Roadha Mihaaru
ވިސްނާ! ކުލި ކޮންޓްރޯލްކުރުމާއި ބައިވަރު ވާހަކަ

ވިސްނާ! ކުލި ކޮންޓްރޯލްކުރުމާއި ބައިވަރު ވާހަކަ

23 މެއި 2018

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ އަގު ސަރުކާރުން ކޮންޓްރޯލްކުރުމާ ގުޅިގެން ގިނަ ބައެއްގެ ސިކުނޑި އަށް އައީ މާލޭގެ ކުލީގެ މައްސަލަ އެވެ. އެއާ އެކު ވަރަށް ބޮޑު ސުވާލެއް އުފެދުނެވެ؛ "މާލޭގެ ކުލި މި ގޮތަށް ކޮންޓްރޯލް ނުކުރެވެންވީ ކީއްވެގެން" ހެއްޔެވެ؟ މިއީ ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީ މެމްބަރު އަލީ ހުސެއިން އެ ސުވާލު ކުރެއްވި ގޮތެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ އަގު ސަރުކާރުން ކޮންޓްރޯލްކުރުމާ ގުޅިގެން ގިނަ ބައެއްގެ ސިކުނޑި އަށް އައީ މާލޭގެ ކުލީގެ މައްސަލަ އެވެ. އެއާ އެކު ވަރަށް ބޮޑު ސުވާލެއް އުފެދުނެވެ؛ "މާލޭގެ ކުލި މި ގޮތަށް ކޮންޓްރޯލް ނުކުރެވެންވީ ކީއްވެގެން" ހެއްޔެވެ؟ މިއީ ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީ މެމްބަރު އަލީ ހުސެއިން އެ ސުވާލު ކުރެއްވި ގޮތެވެ.

އަލީގެ ޓްވީޓް 100 އަށް ވުރެ ގިނަ ފަހަރު ރީޓްވީޓްކޮށް 150 އަށް ވުރެ މީހުން އެ އަށް ލައިކްކުރިޔަސް، އެކަކު ޖަދަލުކޮށްފައި، އަލީ "ކިޔަވަން ފަށަން" ނަސޭހަތްތެރިވި އެވެ. އޭނާ ނިންމީ، ކުލި ކޮންޓްރޯލް ނުކުރެވޭ ސަބަބު އަލީ އަށް އެނގިވަޑައިނުގަންނަވަންޏާ "އިކޮނޮމިކް ކަންތައް ނޭނގެނީ" ކަމަށެވެ. އަލީ އޭނާގެ ސުވާލު އިތުރަށް އޮޅުންފިލުވައިދެއްވަން ޖެހިވަޑައިގަނެއޭ އަހަރެންގެ ހިތަށް އެރި ސަބަބަކީ އެއީ އެވެ.

އަހަރެން އަލީއާ ސުވާލުކުރީ އެ ގޮތަށް ޓްވީޓްކުރެއްވީ ކީއްވެގެންތޯ އެވެ. އޭނާއަކީ މަޖިލީހުގެ މެމްބަރެކެވެ. ތައުލީމީ ޒުވާނެކެވެ. ގާނޫނީ ވަކީލެކެވެ. ކަންކަމުގެ ވާނުވާ ނުބަލައި ވާހަކަ ދައްކަވައިގެނެއް ނުވާނެ އެވެ.

ޖަވާބު ވަރަށް ދިގެވެ. އެކަމަކު ކެންދޫ ދާއިރާގެ މެމްބަރު އެންމެ ފުރަތަމަ ފާހަގަކުރެއްވީ އޭނާ ކުލި "ކޮންޓްރޯލްކުރަން" ވަކާލާތުކުރައްވަނީ ނޫން ކަމަށެވެ؛ އެއާޚިލާފަށް، އޭނާ ބޭނުންވަނީ ކުލި "ރެގިއުލޭޓްކުރަން" ގޮވާލައްވާށެވެ. ދެން ވިދާޅުވީ އެއީ "ބައިވަރު ވާހަކަ" ކަމަށެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި އަލީ ވާހަކަ ދައްކަވަނީ

