Roadha Mihaaru
ޓީމް ޕްރޮފައިލް: ކޮސްޓާ ރީކާ

ޓީމް ޕްރޮފައިލް: ކޮސްޓާ ރީކާ

01 ޖޫން 2018

ސެންޓްރަލް އެމެރިކާގެ ފުޓްބޯޅައިގައި ކޮސްޓަ ރީކާ އަކީ އެންމެ ކާމިޔާބު ގައުމެވެ. ސެންޓްރަލް އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބުކުރި އެވެ. އަދި ކޮޕާ ސެންޓްރޯއެމެރިކާނާގެ ތަށި އަށް ފަހަރު އުފުލައިލި އެވެ.

ސެންޓްރަލް އެމެރިކާގެ ފުޓްބޯޅައިގައި ކޮސްޓަ ރީކާ އަކީ އެންމެ ކާމިޔާބު ގައުމެވެ. ސެންޓްރަލް އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބުކުރި އެވެ. އަދި ކޮޕާ ސެންޓްރޯއެމެރިކާނާގެ ތަށި އަށް ފަހަރު އުފުލައިލި އެވެ.

ކޮސްޓަ ރީކާ އެންމެ ފުރަަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1990 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި އެވެ. އެއަށް ފަހު، 2002 ،2006 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮސްޓަ ރީކާ ކޮލިފައިވި އެވެ. އަދި 2014ގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. މިއީ ވޯލްޑް ކަޕެއްގައި އެ ގައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ކޮލިފައިވި ގޮތް

މި އަހަރުގެ ވޯލްޑް ކަޕަށް ކޮސްޓަ ރީކާ ކޮލިފައިވީ އުތުރު އެމެރިކާގެ ކޮލިފައިން ބުރުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ކޮސްޓަ ރީކާ ވަނީ ކުޅުނު 10 މެޗުން ހަތަރު މެޗުން މޮޅުވެ، ހަތަރު މެޗު އެއްވަރުކޮށްފަ އެވެ. ކޮސްޓަ ރީކާ ބަލިވީ އެންމެ ދެ މެޗުންނެވެ. ކޮލިފައިންގައި ކޮސްޓަ ރީކާ ވަނީ އުތުރު އެމެރިކާގެ ވަރުގަދަ ބާރެއް ކަމަށްވާ އެމެރިކާ އަތުން 4-0 އިން މޮޅުވެފަ އެވެ. އަދި އެމެރިކާގައި ކުޅެގެން ވެސް ކޮސްޓަ ރީކާ ވަނީ އެ ޓީމު އަތުން މޮޅުވެފަ އެވެ.

ކޯޗު

ކޮސްޓަ ރީކާގެ ކޯޗަކީ ކުރިން ގައުމީ ޓީމަށް ކުޅުނު އޮސްކާ ރަމިރޭޒް އެވެ. ކޯޗިން ކެރިއަރު 2002 ގައި ފެށި ރަމިޒޭޒް ވަނީ 2006 އިން 2008 އަށް ކޮސްޓަ ރީކާގެ އެސިސްޓެންޓް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން ކޮސްޓަ ރީކާގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީ، ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. ކޮސްޓަ ރީކާގެ ގައުމީ ޓީމާ އަލުން އޭނާ ގުޅުނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުން 2015 ގަ އެވެ. އެކަމަކު ރަމިރޭޒް ޓީމާ ގުޅުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރު ކޯޗަކަށް ހުރި ޕައުލޯ ވަންޗޮޕް މަގާމުން ދުރުވުމާ ގުޅިގެން، ރަމިރޭޒަށް ކޯޗުކަން ހަވާލުކުރީ އެވެ. ރަމިރޭޒަކީ 1990ގެ ވޯލްޑް ކަޕްގައި ކޮސްޓަ ރީކާއަށް ކުޅުނު ކުޅުންތެރިއެކެވެ.

މުހިންމު ކުޅުންތެރިން

ޖޯލް ކޭމްބަލް: އެންމެ ފަހު ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް ކޮސްޓަ ރީކާ ދަތުރުކުރިއިރު، އެ ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ޖޯލް ކޭމްބަލް އެވެ. އޭނާ ކޮސްޓަ ރީކާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް 70 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. އާސެނަލް އަށް 2011 ގައި ބަދަލުވި ނަމަވެސް، އާސެނަލްގެ ޓީމުން އޭނާ އަށް މާ ބޮޑު ފުރުސަތެއް ނުލިބެ އެވެ. މިހާތަނަށް އޭނާ އާސެނަލަށް ކުޅުނީ 23 މެޗެވެ. ކޭމްބަޕް ވަނީ 2011 އިން ފެށިގެން ލޯނު އުސޫލުގެ ދަށުން ހަތަރު ގައުމެއްގެ ހަ ކްލަބަށް ކުޅެފަ އެވެ.

ޓިއުނީޝިއާގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން ކޮސްޓާ ރީކާގެ ކެންޑަލް ވަސްޓަން (ވ) މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ޓިއުނީޝިއާގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން ކޮސްޓާ ރީކާގެ ކެންޑަލް ވަސްޓަން (ވ) މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ބްރައިއަން ރުއިޒް: ބްރައިއަން ރުއިޒް އަކީ ކޮސްޓަ ރީކާގެ ކެޕްޓަނެވެ. އެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އުމުރުން 32 އަހަރުގެ ރުއިޒް ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރެވެ. އެންމެ ފަހު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ކޮސްޓަ ރީކާ ދަތުރުކުރިއިރު، ބްރައިއަން ރުއިޒް ވަނީ މުހިންމު ލަނޑުތަކެއް ޖަހައިފަ އެވެ. ކްލަބު ކެރިއަރުގައި ރުއިޒް އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއަށް ކުޅުނެވެ. އަދި ސްޕޯޓިން ލިސްބަން އާއި ޕީއެސްވީ އަށް ވެސް ކުޅެފައިވެ އެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ކޮސްޓަ ރީކާ މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އޮތީ ނިސްބަތުން ވަރުގަދަ ގުރޫޕެއްގަ އެެވެ. މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ބްރެޒިލް އާއި ސްވިޓްޒަލޭންޑް އަދި ސާބިއާ އޮތް ގުރޫޕަކުން، ކޮސްޓަ ރީކާ އަށް ސަލާމަތްވުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ވެސް ކޮސްޓަ ރީކާ ވަނީ ވަރުގަދަ ގުރޫޕެއްގައި ވާދަކޮށް ދެ ވަނަ ބުރަށް ގޮސްފަ އެވެ. އެހެންކަމުން މި ގުރޫޕްގައި އޮތް އެހެން ޓީމުތަކުން ކޮސްޓަ ރީކާ އަށް ސަމާލުވާނެ އެވެ.