Roadha Mihaaru
ކަމަދޫ ކައުންސިލްގެ ނައިބު ރައީސް ސަސްޕެންޑްކޮށްފި

ރައީސަކު އައްޔަން ނުކުރުމުން ކަމަދޫ ކައުންސިލްގެ ނައިބު ސަސްޕެންޑްކޮށްފި

02 ޖޫން 2018

ބ. ކަމަދޫ ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް، މެމްބަރަކު އައްޔަން ނުކުރައްވާ ކަމަށް ބުނެ އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ސަސްޕެންޑް ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބ. ކަމަދޫ ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް، މެމްބަރަކު އައްޔަން ނުކުރައްވާ ކަމަށް ބުނެ އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ސަސްޕެންޑް ކޮށްފި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ތިން މަސް ދުވަހަށް ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ.

ކަމަދޫ ކައުންސިލަށް އެލްޖީއޭން ފޮނުވި ސިޓީއެއްގައި ބުނީ އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވިތާ 14 ދުވަސް ތެރޭގައި އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށާއި އެކަން ދެ ފަހަރެއްގެ މަތިން ސާޖިދަށް އަންގާފައިވާ ކަމަށެވެ. އެކަމަކު އެއާ އެއްގޮތަށް އޭނާ އަމަލު ކުރައްވާފައިވާ ނުވާ ކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައި ވެ އެވެ.

"އެހެންވެ، ކައުންސިލުން ކުރާ ގާނޫނާ ޚިލާފު އަމަލުތަކާއި، އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލްގެ ދަށުން، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސާޖިދު ސަސްޕެންޑްކޮށްފީމެވެ." އެލްޖީއޭގެ ސިޓީގައި ބުނެފައި ވެ އެވެ.

އެ އޮތޯރިޓީން ވަނީ ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލްގެ ހިންގުން އެ ކައުންސިލްގެ މެމްބަރު އަހުމަދު ސަމީރާ ހަވާލުކޮށްފަ އެވެ.

ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި، ބަޔާން ނެރުމާ ގުޅިގެން އެލްޖީއޭ އިން ވަނީ ކައުންސިލްގެ އޭރުގެ ރައީސް ރަޝީދާއި ނައިބު ރައީސް ސާޖިދު މިދިޔަ މާޗު މަހުގެ ތެރޭގައި އެއް މަސް ދުވަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.