21 މެއި 2018
އެންމެ ލޯބިވާ މީހާ މަރުވެގެން ދިޔުމުގެ ހިތްދަތިކަން ދުވަހަކު ވެސް ފިލައިފާނެ ހެއްޔެވެ؟ ދިރިއުޅުމަށް ބުރޫއަރުވާ، ފަރުވާއެއް ނެތް ބޮޑު ބައްޔެއް ހުއްޓާ އާދައިގެ މީހެކޭ އެއްގޮތަށް އުޅެން ކިހާ ހިތްވަރެއް ބޭނުންވާނެ ހެއްޔެވެ؟
އެންމެ ލޯބިވާ މީހާ މަރުވެގެން ދިޔުމުގެ ހިތްދަތިކަން ދުވަހަކު ވެސް ފިލައިފާނެ ހެއްޔެވެ؟ ދިރިއުޅުމަށް ބުރޫއަރުވާ، ފަރުވާއެއް ނެތް ބޮޑު ބައްޔެއް ހުއްޓާ އާދައިގެ މީހެކޭ އެއްގޮތަށް އުޅެން ކިހާ ހިތްވަރެއް ބޭނުންވާނެ ހެއްޔެވެ؟
ދިރިއުޅުމަކީ އިމްތިހާނެކޭ އެ ބުނަނީ ކޮން މާނައެއްގައިކަން އެންމެ ރަނގަޅަށް ދަންނާނެ އެކަކީ އަބްދުﷲ ޖައުފަރެވެ. އޭނާގެ އަމިއްލަ ދުލުން މި ވާހަކަ މި ގޮތަށް ކިޔައިދޭ އަޑު ވަރަށް ނީވޭނެ އެވެ. ޖައުފަރު، 51، ބުނަނީ "ބަލި އުޒުރަކަށް ހަދައިގެން، އެއީ އަޅުގަނޑު އުޅޭ ހިތްވާ ގޮތެއް ނޫން" ކަމަށެވެ. އެކަަމަކު އޭނާ ދަންނަ މީހަކު ކުރެން އަހައިފިއްޔާ ދައްކާނެ ވަރަށް ގިނަ ވާހަކަ ހުންނާނެ އެވެ. ޕާކިންސަންސް ބަލީގެ ތުރުތުރަށް ދުލެއް ނުދީ ވަޒީފާގައި އޭނާ ސާބިތުކޮށްދޭ ގާބިލްކަމާއި ވަޑިއެއްގެ ގޮތުގައި ދައްކާ ކުޅަދާނަކަމެވެ. އޭނާގެ ފުރަތަމަ އަދި ހަމައެކަނި ވަޒީފާގައި 32 އަހަރު ޚިދުމަތްކޮށް، އިހުތިރާމް ހޯދާފައިވާ މިންވަރެވެ. މަތީ ސަނަދެއް ނުވަތަ ބޮޑު މަގާމަކާ ނުލައި، ފިޝަރީޒް މިނިސްޓްރީގެ އެންމެ މުހިއްމު އެއް "ތަނބަށް" އޭނާ ވަނީ ކީއްވެގެން ކަމެވެ. ބަލި އަންބެއްގެ ފިރިއެއްގެ ގޮތުގައި އަދި ބައްޕައެއްގެ ގޮތުގައި އޭނާގެ ގުރުބާނީތަކެވެ.
