10 ޖޫން 2018
ހިތްގައިމު ކުޑަ ރަށެކެވެ. މަގުމަތީގައި މިނިވަންކަމާ އެކު ކުޑަކުދިން ކުޅެ އުޅެ އެވެ. އުމުރުން ދުވަސްވީ މީހުން ފިކުރެއް ނެތި ހިނގާބިނގާވެ އުޅެ އެވެ. އެކަމަކު ދުއްވާއެއްޗެހި ގިނަވެ، ނ. ކުޑަފަރީގެ މި އަމާން މާހައުލު ބީވެގެން ހިނގައިދާނެ ކަމުގެ ބިރުހީވާން ވަނީ ފަށައިފަ އެވެ. ކުޑަފަރީއަކީ އާއްމުކޮށް ދުއްވާ އެއްވެސް ވެހިކަލެއް ނެތް ރަށަކަށް ހަދަން ޑައިވަރު ޒޫނާ ނަސީމް މަސައްކަތް ފެށި ސަބަބަކީ އެއީ އެވެ. އަދި އެ ކަމަށް އެދި، އެ ރަށު މީހުންގެ ފަރާތުން ޒޫނާ ވަނީ ސިޓީއެއް ކައުންސިލަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅައިފަ އެވެ.
ހިތްގައިމު ކުޑަ ރަށެކެވެ. މަގުމަތީގައި މިނިވަންކަމާ އެކު ކުޑަކުދިން ކުޅެ އުޅެ އެވެ. އުމުރުން ދުވަސްވީ މީހުން ފިކުރެއް ނެތި ހިނގާބިނގާވެ އުޅެ އެވެ. އެކަމަކު ދުއްވާއެއްޗެހި ގިނަވެ، ނ. ކުޑަފަރީގެ މި އަމާން މާހައުލު ބީވެގެން ހިނގައިދާނެ ކަމުގެ ބިރުހީވާން ވަނީ ފަށައިފަ އެވެ. ކުޑަފަރީއަކީ އާއްމުކޮށް ދުއްވާ އެއްވެސް ވެހިކަލެއް ނެތް ރަށަކަށް ހަދަން ޑައިވަރު ޒޫނާ ނަސީމް މަސައްކަތް ފެށި ސަބަބަކީ އެއީ އެވެ. އަދި އެ ކަމަށް އެދި، އެ ރަށު މީހުންގެ ފަރާތުން ޒޫނާ ވަނީ ސިޓީއެއް ކައުންސިލަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅައިފަ އެވެ.
ގާތްގަނޑަކަށް 450 މީހުން ދިރިއުޅޭ ކުޑަފަރިއަކީ ދިގުމިނުގައި އެންމެ 0.6 ކިލޯމީޓަރު އަދި ފުޅާމިނުގައި އެންމެ 0.4 ކިލޯމީޓަރު ހުންނަ ރަށެކެވެ. އެ ރަށަށް އުފަން ޒޫނާގެ ބަހުން ނަމަ، "ހިނގާފައި 10 ވަރަކަށް މިނިޓުން ނުދެވޭނެ އެއްވެސް ތަނެއް މި ރަށަކު ނޯންނާނެ" އެވެ. އެކަމަކު ވެސް ކުޑަފަރީގައި ބައެއް މީހުން ސައިކަލު ގެންގުޅެ އެވެ. އަދި ސައިކަލުތަކުގެ އަދަދު އިތުރުވަމުންދާ އިރު މިހާރު ފިޔަވަޅެއް ނާޅައިފި ނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން ޒޫނާ އިހުސާސްކުރެ އެވެ. އޭނާގެ އުއްމީދަކީ، ޚާއްސަ ބޭނުމަކަށް ވެހިކަލެއް ބޭނުންކުރަން ޖެހުނަސް، އާއްމުކޮށް އެއްވެސް އުޅަނދެއް ނުގެންގުޅޭ ރަށަކަށް ކުޑަފަރީ ވެގެން ދިޔުމެވެ.