މަޖިލީހުގެ ކޮމިޓީއެއްގައި އަލީ ވާހަކަ ދައްކަވަނީ

ތެދެކެވެ؛ ކުލި ކޮންޓްރޯލްކުރުމަކީ "އިކޮނޮމިކް ކަންތައް" އެނގޭ މީހުން ތާއީދުކުރާ ކަމެއް ނޫނެވެ. ސަބަބުތަކެއް ހުރީމަ އެވެ. އެއީ އިގްތިސޯދީ އަދި އިޖުތިމާއީ ސީރިއަސް މައްސަލަތައް ނުކުންނަ ކަމެއްކަން އެހެން ގައުމުތަކުން ވަނީ ތަޖުރިބާކޮށްފަ އެވެ. ކޮންޓްރޯލާ އެކު ޑިމާންޑް މަތިވެ، ސަޕްލައި ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން އާޚިރުގައި ފަގީރުން އިތުރަށް ނިކަމެތިވަނީ އެވެ. އެފަދަ ސިޔާސަތުތަކުގައި ފަގީރުންނަށް ރައްކާތެރިކަން ދިނުމުގެ މަގްސަދު އޮތަސް ހަގީގަތުގައި އެކަން ހާސިލެއް ނުވެ އެވެ. ފައިދާ ނަގަނީ މުއްސަނދިންނެވެ. މިއީ އިގްތިސޯދީ މާހިރުން މި ވާހަކަ ކިޔައިދޭ ގޮތެވެ.

ދިރާސާކޮށްގެން ހޯދި މި މައުލޫމާތުކޮޅު އަލީ އަށް ދޭކަށް ނުޖެހުނެވެ. އޭނާގެ ވާހަކަ ފެއްޓެވީ އެއް މޭރުމަކުންނެވެ. އަލީ އަށް "އިކޮނޮމިކް ކަންތައް" އެނގިވަޑައިގަންނަވަނީތާ އެވެ! އޭނާ ދެއްކެވީ ކުލި ރެގިއުލޭޓްކުރަން ޖެހޭ ސަބަބުތަކެވެ. މާލެ އިން ގެދޮރު ކުއްޔަށް ދޫކުރާ މީހުން ހިތުހުރި ގޮތެއް ހަދާލާ އިރު، ކުއްޔަށް ހިފާ މީހާގެ ހައްގުތައް ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމެވެ. ލައްކައިން، މިލިއަނުން އެޑްވާންސް ފައިސާ ނެގުމާއި ތަނުން ނުކުންނަ އިރު، އަނބުރާ ދޭން ޖެހޭ ފައިސާކޮޅު ނުދޭ މައްސަލަ އެވެ. ހިތަށްއެރި އިރަކު ހިތަށްއެރި ވަރަކަށް ކުލި ބޮޑުކޮށްލާ އިރު ވެސް ހެދޭނެ ގޮތެއް ނޯންނަ ކަމެވެ.

މިއީ ރެގިއުލޭޓް ނުކުރެވި ހުރި ކަންކަމެވެ. ދެން އަލީ ދެއްކެވީ ރެގިއުލޭޓްކޮށްފައި އެކަމަކު ތަންފީޒު ނުކޮށް އޮންނަ ކަމެއްގެ ވާހަކަ އެވެ؛ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް، ބަންޑާރަ ގޯތިތަކުން، ދިރިއުޅުމަށް ކުއްޔަށް ދޭ ތަންތަން ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ބިމާ ބެހޭ ގާނޫނުގައި ބުނެފައި އޮންނަ މާއްދާ އަށް އަމަލު ނުކުރާ މައްސަލަ އެވެ. ވަރަށް މަދު ތަނެއް ފިޔަވައި މާލޭގައި މުޅިންހެން ހުރީ ބަންޑާރަ ގޯތިތައް ކަމަށްވާ އިރު ރަޖިސްޓްރީކޮށްގެން ކުއްޔަށް ދޫކޮށްފައި ހުރީ ކިތައް ތަން ހެއްޔެވެ؟ އަލީ ސުވާލުކުރެއްވި އެވެ. ރަޖިސްޓްރީ މެދުވެރިކޮށް އެ ތަންތަނުގެ މައުލޫމާތު އެނގެން ހުރުމަކީ މުހިއްމު، ބޭނުންތެރި ކަމެކެވެ. އޭނާ ވިދާޅުވި އެވެ. އެކަމަކު މިއީ މިސާލެކެވެ. އަސްލު މައުލޫއު އަދި އޮތީ އެވެ.