އާއްމުކޮށް ފަސްދޮޅަހުން މަތީގައި އަލާމާތްތައް ފެންނަން ފަށާ ޕާކިންސަންސް ބަލީގެ ތުރުތުރުލުން އުމުރުން އެންމެ 40 އަހަރުގައި ޖައުފަރާ ބައްދަލުކުރީ އޭނާގެ އަންހެނުން ކެންސަރުގެ ޝިކާރައަކަށް ވެފައިވާކަން އެނގުމާ ވެސް އެކުއެކީގަ އެވެ. އެ ބަލީގެ ވޭންދެނިވި ފަރުވާގެ ތެރޭގައި މަރާ ހަނގުރާމަކޮށް އަނބިމީހާ ވަކިވެދިޔުމުގެ ހިތާމަ އާއި އާމްދަނީ ހޯދުމާއި ދަރިފުޅުގެ ތައުލީމު ފުރިހަމަކޮށްދިނުމަކީ އަމިއްލަ ބަލި ހާލައިގެން ޖައުފަރު ތަހައްމަލްކުރާ ކަންކަމެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ޕާކިންސަންސްގެ ތުރާތައް އެހާ އަވަހަށް އައިސް އޭނާ ވަށާލި ސަބަބަކީ އަންހެނުންގެ ބައްޔާ ގުޅިގެން ކުރަން ޖެހުނު ފިކުރުތަކެވެ. އަންހެނުންނަށް އޯވަރީގެ ކެންސަރު ޖެހި ހާލަތު ތިން ވަނަ ސްޓޭޖަށް ގޮސްފައި ހުރި ވާހަކަ ޑޮކްޓަރު ބުނި ހިތްދަތި ވަގުތުކޮޅުން ފެށިގެން ޖައުފަރު "ނޯމަލްއެއް ނުވި" އެވެ.
"ވަރަށް ބޮޑަށް ހާސްވެ، ދެރަވެ، ފިކުރު ބޮޑުވެފައި ހުންނަނީ. އޭގެ ފަހުން ޝަހާދަތް އިނގިލި ކުޑަކޮށް ތެޅެން ފެށީ. ދެން ވަރުބަލިވެފައި، ކުރިން ލިބޭ ކަހަލަ ހިތްހަމަޖެހުމެއް، އަރާމެއް އެއްގޮތަކަށް ވެސް ނުލިބޭ. ހާސްވާ ވަގުތު މަޑުމަޑުން ތުރުތުރުލަމުން ގޮސް މިހާރު ދެން ހަމަ ވަރަށް ގޯސް،" ޕާކިންސަންސް ބަލީގެ އަލާމާތްތަކާ އެކު ދިރިއުޅޭތާ 11 އަހަރު ވެފައިވާ ޖައުފަރު، އެކަން ފެށިގެން އައި ގޮތް ކިޔައިދިނެވެ.
ޖައުފަރު އޭނާ ހަދާފައިވާ މޭޒެއް ދޮށުގައި އިށީނދެލައިގެން. ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާގެ ބައްޔަކީ ކޮބައިކަން ޔަގީންވި އިރު އަންހެނުންގެ ފަރުވާ ފެށިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. ޕާކިންސަންސްގެ ވާހަކަ ޖައުފަރު އަޑުއެހީ އަލަށެވެ. އެ ބަލީގެ އުނދަގޫތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔަޔަސް، ކެންސަރުގެ ވަކިތަކުގައި އަންހެނުން ވޭތުކުރި ދިގު 12 އަހަރު އެންމެ ގާތުން އޭނާގެ ހުރިހާ ކަމެއް ކޮށްދިނީ ޖައުފަރެވެ.
"ޓްރިވެންޑްރަމަށް އެކަނި ވެސް 48 ފަހަރު ދެވިފައި ހުންނާނެ. ދެ ފަހަރު އޮޕަރޭޝަން ކުރި. ކީމޯގެ ހަ ސެޝަން ތިން ފަހަރަށް ނެގި،" މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން މަރުވި އަނބިމީހާގެ ފަރުވާއާ ބެހޭ ގޮތުން ޖައުފަރު ބުންޏެވެ.
"އަންހެނުންނަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ދަރިފުޅަށް ފަސް އަހަރުގައި. ދަރިފުޅު ވެސް އެކަނި އަޅުގަނޑުގެ ދައްތަ ކައިރީގައި ބަހައްޓާފައި ރާއްޖެ އިން ބޭރަށް ގޮސް ހުރިހާ ކަމެއްގައި އެކަނިމާއެކަނި ކަހަލަ ގޮތަކަށް އުޅުނީ. އޭރު އާސަންދައެއް އެއްޗެއް ވެސް ނޯވޭ. އެކަމަކު ވަރަށް ގިނަ މީހުންގެ ފަރާތުން ވަރަށް ދީލަތި އެހީ ލިބުނު. އެހެންވީމާ އިރާދަކުރެއްވިއްޔާ އެ ކަމަކަށް އެއްވެސް ކަހަލަ ދަތިކަމެއް ނުލިބޭ."