ކުޑަފަރިއަކީ އިންޖީނުލީ އުޅަނދު ނުދުއްވާ ރަށަކަށް ހަދަން 2011 އިން ފެށިގެން ރަށު ކައުންސިލުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެކަމާ ގުޅޭ ގަވާއިދެއް ވެސް ކުރިން ތަންފީޒުކުރި އެވެ. ކުރިންސުރެ އަމާޒަކަށް ވެފައި އޮތީ ރައްޔިތުން ބައިސްކަލަށް އަހުލުވެރިކޮށް، ވެހިކަލާ ދުރުވާން ހިތްވަރުދިނުމެވެ. އާއްމުން ދުއްވާނެ ބައިސްކަލް ރަށު ތެރޭގައި ބެހެއްޓުމުގެ އިތުރުން އިސްޓޯލްމެންޓަށް ބައިސްކަލް ދޫކޮށްފައި ވެސް ވެ އެވެ. މިދިޔަ މަހު ވެސް ކައުންސިލުން ވަނީ ގޭގެ އަށް އެ ގޮތަށް ބައިސްކަލްތަކެއް ހޯދައިދީފަ އެވެ. އެކަމަކު އަދިވެސް ވެހިކަލް ނެތް ރަށަކަށް ހެދުމުގެ އުއްމީދު ހާސިލެއް ނުވެ އެވެ.
"މިދިޔަ ސެޕްޓެމްބަރު މަހު މި ރަށުގައި ހުރީ ހަތް ސައިކަލު. މިހާރު އެ އަދަދު ދިހަޔަކަށް އަރައިފިހެން ހީވަނީ. އެހެންވީމާ ވަރަށް ބާރަށް ސައިކަލުތައް ގިނަވަމުންދަނީ. އިންޖީނުލީ އެއްޗެއްސާއި ބެޓެރި އެއްޗެހި ވެސް އެބަ ގެންގުޅޭ. މި ގޮތަށް ދަންޏާ ކުޑަފަރި ވެސް ދެން ދުވަސްކޮޅަކުން ވެގެންދާނީ، އޭދަފުށި، ތިނަދޫ ނުވަތަ މާލެ ކަހަލަ ތަނަކަށް،" ޒޫނާ ބުންޏެވެ.
"މުދާ އުފުލުން ވެސް، ކުރީގެ ގޮތަށް، ގާޑިޔަލުގައި ކުރުން މާ އެދެވިގެންވޭ. އެކަމަކު މި ފަހުން ދެ ބެޓެރީ ޕިކަޕު ގެނެސްފައި އެބަ އޮތް. އަޅުގަނޑު އުއްމީދުކުރަނީ ކާރު ނުވަތަ އިތުރު ބެޓެރި ޕިކަޕްތައް ވެސް ދެން ނުގެންނާނެ ކަމަށް. ހަމައެކަނި ޚާއްސަ ކަމަކަށް ކައުންސިލުން ހުއްދަ ދޭ ވެހިކަލެއް ފިޔަވައި އެއްވެސް ވެހިކަލެއް ނޯންނާނެ ކަމަށް."
ކުޑަފަރީއަކީ ވެހިކަލް ނުގެންގުޅޭ ރަށަކަށް ހަދައިދޭން އެދި އެ ރަށު ރައްޔިތުންގެ ފަރާތުން ޒޫނާ (ކ2) ކައުންސިލަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ހުށަހަޅަނީ.
އެ އުއްމީދުގައި ޒޫނާ ވަނީ ރަށުގެ ގޭގެ އަށް ޒިޔާރަތްކޮށް، ވެހިކަލް ބޭނުންކުރުން ހުއްޓާލުމުގެ މުހިއްމުކަން މީހުންނަށް ވިސްނައިދޭން މަސައްކަތްކޮށްފަ އެވެ. އަދި ކުޑަފަރީއަކީ ވެހިކަލް ނުގެންގުޅޭ ރަށަކަށް ހަދައިދޭން އެދި ކައުންސިލަށް ހުށަހެޅި ސިޓީގައި 170 މީހަކު ސޮއިކޮށްފައިވެ އެވެ. ޒޫނާ ބުނާގޮތުގައި ވެހިކަލް ދުއްވުން ހުއްޓުވަން ޖެހޭ ކަމާއި ވެހިކަލާ ނުލާ ވެސް އުޅެވިދާނެކަން ރަށު މީހުންގެ "ގާތްގަނޑަކަށް 99 ޕަސެންޓް" ގަބޫލުކުރެ އެވެ.
