Roadha Mihaaru
ކުށްވެރިން ބައިވެރިވާ ކޮންގްރެސްތައް ބަލައިނުގަންނާނެ

ކުށްވެރިން ބައިވެރިކުރާ ކޮންގްރެސްތައް ވެސް ބަލައެއްނުގަންނާނަން: އީސީ

05 ޖޫން 2018

ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކު ސިޔާސީ ޕާޓީތަކުގެ ކޮންގްރެސްގައި ބައިވެރިކޮށްފި ނަމަ އެ ކޮންގްރެސް ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކު ސިޔާސީ ޕާޓީތަކުގެ ކޮންގްރެސްގައި ބައިވެރިކޮށްފި ނަމަ އެ ކޮންގްރެސް ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން ހުރުން ފިޔަވައި، އެހެން ކަމެއްގައި ބައިވެރިވުން މަނާ ކަމަށެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކޮންގްރެސްތައް ކުރިއަށް ގެންދާއިރު ވެސް ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތައް ބައިވެރި ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަނީ ސިޔާސީ ޕާޓީތަކުން ކޮންގްރެސްތައް ކުރިއަށް ގެންދާއިރު އެފަދަ ފަރާތްތައް ބައިވެރި ނުކުރާނެ ކަމަށް. އެފަދަ ގޮތަކަށް ކޮންގްރެސް ބާއްވައިފި ނަމަ އެކޮންގްރެސް ބަލައެއް ނުގަންނާނަން." ކޮމިޝަންގެ ތަރުޖަމާންކަން ވެސް ކުރައްވާ އަކްރަމް ވިދާޅުވި އެވެ.

ރައީސް ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީން، ޕްރައިމަރީ ބާއްވައި އެ ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވާފައިވާއިރު އެކަން ބަލައި ނުގަންނަ ކަމަށް އިލެކްޝަންސްއިން ވަނީ ބުނެފަ އެވެ. އެ ޕްރައިމަރީގައި ނަޝީދު ބައިވެރި ނުކުރަން އަންގާފައިވަނިކޮށް އެކަން ކޮށްފައިވާތީ އެމްޑީޕީއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ކޮންގްރެސް ބާއްވަން ނިންމާފައިވާއިރު އެ ދެ ޕާޓީގެ ދެ ލީޑަރުންނަކީ ވެސް ޖަލު ހުކުމެއްގައި ތިބި ދެ ބޭފުޅުންނެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމުގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ހިންގުމާ ގުޅޭގޮތުން އަކްރަމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން، ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރުވެސް ކޮންގުރެސް ނުބާއްވާ ކަމަށާއި އެކަން ހައްލު ކުރުމަށް އެ ޕާޓީއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެއީ ކޮން ޕާޓީއެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނަނީ ފަސް އަހަރު ހަމަވާއިރު ކޮންގްރެސް ނުބާއްވާ ޕާޓީތައް އުވާލަން ޖެހޭނެ ކަމަށެވެ. ކޮންގްރެސް ބޭއްވުމަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާއިރު އެކަން ކުރުމަށް އެ ޕާޓީތަކަށް އެއްބާރުލުން ދޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.