ބަލި ފަސޭހަ ނުވެ އަންހެނުން ވަކިވެދިޔުމުގެ ހިތާމަ އާއި ޖައުފަރުގެ އަމިއްލަ ބަލި ހާލަތު ގޯސްވުމުގެ އަސަރުތައް ދިޔައީ އެކުވެގެންނެވެ. ކުއްލިއަކަށް ހަށިގަނޑު ރޫރޫއަޅައިގަންނަ ވަގުތުތައް އެކަންޏެއް ނޫނެވެ. އާއްމު ދިރިއުޅުމުގައި ޕާކިންސަންސްގެ އުނދަގޫތައް އެތައް ގޮތަކުން ޖައުފަރު ތަހައްމަލްކުރެ އެވެ.
"މީހާގެ ހަރަކާތްތައް ލަސްވުން، ފައިވާން ދޫވާތީ ފައިވާނަށް އަރައިގެން ހިނގަން އުނދަގޫވުން، ގިނަ އިރު އިށީނދެގެން އިންނަން އުނދަގޫވުން، އިރުއިރުކޮޅާ ހިނގާލަން ބޭނުންވުން، ސައިކަލުގައި އުޅޭ އިރު މަގު ބްލޮކްވީމަ ހުއްޓައިގެން އިންނަން އުނދަގޫވުން، ވަރަށް އަވަސް އަވަހަށް ބަނޑުހައިވުން، ބަރުދަން އެއްވަރެއްގައި ހިފަހައްޓަން ގިނަގިނައިން ކާން ޖެހުން،" ޖައުފަރު ކިޔައިދިނެވެ.
"ގިނައިން ބޭސް ކެއިމަ އޯވަޑޯޒްވޭ. މަދުން ކެއިމަ އުނދަގޫ ފިލާ ގޮތެއް ނުވޭ. ރޭގަނޑު ނުވައެއް ޖަހާ އިރު ކާ ބޭހުގެ ބާރު ކެނޑޭނެ 12ގެ ފަހުން. އެހެންވީމާ އެހާ އިރަށް ނުނިދިއްޖެއްޔާ ވަރަށް އުނދަގޫވާނެ. އަނެއްކާ ފަތިހު ހައެއް ޖަހާ އިރު ބޭސް ކާން ކާޑުން ގުޅަ ނުވެސް ނެއްޓޭނެ. އެހެންވެ ނިދުމުގެ ކުރިން ބޭސްގުޅަ ނައްޓާފައި ފެންފުޅީގެ މަތި ވެސް ނަގާފައި ބަހައްޓަނީ."
މަސައްކަތުގައި އުޅޭ ވަގުތުތަކަކަށް އިސްތިސްނާއެއް ނޯންނަ އިރު ޖައުފަރުގެ ނަސީބަކީ އޭނާގެ ވަށައިގެން އުޅޭ މީހުންގެ އޯގާތެރިކަމެވެ.
"އޮފީހުގައި އުޅޭ އިރު ވެސް ވަރަށް ބޮޑަށް ސަކަރާތްވޭ. އެކަމަކު އޮފީހުގެ ހުރިހާ އެންމެން ވެސް އަޅުގަނޑަށް ވަރަށް ރަނގަޅު. ވަޑާންކުރަން ގޭގެ އަށް ގޮސް އުޅޭ އިރު އެ ގޭގޭގައި ވެސް މި ކަންތައް ދިމާވޭ. ތުރުތުރުއަޅައިގެން ކޮޅަށް ނުހުރެވިގެން ބައެއް ފަހަރު ބައި ގަޑި އިރު، ބައެއް ފަހަރު ދެ ގަޑި އިރު ނުވަތަ ތިން ގަޑި އިރު ވެސް ހޭދަވޭ. އެކަމަކު އެންމެން ވެސް ވަރަށް ރަނގަޅުވާނެ،" އޭނާ ބުނެލި އެވެ.
ޖައުފަރުގެ ބައެއް އުފެއްދުންތައް: ހުރިހާ ބާވަތެއްގެ ފަރުނީޗަރު ހަދާ.