"ގާތްގަނޑަކަށް ކޮންމެ މީހަކު ވެސް ގަބޫލުކުރޭ، ހިނގާލާފައި އުޅެވިދާނެކަން. ދެތިން މީހަކު ބުނީ ތިމަންނަމެންނަށް ސްކޫލް ދޮށަށް ހިނގަން އުނދަގުލޭ. އެކަމަކު ކިތަންމެ މަޑުން ހިނގާފައި ވިޔަސް ދެތިން މިނިޓުން ދެވޭ ހިސާބުގައި ސްކޫލް މި ހުންނަނީ،" ވިލިމާލޭގައި ދިރިއުޅެމުން އަންނަ އެކަމަކު އާދަވެގެން ރަށަށް ގޮސް އުޅޭ ޒޫނާ ބުންޏެވެ.
"މިހާ ރީތި، މިހާ ފެހި ރަށެއްގައި ސައިކަލްތަކާ އެއްޗެހި ގިނަވާން ފަށައިފިއްޔާ ކުޑަކުދިންނަށް މަގުމައްޗަށް ނުކުމެ އުޅުމުގެ މިނިވަންކަން ވެސް ގެއްލިގެންދާނެ. މުސްކުޅިންނަށް ވެސް ހިތްހަމަޖެހިލައިގެން މަގުމަތީގައި ހިނގާލާފައެއް ނުދެވޭ މިހާރު. އެ މީހުން އަމިއްލަ އަށް ކިޔައިދޭ ގޮތް މިއީ. ތިމަންނަމެން މިހާރު ޖެހިލުންވެއޭ މަގުމައްޗަށް ނުކުންނަން، ކުރީގައި ހެނެއް ނޫނޭ، ފަހަތުން ސައިކަލެއް އަންނާތީ ސިއްސަސިއްސައިގެންނޭ ދަނީ. އަނެއްކާ މަގުތައް ވެސް ވަރަށް ބޮޑަށް ހަލާކުވެ ފެން ހެދޭ ގޮތް އެބަ ދިމާވޭ."
ނ. ކުޑަފަރި
އުޅަނދުތަކުގެ ތެރެއިން ޒޫނާގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ބެޓެރި ސައިކަލުތަކާ މެދުގަ އެވެ. އޭނާ ބުނީ އެފަދަ އުޅަނދުތައް ދުއްވަން ލައިސަންސެއް ބޭނުން ނުވާ އިރު ކުޑަކުދިން ވެސް އެ އެއްޗެއްސަށް އަރައިގެން އުޅޭ ކަމަށާއި އާދައިގެ ސައިކަލެކޭ އެއް ބާރުމިނެއްގައި ދުއްވާލެވޭ އެ އެއްޗެހިން އެއްވެސް އަޑެއް ނީވުމަކީ ވެސް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އާއްމުކޮށް އިންޖީނުލީ އުޅަނދު ބޭނުންކުރުން މަނާކޮށްފައި އޮންނަ ވިލިމާލޭގައި ވެސް، ބެޓެރީ ސައިކަލްތައް ގިނަވުމުގެ މައްސަލަ ބޮޑެވެ.
"ބެޓެރީ ސައިކަލް ވަރަށް ކުޑަ އަގަކަށް ލިބޭ ގޮތަށް އެބަ ވިއްކާ. މަހަކު 200 ރުފިޔާ ދައްކާ ގޮތަށް ވެސް ސައިކަލު ގެނެސްފައި އެބަހުރި،" ޑައިވިންގެ އެންމެ މަތީ ފާސް ކަމަށްވާ ކޯސް ޑައިރެކްޓަރުކަން ހާސިލްކުރި ދިވެހި ފުރަތަމަ އަންހެން ޑައިވަރު ޒޫނާ ބުންޏެވެ.
