އިން ކުރުން. ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިވި ނަމަ އެކަން އެނގިވަޑައިގަންނަވާނީ ޑރ، ޝަހީދަށް. އެއީ އޭރު މިނިސްޓަރަކަށް ހުންނެވީ ވެސް ޝަހީދު. އެކަމަކު އަޅުގަނޑު މިނިސްޓަރަކަށް ހުރިއިރު އަދި އޭގެކުރިން ވެސް، ކިތަންމެ އެކުވެރި ގައުމަކުން ކަމަށްވީ ނަމަވެސް ފިއްތުންތަކެއް ކުރިމަތިކޮށްގެން އަޅުގަނޑުމެން ލައްވައި ކަމެއް ހާސިލް ކުރުވިފައެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވި ހަމައެކަނި ސަބަބަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. އިންސާނީ ހައްގުތަކުގެ ދާއިރާއިންނާއި ބޭރުގެ ޖަމާއަތްތަކުގެ ނިންމުންތަކަށް އަމަލު ނުކުރުމަކީ އޭގެ މިސާލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާގައި ތައުލީމީ ގާބިލް ބޭފުޅުން ތިއްބަސް، ހުރިހާ ކަމެއް ހަލާކު ކުރަނީ ސިޔާސީ ފިކުރުތަކުގެ މީހުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެކަމަށް ގާބިލް ބޭފުޅުން ރާއްޖޭގައި އެބަތިބި މިހާރު ވެސް. އެކަމަކު ސިޔާސީ މީހުންނާއި އެހެން ބައެއް ފިކުރުތަކުގެ މީހުން ވަދެ ކަންކަން މި ހަރާބު ކޮށްލަނީ. އެއީ ފޮރިން ސާވިސް ވިޔަސް އަދި އެހެން ކަންކަން ވެސް އޮތީ މިފަދަ ގޮތަކަށް،" ޝާހިދު ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ރާއްޖެއަށް ކާމިޔާބު ނުވުމުން އިދިކޮޅު ފަރާތްތަކުގެ ބޮޑު ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެ ގޮނޑި ކާމިޔާބު ނުވީ ސަރުކާރުން ބޭރުގެ ޖަމާއަތްތަކުގެ ނިންމުންތަކަށް އިހްތިރާމް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ އެ ގޮނޑި ކާމިޔާބު ނުވުމުން އެނގިގެންދަނީ ކުދި ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ފުރުސަތު ހަނިވެފައިވާ މިންވަރު ކަމަށެވެ.

އދ. ގެ އެންމެ ވާދަވެރި އަދި އެންމެ ބާރުގަދަ ސަލާމަތީ މަޖިލީހުގެ މި ސަރަހައްދުގެ ގޮނޑި އިންޑޮނީޝިއާ އިން ކާމިޔާބުކުރީ 144 ގައުމެއްގެ ވޯޓު ލިބިގެންނެވެ. ރާއްޖެއަށް ލިބުނީ އެންމެ 46 ގައުމެއްގެ ވޯޓެވެ. މިއީ ރާއްޖެއިން އެ ކައުންސިލަށް ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވިޔަސް، އިންޑޮނީޝިއާ އިން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކޮށްފަ އެވެ.

ޖުމްލަ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކައުންސިލްގެ 10 މެމްބަރުންނަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ދެ އަހަރުގެ މުއްދަތަށް އިންތިޚާބުކުރާ މެމްބަރުންނެވެ. ބާކީ ތިބޭ ފަސް މެމްބަރުންނަކީ ދާއިމީ މެމްބަރުންނެވެ. އެއީ އެ މަޖިލީހަށް ހުށަހެޅޭ ކަންކަން ވީޓޯކޮށް، ބޭރުކޮށްލުމުގެ ބާރު ލިބިފައިވާ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ، އެމެރިކާ އާއި ރަޝިއާ އާއި ޗައިނާގެ އިތުރުން އިނގިރޭސިވިލާތް އަދި ފްރާންސެވެ.