އަމިއްލަ އަށް ވަޑާންކުރަން ދަސްކޮށްގެން އުމުރުން 14 ވަރަކަށް އަހަރުން ފެށިގެން އެ މަސައްކަތް ކުރަމުން އަންނަ ޖައުފަރަކީ އޮފީހަކަށް ދާން ބޭނުންވި މީހެއް ނޫނެވެ. ވަޑާންކުރުމުގެ ފޯރީގައި ހޭބޯނާރާ އޭނާ އުޅުނީ ކިޔެވުން މަތިން ވެސް ހަނދާން ނައްތާލައިފަ އެވެ. އެކަމަކު، ސްކޫލު ނުނިންމިޔަސް، ސަރުކާރުގެ ވަޒީފާ އަށް ނުކުންނަން އޭނާ އަށް މަޖުބޫރުވީ އެވެ.
"އަޅުގަނޑަކީ އެއްގޮތަކަށް ވެސް ކިޔެވުމަށް ޝައުގުވެރިކަން ހުންނަ މީހެއް ނޫން. ކުޑަ އިރު މަންމަ ގަދަކަމުން ސްކޫލަށް ފޮނުވީމަ ސްކޫލަށް ދާނީ. ގޮސް ވެސް ދުވަހަކު ފޮތެއް ނުކިޔާނެ. ދެން ހަމަ ސްކޫލުން އަންނަ ގޮތަށް ފޮތްތައް އުކާލާފައި ދަނީ ވަޑާންކުރަން. ސްކޫލުގައި އުޅުނު އިރު ވެސް ޔޮޓް ދޯނިފަހަރު ވެސް ހެދިން. އެ ގޮތަށް މަސައްކަތުގައި، ގިނައިން އުޅުނީ،" އުމުރުން ހަ މަހުގައި މައިންބަފައިންނާ އެކު މ. ވޭވަށުން ހިޖުރަކުރި ގޮތަށް މާލޭގައި ދިރިއުޅެމުން އަންނަ ޖައުފަރު ބުންޏެވެ.
"ގްރޭޑް އަށަކާ ހިސާބަށް ދިޔަ ތަނުން ފާނަބަސަންދު ޖެހި މޫނުމަތީގައި ލަކުނުތަކާ އެއްޗެހި ހުރީމަ ސްކޫލަށް ދާކަށް ބޭނުމެއް ނުވި. އެހެން ހުއްޓާ ރައީސް އޮފީހުން ބަލާ އައީ. އެއީ ވެސް އަޅުގަނޑު ޔޮޓު ދޯންޏެއް ތެރޭގައި އޮއްވާ. ދެން ރައީސް އޮފީހަށް ގެންގޮސް ފިޝަރީޒް މިނިސްޓްރީގެ ވަޒީފާ ދިނީ. އޭރު ޖޭއެސްސީ އިމްތިހާން ހެދީމަ ސަރުކާރަށް ހަތަރު އަހަރު ޚިދުމަތްކޮށްދޭން ޖެހޭ."
ޖައުފަރު އޮފީހުގައި: ފިޝަރީޒް މިނިސްޓްރީގައި މަސައްކަތްކުރާތާ 32 އަހަރު ވެއްޖެ. ފޮޓޯ: ނިޝާން އަލީ/ މިހާރު
ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ގޮތުގައި މިހާރު ޖައުފަރުގެ މަސްއޫލިއްޔަތަކީ އިންފްރާސްޓްރަކްޗަ ޑިވެލޮޕްމެންޓް ސެކްޝަން ހިންގުމެވެ. މަސްވެރިކަން ކުރަން ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅާފައިވާ 55 އޮއެވާލި ކަނދުފަތި ބެލެހެއްޓުމާއި މަސްކިރުވުމުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުން ފަދަ ކަންކަމަކީ އޭނާގެ ޒިންމާތަކެވެ. ޖައުފަރުގެ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ޚިދުމަތް ގާތުން ފެންނަ އެކުވެރިން އޭނާ ސިފަކުރަނީ ދެވަނައެއް ނެތް ފަދަ މީހެއްގެ ގޮތުގަ އެވެ.