ރަށު ކައުންސިލްގެ ވެސް ވިސްނުމަކީ ކުޑަފަރީއަކީ ވެހިކަލް ނުގެންގުޅޭ ރަށަކަށް ހެދުމެވެ. ކައުންސިލްގެ ނާއިބު ރައީސް ޖަޒްލާން އާދަމް ވިދާޅުވި ގޮތުގައި ކައުންސިލްގެ އަމާޒަކީ ބައިސްކަލް ފިޔަވައި އެހެން އުޅަނދެއް ނެތް ރަށަކަށް އެ ރަށް ހެދުމެވެ. އަދި ރައްޔިތުންގެ ފަރާތުން ހުށަހެޅި ސިޓީއާ ގުޅިގެން، ސައިކަލު ގެންގުޅޭ މީހުންނާ ވާހަކަދައްކައި އެ އެއްޗެހި ދޫކޮށްލާނެ ގޮތެއް ފެނޭތޯ މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލްގެ ނިންމުމެއް އަދި ނެތް. އެކަމަކު އަޅުގަނޑުމެންގެ ވިސްނުމުގައި އެބަ ހުރި، ވެހިކަލް ގެންގުޅޭ މީހުންނަށް ބަދަލު ދީގެން ވެސް އެކަން ކުރެވޭތޯ ބަލަން. އެ ބޭފުޅުން އެދިއްޖެއްޔާ ފައިސާ ދޭން ވެސް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" ޖަޒްލާން ފާހަގަކުރެއްވި އެވެ.
"ބޮޑު ރަށެއްގައި މި ކަން ނުކުރެވިދާނެ. އެކަމަކު މި ކަހަލަ ކުޑަ އާބާދީއެއްގައި ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ. މި ރަށުގައި ކައުންސިލުން ގޭގެ އިން ކުނި ނަގައިގެން ކުނި އުކާލަމުން މި ގެންދަނީ ވެސް ގާޑިޔަލުގައި. އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި 1.5 ޓަނުގެ ޕިކަޕެއް ގަނެގެން އެކަން ކުރަން ވެސް. އެކަމަކު އަޅުގަނޑުމެންގެ ވިސްނުމަކީ ގާޑިޔަލެއްގައި އެކަން ކުރެވޭ ކަމަށް ވަންޏާ ޕިކަޕެއްގައި ކުރަންވީ ކީއްކުރަންހޭ."
ޒޫނާ ވެސް ގަބޫލުކުރާ ގޮތުގައި ދުއްވާއެއްޗެހި ގެންގުޅުމަކީ ހިނގާފައި އުޅެވެން އޮތް ރީތި، ފެހި ރަށެއްގެ މާހައުލާ ގުޅޭ ކަމެއް ނޫނެވެ.
"މި މާހައުލުގައި ކުޑަކުދިން މި އުޅެނީ މާލޭގައި ހެން ކޮޓަރިއެއްގައި ބަންދުވެގެނެއް ނޫން. މަގުމަތީގައި މިނިވަންކަމާ އެކު. އެހެން އުޅެނިކޮށް ދެރަ ކަމެއް ވެދާނެ، މި ކަންތައް ބޮއްސުންލައިގެން ހިނގައްޖެއްޔާ. އެހެންވީމާ މިހާ ކުޑަ ކޮމިއުނިޓީއެއްގައި، މިހާ ހިސާބުން ވެސް މިކަން ހުއްޓުވިދާނެ،" އޭނާ ބުންޏެވެ.
ބެޓެރި ސައިކަލް ގިނަވެ ވިލިމާލޭގެ ހިތްގައިމުކަން ނެތެނީ
ވެލާގެ "ފެހި ކުރަމާ" ނ. އަތޮޅުގައި ފަށައިފި
ޖަޕާނުން އުފެއްދި އުދުހޭ ސައިކަލް ޕްރީ-އޯޑަރަށް
ސައުދީގެ "ނެޓް ޒީރޯ" އަމާޒު 2060 އަށް
އެނަޖީ އެފިޝަންޓް މިންވަރު އަންގައިދޭން ސްޓިކާއެއް
ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން
"ހުއްދަ ނެތި ރުއްގަސް ގެންދާނަމަ ފިޔަވަޅު އަޅާނަން"
ކޮތަރާ އެކު 100 އަށް ވުރެ ގިނަ ދޫނި ހިމާޔަތްކޮށްފި
ޔޫކޭގައި ދުވާލަކު 167 މިލިއަން ސައިފަތް ޕެކެޓް
ގާނިއާ ޝޭމްޕޫ، ސައިބޯންޏެއް ގޮތަށް