Roadha Mihaaru
ނޭމާ ހުރީ އާދަޔާހިލާފު ރޫހެއްގައި: ޓީޓޭ

ނޭމާ ހުރީ އާދަޔާހިލާފު ރޫހެއްގައި: ޓީޓޭ

25 މެއި 2018

ސައޮ ޕައޮލޯ، ބްރެޒިލް (މެއި 25) - އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕުގައި ތަފާތު ދައްކަން ބްރެޒިލްގެ ތަރި ނޭމާ ހުރީ އާދަޔާހިލާފު ރޫހެއްގައި ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސައޮ ޕައޮލޯ، ބްރެޒިލް (މެއި 25) - އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕުގައި ތަފާތު ދައްކަން ބްރެޒިލްގެ ތަރި ނޭމާ ހުރީ އާދަޔާހިލާފު ރޫހެއްގައި ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

ނޭމާ ވަނީ ދާދި ފަހުން ބްރެޒިލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅުން ފެށިގެން މެޗެއް ނުކުޅެ ހުރި ނަމަވެސް ނޭމާގެ ފިޓްނަސް އަންނަނީ ދުވަހަކަށް ފަހު ދުވަހެއް ރަނގަޅުވަމުންނެވެ. ބްރެޒިލްގެ ފިޓްނަސް ޓްރެއިނަރު ފަބިއޯ ވަނީ ނޭމާގެ ފިޓްނަސް ވަރަށް ބޮޑުތަން ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ނޭމާގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

"ނޭމާ އަކީ ބްރެޒިލްގެ ތަރި. ގިނަ ބަޔެއްގެ އުއްމީދުތަކާ ގުޅިފައި އޮތީ ވެސް ނޭމާ. އަހަރެން އޭނައާ ވާހަކަ ދައްކަމުން މި އަންނަނީ. ނޭމާ ހުރީ ވޯލްޑް ކަޕްގައި ތަފާތު ދައްކަން އާދަޔާހިލާފު ރޫހެއްގައި. ސަޕޯޓަރުންނަށް ޔަގީންކަން ދެން،" ޓީޓޭ ބުންޏެވެ.

އަންނަ މަހު ފަށާ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލުން އެކުވެރި ކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެެވެ. އެއީ ޖޫން 3 ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް އިންގްލެންޑުގައި ކުޅޭ މެޗާއި ޖޫން 10 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ވިއޭނާގައި ކުޅޭ މެޗެވެ.

ޓީޓޭ ބުނީ މި ދެ މެޗުގައި ނޭމާ އަށް މަދުން ނަމަވެސް ކުޅުމުގެ ފުރުސަތު ދޭން ވިސްނަމުން އަންނަ ކަމަށެވެ.

"ނޭމާގެ ފިޓްނަސް ރަނގަޅު. ދެން އޮތީ އޭނާ މެޗަށް ފިޓްކުރުން. އެކަމަށް އަހަރެމެންގެ ޕްލޭންތަކެއް އެބައޮތް ކުރިއަށް ހުރި މެޗުތަކުގައި." ޓީޓޭ ބުންޏެވެ.

ބްރެޒިލަށް 83 މެޗުން 53 ގޯލު ޖަހައިދީފައިވާ ނޭމާ އެންމެ ފަހުން އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ފެށީ ވަރަށް ފޯމުގަ އެވެ. އެކަމު މުބާރާތުގެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާ އަތުން ބްރެޒިލް ބަލިވި މެޗުގައި ނޭމާގެ ބުރަކަށްޓައް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނަ އަށް އެ ހިސާބުން މުބާރާތް ނިމުނެވެ. ނޭމާ ނުލައި ކުޅުނު ސެމީ ފައިނަލުގައި ބްރެޒިލް ބަލިވީ މުބާރާތް ކާމިޔާބުކުރި ޖަރުމަން އަތުން 7-1 އިންނެވެ.