"އަހަރެން މިނިސްޓްރީ އަށް ވަން އިރު އަހަރެންގެ ވެރިއަކަށް ހުރީ ޖައުބެ. ފާހަގަކުރެވުނީ ވަރަށް ހިތްހެޔޮ، ވަރަށް އަޅާލާ ބޮސްއެއްކަން. އޭރު ދެ ގަޑި ބައިގެ ފަހުން ކުޑައިރުކޮޅަކަށް އަހަރެމެން އޮފީހުގައި މަޑުކުރުވިޔަސް ޖައުބެ މައާފަށް އެދޭނެ. އަހަރެމެން ގެއަށް ފޮނުވާނީ ހޮޓަލަކަށް ގެންގޮސް ސައި ވެސް ދީފައި. އެއީ އެހެން އެއްވެސް ވެރިޔަކު ކަން ކުރާ ގޮތެއް ނޫން. މިހާރު، އަހަންނަށް އެނގެނީ އެ ގޮތަށް އަމިއްލަ ޖީބުން ލާރި ޚަރަދުކުރަން ޖައުބެ އަށް ހަގީގަތުގައި ވަރަށް ދަތިވާނެކަން،" ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު ކިޔައިދިނެވެ.
"ސިވިލް ސާވިސްގެ އޮނިގަނޑުގައި މިހާރު އަހަރެމެން މި ތިބީ ޖައުބެ އަށް ވުރެ މަތީ މަގާމްތަކުގައި. އެކަމަކު އަހަރެން އަދިވެސް އޭނަގެ ލަފާ ހޯދަން. މިނިސްޓްރީން ހިންގާފައި ހުރި ޕްރޮގްރާމްތަކާއި ނިންމާފައި ހުރި ކަންކަން އެންމެ ރަނގަޅަށް އެނގޭ ނުވަތަ ހަނދާން ހުންނަ މީހަކީ ޖައުބެ. އޭނަ އަށް ވުރެ މޮޅަށް ކިޔަވައިގެން އެއަށް ވުރެ ސީނިއާ މަގާމްތަކުގައި ތިބޭ މީހުންނަށް ވެސް ބޮޑެތި ބައެއް ކަންކަން ވެސް ނޭނގޭ. އެހެންވީމަ މިނިސްޓްރީގެ އެންމެ ސީނިއާ މީހުން ވެސް ޖައުބެ އަށް ވަރަށް އިހުތިރާމްކުރާނެ."
ޖައުފަރަށް، ގަބޫލުކުރަން ދަތި ކަމެކެވެ.
"އަޅުގަނޑު ވެސް ވަރަށް ހައިރާންވޭ. ކިޔަވައިގެން ތިބި ވަރަށް މޮޅެތި މީހުން އޮފީސްތަކުގައި މިހާރު ތިބެނީ،" އޭނާ ބުނެލި އެވެ.
އެކަމަކު ނުކިޔަވާ ހުރެގެން ވަޒީފާ ގެއްލިދާނެތީ ޖައުފަރު ކަންބޮޑެއް ނުވެ އެވެ. އޭނާގެ އާމްދަނީގެ އެންމެ ބޮޑު އެއް ބޭނުން ދާދި އަވަހަށް ފުރިހަމަވެދާނެ އެވެ. އަންހެނުންގެ ބޭބެ އާއި ރައްޓެހިންގެ އެހީތެރިކަމާ އެކު، 18 އަހަރުގެ ދަރިފުޅުގެ މަތީ ތައުލީމުގެ ޚަރަދުތައް ހަމަޖައްސަމުން އަންނަ އިރު، އޭނާގެ ކިޔެވުން ނިމުމަކާ ގާތްވަނީ އެވެ. އެކަމަކު އިތުރު ބޮޑު ޚަރަދެއް ކުރަން ޖެހުނަސް، ވަޒީފާއާ ނުލައި އުޅެވިދާނެ ކަމުގެ ޔަގީންކަން ޖައުފަރަށް އެބަ އޮތެވެ.