"ރަށްރަށުގައި ގެދޮރު އަޅައިދޭށެވެ. މާލެ ސަރަހައްދުގައި ކިތަންމެ ވަރަކަށް ފްލެޓް އެޅިޔަސް ހެޔޮ ބަދަލެއް ނާންނާނެ އެވެ. ކޮންމެ އަހަރަކު ފަސް-ހަ ހާސް ޒުވާނުން އޯލެވެލް ހަދަ އެވެ. އަހަރަކު 3،000 ފްލެޓް ވެސް އެޅޭނެ ހެއްޔެވެ؟ އަމުދުން ސަރުކާރަށް އެކަން ކުރެވޭނެ ހެއްޔެވެ؟"

މާލޭގެ ކުއްޔާ ބެހޭ ކޮންމެ ވާހަކައެއް ވެސް ގޮސް ޖެހެނީ އެއް ތާކު އެވެ. އަލީ ވެސް ވަޑައިގެންނެވީ އެ ދިމާއަށެވެ؛ ބޭނުންވަނީ މާލޭގެ ތޮއްޖެހުން ހައްލުކުރާށެވެ. ރަށްރަށުގެ މީހުން މާލެ އަށް ހިޖުރަކުރަން މަޖޫބުރުވެފައި އޮތް އޮތުން ނިމުމަކަށް ގެންނާށެވެ.

"އަހަރެމެން ނިސްބަތްވަނީ މާލެ އަށް ވުރެ މާ ރީތި ރަށްރަށަށް. އެއީ މާލެ އަށް ވުރެ މާ ރީތި މޫދާއި މާލެ އަށް ވުރެ މާ ރީތި މަގުމަތި އޮތް މާލެ އަށް ވުރެ މާ ވައި ސާފު، މާ ގަސް ގިނަ ތަންތަން. އެކަމަކު އެންމެންނަށް މަޖުބޫރުވެފައި މި އޮތީ މާލޭގައި ދިރިއުޅެން،" ހޫނު އުދާސްތަކެއް ބޭރުކޮށްލެއްވި ކަހަލަ ގޮތަކަށް އަލީ ވިދާޅުވި އެވެ.

"މާލެ ފުރިބާރުވެ ތޮއްޖެހިފައި އޮތް އިރު ސަރަހައްދީ ތަރައްގީ މި އޮތީ ހިފެހެއްޓިފައި. ގައުމުގެ މުޅި އިގްތިސޯދު ބައްޓަންވެފައި މި އޮތީ ގްރޭޓާ މާލޭގެ ތަރައްގީ އަށް. ކޮންމެ މުދަލެއް، ކޮންމެ ޚިދުމަތެއްގެ އަގަށް މާލޭގެ ބޮޑު ކުލި އިތުރުވެގެން ނޫން ގޮތަކަށް އަހަރެމެންނާ ހަމައަކަށް ނާދޭ."

އޭނާ އިޝާރާތްކުރެއްވި "ބައިވަރު ވާހަކަ" ފައްޗަކަށް އަމުނާލެއްވީ ދެނެވެ. ވަރަށް ފޯރީގަ އެވެ.

ވިދާޅުވި އެވެ؛ ރަށްރަށުގައި ގެ އަޅާކަށް ވެސް ފަސޭހައެއް ނޫނެވެ. ބޭންކުތަކުން ލޯނު ދެނީ ވެސް މާލޭގެ ރިއަލް އެސްޓޭޓް ވިޔަފާރި ކުރިއަރުވާށެވެ. އެ ލޯނުން ގެ ބުރިބުރި އަށް ނަގައި ކުއްޔަށް ދީފައި، ގޭގެ ވެރިމީހާގެ ދިރިއުޅުން ލަންކާ އަށެވެ. ދެން އަތުންފައިން ކަމެއް ނުކޮށް އުނދޯލި ހެއްލާލަހެއްލާލާ އިންނާނީ އެވެ. އިސާހިތަކު ކުލިން ލޯނު ދައްކާ ނިމިދާނެ އެވެ. ކޮންމެ މަހަކު ލިބޭ ކުލީގެ އެތަކެއް ހާސް ރުފިޔާ ޑޮލަރަށް ހަދައިގެން ރާއްޖެ އިން ބޭރަށެވެ. ރާއްޖޭގައި އޭނާ ކުރާ އެއްވެސް މަސައްކަތެއް ނެތެވެ. އިގްތިސޯދަށް، ގައުމަށް ކުރާ ފައިދާއެއް ނެތެވެ.

ސުވާލެއް ކުރެއްވި އެވެ؛ ރައީސް މައުމޫން 1978ގައި ވެރިކަމަށް ވަޑައިގެންނެވި އިރު ރަށްރަށުގައި ގެސްޓް ހައުސް އެޅޭ ގޮތަށް އޮއްވާ އެކަން ބަދަލުކުރީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވެސް ދެއްވީ އަލީ އެވެ؛ ރިސޯޓު ވެރިންގެ ޕްރެޝަރަށެވެ؛ ގެސްޓް ހައުސްތަކުގެ ސަބަބުން އެ މީހުންގެ ރިސޯޓް ވިޔަފާރި އަށް ގެއްލުންވެދާނެތީ މަހުޖަނުން ޝަކުވާކުރީ އެވެ. ހަގީގަތުގައި ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން، އާއްމު ދިވެހިންގެ ތެރޭގައި އެނބުރޭ ފައިސާ މާ ގިނަ އެވެ. އަލީ ވިދާޅުވި އެވެ. އެކަމަކު މިހާރު ވެސް، ގެސްޓް ހައުސް ހަދަން ރާއްޖެ އެތެރެކުރާ ޓެކްސް ނަގާފައި ރިސޯޓް ހަދަން ގެންނަ އެއްޗެހިން ޓެކްސްއެއް ނުނަގަ އެވެ. ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ އޭނާ އެއްސެވި އެވެ.

ހުވަފެނެއް ކުރެއްސެވި އެވެ؛ ރާއްޖެތެރޭ މީހުންނަށް ހައްގު މިންވަރަކީ މި އެވެ؛ އަމިއްލަ ރަށުގައި ދިރިއުޅެފައި އަތޮޅުގައި ވަޒީފާ އަދާކޮށްފައި އާއިލާއާ އެކު ހިތްހަމަޖައްސާލަން އަތޮޅުގެ ރަށަކަށް ދެވެން ޖެހޭނެ އެވެ. ހުރިހާ ފަޅު ރަށެއް ނަގައިގެން ނުވާނެ އެވެ. އަސްލު ގުދުރަތީ ސިފައިގައި ހުންނަ ރަށްތަކެއް ހުންނަން ޖެހޭނެ އެވެ. ރެގިއުލޭޓްކޮށްގެން ހިންގާ "ރެޒިޑެންޝަލް ރިސޯޓްތަކެއް" ހުންނަން ޖެހޭނެ އެވެ. އެޕާޓްމެންޓަށް 3،000 ރުފިޔާ ދައްކައިގެން އުލިގަމުގައި ދިރިއުޅެފައި ހއ. އިން ސީދާ އިންޑިއާ، ލަންކާ އަށް ދަތުރު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އަތޮޅުން ފުރުސަތުތައް ލިބެން ޖެހޭނެ އެވެ. ރާއްޖެތެރޭ ރަށެއްގައި ފެކަލްޓީ އޮފް އެޑިއުކޭޝަން އަޅަންވީ ނޫން ހެއްޔެވެ؟ ރަށްރަށުގައި ގެދޮރު އަޅައިދޭށެވެ. މާލެ ސަރަހައްދުގައި ކިތަންމެ ވަރަކަށް ފްލެޓް އެޅިޔަސް ހެޔޮ ބަދަލެއް ނާންނާނެ އެވެ. ކޮންމެ އަހަރަކު ފަސް-ހަ ހާސް ޒުވާނުން އޯލެވެލް ހަދަ އެވެ. އަހަރަކު 3،000 ފްލެޓް ވެސް އެޅޭނެ ހެއްޔެވެ؟ އަމުދުން ސަރުކާރަށް އެކަން ކުރެވޭނެ ހެއްޔެވެ؟ އޭނާ ސުވާލުކުރެއްވި އެވެ.

"މިއީ އަހަރެން ވަރަށް ޕެޝަނޭޓް" މައުލޫއުއެކެވެ؛ އަލީ ވިދާޅުވި އެވެ. އޭނާގެ ވާހަކައިގައި ޖޯޝާއި ފޯރި ގަދަކަމުން ޝައްކެއް ކުރާނެ ތަނެއް ނެތެވެ. އެއްޗެއް ބުނާނެ ފުރުސަތު އެންމެ ފަހުން އަހަންނަށް ލިބުނެވެ. ސުވާލެއް ކުރީމެވެ؛ މިއީ ތިހާ މުހިއްމު މައްސަލައެއް ކަމަށް ވަންޏާ، ސިޔާސީ މީހުންގެ ދުލު ކުރީގައި މި ވާހަކަ ނެތީ ކީއްވެގެން ހެއްޔެވެ؟ ބައެއް މީހުންނަށް މި ވާހަކަ ދައްކަން ނޭނގެނީ އެވެ. އަލީ ވިދާޅުވި އެވެ. އަނެއްބައި މީހުން މި ވާހަކަ ދައްކަން ބޭނުން ނުވަނީ އެވެ.

ކުއްޔާ ބެހޭ ގޮތުން އަލީގެ ސުވާލަށް ޖަވާބުދިން މީހުން ވެސް އިނގިލި ދިއްކުރީ ސިޔާސީ މީހުންނަށެވެ. ސިޔާސަތުތަކަށެވެ. އޭނާ އަށެވެ؛ މަޖިލިސް ތެރެއިން ހެޔޮ ބަދަލެއް ގެނެސްދެއްވަން އަލީ މަސައްކަތްކުރެއްވި ނަމަ އެވެ. ކުލީގެ މައްސަލަ ހައްލު ނުކުރަނީ މިހާރުގެ ހާލަތުން ވަކި ބަޔަކަށް ފައިދާތަކެއް ލިބޭތީ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ. "ބޭންކް އިންޓްރެސްޓް ރޭޓް ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރަން ދޫކުރާތީ" އެވެ. ކުލި ކޮންޓްރޯލްކުރެވޭނީ، ގެދޮރު އަޅަން، އިންޓްރެސްޓް ނެތް ލޯން ސްކީމެއް ތައާރަފްކުރަން ބޭންކުތަކަށް ސަރުކާރުން މަޖުބޫރުކޮށްގެންނެވެ. އާރެއް ބާރެއް ނެތް މަޖޫރީންނަށް މަޖުބޫރުކުރެވިދާނެކަން އެނގިއްޖެ އެވެ. ފައިސާ ހުރި ބޭންކުތަކަށް މަޖުބޫރުކުރެވިދާނެ ހެއްޔެވެ؟ އެއްވެސް ކަމެއްގައި އިޚްލާސްތެރިކަމެއް ނެތީ އެވެ.

އަލީގެ ޓްވީޓަށް ލިބުނު މި ކަހަލަ ކޮމެންޓްތަކަށް ބަލާ އިރު ގައިމު ވެސް އާއްމުން މި ވާހަކަ ދައްކަން ބޭނުންވެ އެވެ؛ "ވަރަށް އަޑުއަހަން ބޭނުންވާ ސުވާލެއް ވަރަށް ދުވަހުން ވިޔަސް އައިސްފި" އެވެ. އަލީ އަށް "ޝުކުރިއްޔާ" އެވެ.

އެކަމަކު ކުލި ރެގިއުލޭޓްކުރާނެ ހެއްޔެވެ؟