"ސިވިލް ސާވެންޓުންގެ ޑިޕްލޮމާއެއް ނެތިއްޔާ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އަޑުތަކެއް މި ފަހުން އެރި. އެކަމަކު އަޅުގަނޑު މާ ބޮޑަކަށް ޖެހިލުމެއް ނުވޭ. އިރާދަކުރެއްވިއްޔާ ދަރިފުޅު ވެސް ދެ އަހަރު ތެރޭ މެލޭޝިއާ އިން ޑިގްރީ އަށް ކިޔަވައި ނިމޭނެ. ސިވިލް ސާވިސްގެ ވަޒީފާ އިން ވަކިކުރިޔަސް ކައިބޮއެ އުޅެވޭ ވަރަށް އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ވަޑާމުގެ މަސައްކަތްކުރެވޭނެ،" އޭނާ ބުންޏެވެ.
ޖައުފަރު ދަރިފުޅާ އެކު
އެކަމަކު ހަގީގަތް އެހެން އޮތަސް، ވަޒީފާ އަށް ވަފާތެރިވުމާއި ގަޑި އަށް ފަރުވާބެހެއްޓުމަކީ ޖައުފަރު ދޫކޮށްލާނެ އުސޫލުތަކެއް ނޫނެވެ. އޭނާ ބުނާގޮތުގައި 32 އަހަރު ތެރޭ، ބަލީގެ ސަބަބުން ލަސްވި ދެ ދުވަހެއް ފިޔަވައި، އޮފީހަށް ދާން އޭނާ ގަޑިޖެހިފައެއް ނޯންނާނެ އެވެ. ސަބަބަކީ، "ކަންކަމާ މަތިނުވެ" އުޅޭކަށް އޭނާ ހިތްހަމައެއް ނުޖެހެ އެވެ.
ޖައުފަރު އޮއެވާލި ކަނދުފައްޗެއްގެ މަތީގައި އިށީނދެލައިގެން
ވަޒީފާގައި ޖައުފަރުގެ ތަޖުރިބާތަކަކީ މޭޒު ދޮށުގައި އަދާކުރާ ދައުރު އެކަންޏެއް ނޫނެވެ. "ކޮންމެ ކަމެއް މިނިސްޓްރީން ކުރިޔަސް އެ ކަމެއްގައި އަމަލީ ގޮތުން ބައިވެރިވާން" އޭނާ ބޭނުންވެ އެވެ. ރަށްރަށަށް ދަތުރުކޮށްގެން ކުރާ އެކި މަސައްކަތްތަކާއި މަސްވެރިންގެ ދުވަސް ފާހަގަކުރުމާއި ތަމްރީންތައް ހިންގުމާއި "ފިޝް ކޭމްޕް"ތަކުގައި ދަރިވަރުންނަށް ސެޝަންތައް ނަގައިދިނުން ވެސް މެ އެވެ.
ފިޝް ކޭމްޕެއްގައި ޖައުފަރު ދަރިވަރުންތަކަކާ އެކު
އެކަމަކު، ވަޑާމަށް ވުރެ ބޮޑަށް ޖައުފަރު ކުރާހިތްވާ އެހެން އެއްވެސް ކަމެއް އަދިވެސް ނެތެވެ.
"ކޮންމެ ދުވަހަކު ވެސް ވަޑާންކޮށްލަން ނުދެވިއްޖެއްޔާ އަޅުގަނޑު އެހާ ހިތްހަމައެއް ނުޖެހޭނެ. އެހެންވީމާ އޮފީހުން ގެ އަށް ގޮސް ބޭސް ކާލައިގެން ނޯމަލްވީމަ ނައްޓާލަނީ ވަޑާންކުރަން،" ހުރިހާ ބާވަތެއްގެ ފަރުނީޗަރު ޖަހައި އުޅޭ ޖައުފަރު ބުނެލި އެވެ.
ޕާކިންސަންސް ބަލީގެ ތުރުތުރާއި އުނދަގޫތަކާ އެކު ވެސް އާދައިގެ ދިރިއުޅުމަކަށް ޖައުފަރު ލާ ހިތްވަރު ކާމިޔާބުވަމުންދަނީ ކުރިންސުރެ ވެސް މަސައްކަތްތެރި، ހަރަކާތްތެރި މީހަކަށް ވީމާ ކަމަށް ވެދާނެ އެވެ. ޖައުފަރު ގަބޫލުކުރަނީ އެ ގޮތަށެވެ. ބަލި ހާލުގައި ވެސް އޭނާގެ އަޒުމަކީ "ކިރިޔާ ވެސް ކުރެވެން އޮތިއްޔާ ކުރުމެ"ވެ. ބައްޔާ މެދު ފިކުރުކޮށް ހަޔާތާ މެދު މާޔޫސްވުމަކީ އޭނާގެ މިޒާޖެއް ނޫނެވެ.
ޖައުފަރު އޭނާ ހަދާފައި ހުރި ހަރުގަނޑެއްގައި ކުޑަ ދޯންޏެއް ބަހައްޓާލަނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު
ދައްތަގެ ފިރިމީހާގެ ގޭގައި ޖައުފަރު ދިރިއުޅޭ އާދައިގެ ކުޑަ ތަންކޮޅުގައި ބަލި އަންހެނުންނާއި ދަރިފުޅު ގޮވައިގެން އުޅުނީ ކިހިނެއްކަން ޚިޔާލަށް ގެންނަން އެހެން މީހުންނަށް އުނދަގޫވެދާނެ އެވެ. އެކަމަކު ވެސް އޭނާގެ ކަންބޮޑުވުމެއް ނެތްކަން ޖައުފަރު ދަންނަ މީހުންނަށް އެނގޭނެ އެވެ. އޭނާގެ ހަމައެކަނި ވިސްނުމަކީ ބޭނުންތެރި، ޒިންމާދާރު މީހެއްގެ ގޮތުގައި ދެމިހުރުމުގެ އަޒުމެވެ.
"ވަރަށް ބޮޑަށް ދެރަވާ ހާލަތްތައް އާދޭ. އެކަމަކު އަންހެނުންނަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެވުނު ކަމަށް އަޅުގަނޑު ގަބޫލުކުރަން. ދެން ހުރީ ދަރިފުޅު. ދަރިފުޅަށް ވެސް ވީ އެންމެ ރަނގަޅަކަށް ކަންތައް ކޮށްދެވޭތޯ މި މަސައްކަތްކުރަނީ،" ޖައުފަރު ބުނެލި އެވެ.
"އަޅުގަނޑަށް އެނގޭ މިއީ ފަރުވާއެއް ނެތް ބައްޔެއްކަން. އެކަމަކު އެކަމާ މާ ބޮޑަށް ފިކުރުކޮށް އެކަހަލަ ޚިޔާލުތަކެއް ނުގެންގުޅެން. ބައްޔޭ ކިޔާފައި، މީހުންނަށް ބަލި މީހެއް ކަމަށް ދެއްކިގެން، އެއީ އުޒުރަކަށް ހަދައިގެން، އެއީ އަޅުގަނޑު އުޅޭ ހިތްވާ ގޮތެއް ނޫން."
ޖައުފަރުގެ ގާތް މީހުންނަށް އޭނާގެ ފަރާތުން ފެންނަ އާދަޔާޚިލާފު ހިތްވަރަކީ އެއީ އެވެ. ދިރިއުޅުން ކިތަންމެ އާދައިގެ ގޮތަކަށް ހުއްޓަސް، ހަޔާތުގެ އަޑިގަނޑުތައް ކިތަންމެ ފުނަސް، ބަލީގެ އުނދަގޫތައް ކިތަންމެ ބޮޑަސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމެވެ.
ގޮތް ނޭނގޭ ބައްޔެއް ޖެހި، ކޮތަރުތައް ވަރުދެރަވެފައި!
މިއަދުގެ ފިލާވަޅު: "ކަރުނައާ ނުލައި ކެއްކުން"
ވަނަ ތިނެއް އެކަމަކު އަޒުމް އެކެއް
ރާއްޖޭގެ ޗާލު ރަށްރަށުން ދިވެއްސެއްގެ ދަތުރުނާމާ
ގޮތް ދޫކުރާނެ ޒުވާނުންނެއް ނޫން، ނަތީޖާ ވެސް ފޮނި!
ކޮފީ ހަރަދު ހޯދަން ފެށި މަސައްކަތް ބޮޑު ވިޔަފާރިއަކަށް
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި