20 އޯގަސްޓް 2022
މިހާރު މި ހިނގަމުންދާ މާލެ- ރާއްޖެތެރޭގެ ބަހުސް އެއްވެސް ހަރުދަނާ އަމާޒަކަށް ނުދަނީ ރައްޔިތުންނޭ ބުނެވޭ ބަހުގެ މާނަ ދިވެހިނަށް އޮޅިފައިވުމުން ކަމަށް ވެދާނެ އެވެ. ގައިމު ވެސް ދިވެހިން މި ބަހުގެ މާނަކުރާ ގޮތާ އާންމު ދުނިޔެ ގަބޫލްކުރާ ގޮތް ވަރަށް ތަފާތެވެ.
މިހާރު މި ހިނގަމުންދާ މާލެ- ރާއްޖެތެރޭގެ ބަހުސް އެއްވެސް ހަރުދަނާ އަމާޒަކަށް ނުދަނީ ރައްޔިތުންނޭ ބުނެވޭ ބަހުގެ މާނަ ދިވެހިނަށް އޮޅިފައިވުމުން ކަމަށް ވެދާނެ އެވެ. ގައިމު ވެސް ދިވެހިން މި ބަހުގެ މާނަކުރާ ގޮތާ އާންމު ދުނިޔެ ގަބޫލްކުރާ ގޮތް ވަރަށް ތަފާތެވެ.
ކަމެއްގެ ހައްލު ހޯދޭނީ، ހައްލުހޯދަން ބޭނުންވާ މައްސަލައަކީ ކޮބައިކަން ރަނގަޅަށް ދަނެވިގެންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު (2022/ޖީ-19) ގައި "މާލޭގެ ރައްޔިތަކަށް ކަމުގައި ބެލެވޭނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރެޖިސްޓްރީ ޖެހިފައިނުވާ ފަރާތްތައް" ކަމުގަައި ބުނެފައި ވެއެވެ. މާނައަކީ މާލޭގައި ވިހައި ބޮޑުވި މީހެއް ކަމުގައި ވީނަމަވެސް، މާލެއަށް ހިޖުރަކޮށް، އުމުރު ހޭދަކޮށްފައިވާ މީހަކު ނަމަވެސް އަދި، ރާއްޖޭގެ އެހެން ތަނެއްގައި ރެޖިސްޓްރީއެއް ނެތް، މާލެ ދަފްތަރުގައި އޮތް މީހަކު ނަމަވެސް މެއެވެ.
ދިވެހިބަހުގެ ރަދީފްގައި 'ރައްޔިތުން' މި ބަހުގެ މާނައަކީ ގައުމެއްގެ ނުވަތަ ރަށެއްގެ މީހުންނެވެ. އިނގިރޭސިން ނަމަ ސިޓިޒެން އެވެ. އޮކްސްފޯޑް ޑިކްޝަނަރީގައި އެ މާނަ ކުރެވެނީ ވަކި ރަށެއްގެ މެމްބަރަކަށް ވުމުން، އެ ރަށެއްގެ ހައްގު ލިބިދީފައިވާ މީހުންނެވެ. އެއީ، އެ ރަށަކަށް ވިހެއުމުގެ ސަބަބުންނާއި، އެ ރަށެއްގެ ސަރުކާރުން ލިއްބައިދޭ ހައްގެއްގެ ގޮތުގަ އެވެ.
ފަހުން އެ ދެންނެވުނީ ހިޖްރަކުރާ މީހުންނަށް، ވަކި އުސޫލެއްގެ މަތިން ދޭ ރަށްވެހިކަމާ އެކު އެވެ. ވީމާ ރައްޔިތަކަށް ވުމުގެ ޖުމްލަ މާނައަކީ، އެ ރަށެއްގެ އުފަން ރަށްވެހިންނާއި، އެ ރަށެއްގައި ވަކި މުއްދަތެއްގައި ދިރި އުޅުމުގެ ސަބަބުން، ރަށްވެހިކަން ލިބިފައިވާ މީހުންނެވެ.
މިއިން ދޭހަވާ އެއްމެ ބޮޑު ކަމަކީ، ރައްޔިތަކަށް ވުމުގެ ފުރިހަަމަ މާނަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ރަނގަޅަށް އޮޅުން ފިލައިފައި ނެތް ކަމެވެ. ނޫނީ ރަށް ބިނާވާގޮތްތަކުގެ މަަރުހަލާތައް ފަހުމްނުވެ، ވަކި ފަރުދުންގެ މަންފާއަކަށް ބަލާ އެ ވިސްނުމުގައި ދެމިތިބި ޒަމާނާ އެއްވަރަށް ވިސްނުން ބަދަލުނުވެ ތިބި ކަމެވެ.
އުސޫލުގެ ދަށުން މާލޭގެ ރައްޔިތަކަށް ވެވެނީ، ހަމައެކަނި މާލޭގެ ގޯއްޗެއް ހުރި، ގަނެގެން ވިއަސް ނުވަތަ ވާރުތަވާ ގޮތަށް މާލޭގައި އާއިލީ ގެއެއް އޮތުމުގެ ސަބަބުން ރެޖިސްޓްރީ ވެވޭނެ އެޑްރެހެއް އޮތް މީހުންނެވެ. މީގެ އިތުރުން ވިހެއުމާއެކު، މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނެވެ. ނަމަވެސް މި ކެޓެގެރީގެ ދަފްތަރުވެރިންނަކީ ދެން ތިބި މާލޭ ރައްޔިތުންނަށް ވުރެ ހައްގުގެގޮތުން ދަންފަންތީގެ ބައެކެވެ.
މާލޭގެ އޭރިއަލް ފޮޓޯއެއް -- ފައިލް ފޮޓޯ: މިހާރު
އޭގެ އެއް ހެއްކަކީ، ކުރިން ދެންނެވި އުސޫލުގެ ފަސް ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުން "މާލޭގެ ރައްޔިތުންގެ ގޮތުގައި ކަނޑައެޅިފައިނުވާ މީހުންގެ ދަރިންގެ ތެރެއިން މާލޭގެ ދަފްތަރުގައި ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ހާއްސަ ކުރާނީ I C1 އަށް ކަނޑައަޅާގޯތީގެ 20 ޕަސެންޓާ ހަމައަށް" ކަަމަށް ބުނެފައި އޮތުމުންނެވެ. މި C1 ކެޓަގަރީ އަކީ އަމިއްލަ ނަމުގައި އަދި ވާރުތަވެރިންނަށް ވެސް މާލެ ސަރަހައްދުން އެއްވެސް ވަރެއްގެ ބިމެއް ނެތް މީހުންނެވެ. ނަމަވެސް މި އުސޫލޫގައި މާނަކޮށްފައިވާ މި ދަފްތަރުވެރިޔާ އަކީ ހަމަ ފެށުނީއްސުރެ މާލޭގެ ރައްޔިތެކެވެ.
މިއީ ތަފާތުކުރުން ނޫން ކަމުގައި ނުބެލެވޭނެ އެވެ. ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ހިލާފު ވެވުނީއެވެ.
އެ ރަށެއްގައި ވިހާ ބޮޑުވުމަކީ، އޮޓޮމެޓިކުން، އެރަށެއްގެ ރައްޔިތެއް ކަމުގައި، ވަރަށް ގިނަ ގައުމުތަކުގައި، ގާނޫނު އަސާސީން ކަށަވަރު ކުރާ ހައްގެކެވެެ. މިސާލަކަށް، އެމެރިކާ ފަދަ، އިމިގްރޭޝަން ހަރުކަށި އަދި، ރައްޔިތުންގެ ވިންދު އެހާމެ ގުޅިފައިވާ ހޫނު މައްސަލައެއްގައި ވެސް، 14 ވަނަ އެމެންޑްމެންޑުން މި ހައްގު ކަށަވަރު ކޮށްދެެއެވެ.
ރައްޔިތުންގެ ހައްގު ގާނޫނު އަސާސީން ކަށަވަރު ކުރެވެން ފެށީ، ޕޮލިޓިކަލް މޮޑެލްއެެއްގެ ގޮތުން، ނޭޝަން ސްޓޭޓް ކޮންސެޕްޓް ފްރެންޗް ރެވޮލިއުޝަންގެ (1787-1799) ފަހުން، ވިރާސީ ވެރިކަން ނިމި، ގައުމިއްޔަވަންތަ ކަމުގެ ރޫހު، ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގެ ތޭރޭގައި އެކުލެވި، އެ ގައުމެއްގެ އިސްތިގްލާލް ރައްކާކުރެވި އެ ބައެއްގެ އެއްބައިވަންތަކަމާއި ހަމަހަކަން މި ސަރަހައްދުގެ ތެރޭގައިވާ ފަރާތްތަކަށް ލާޒިމްވެ، އަދި، ގާނޫނީ ބާރެއްގެ ގޮތުގައި ގާނޫނީ އަސާސީއެއް ހެދި، އޭގެ ދަށުން ހާއްސަ ހައްގުތަކެއް އެ ރަށުގެ ރައްތިންނަށް ލިބިދިނުމެވެ.
މިގޮތުން، އެ ގައުމަކީ، އެ ގައުމެއްގެ ރައްޔިތުންގެ ހައްގެކެވެ. ނޭޝަން ސްޓޭޓްގެ ފަހު މަރުހަލާ އުފެދިގެން އައީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، ހިއުމަން ރައިޓްގެ އުސޫލުތަކާއި، ޔުނައިޓެޑް ނޭޝަން އުފަންވެ އިސްތިއުމާރީ ބާރުތަކުން، ވެރިކޮށްފައިވާ ރައްތަށް ދޫކޮށް އެ ރަށްތަކުގެ މީހުންނަށް އެ ބާރު އަނބުރާ ލިބިދިނުމުގެ ހިސާބުންް ފެށިގެންނެވެ. މިގޮތުން ކޮމިއުނިސްޓް، ސޯޝަލިސްޓް، ޑިމޮކްރެޓިކް އަދި މީގެން މަސްހުނިވެފައިވާ މޮޑެލްތަކަށް ގައުމުތައް ހިންގަން ފެށި އެވެ.
މި ދުވަސްވަރުގައި ރާއްޖެއަކީ، އިނގިރޭސީންގެ އަތް ދަށުގައި އޮތް ގައުމެއް ކަމުގައި ވީނަމަވެސް ދާހިލީ ކަންތަކުގެ ބާރު އޮތީ ދިވެހި ސަރުކާރަށެވެ. އެގޮތުން ދުނިޔޭގެ ހިނގައިދާ އޮޔެއާ އެއްގޮތަށް 1932 ގައި ގާނޫނު އަސާސީއެއް ހެދި، އެންމެ ފަހުން ދުސްތޫރީ ވެރިކަމަކަށް ބަދަލުވިއެވެ. އަދި ދިމިކްރާތީ ނިޒާމްގެ ހުރިހާ ކުލައެއް ނުޖެހުނު ކަމުގައި ވީނަމަވެސް ގައުމަކީ ރައްޔިތުންގެ ހައްގެއްކަން ގަބޫލުކުރެވުނެވެ.
މިކަން މީހާރުގެ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާއިން ގާއިމްވެއެވެ. ނަމަވެސް، ރައީސް މުހަންމަދު އަމީން އިން ފެށިގެން އިބްރާހިމް ނާސިރު އަދި މައުމޫން އަބްދުލްގައްޔޫމް އާހަމައަށް ވީ ދިގު ބައިގަރުނުގައި، އެހެން ގައުމުތަކުން ދެއްކި މިސާލުތަކާ ޚިލާފަށް، މި ގައުމުގައި، ތަރައްގީގެ މައި އަމާޒަކަށްވީ މާލެއެވެ. ދިވެހި ތާރީހު ލިޔުއްވި ބެލްގެ ބަހުން ނަމަ 'ސަލްޓަންސް އައިލެންޑް'އަށެވެ. ޒަމާނުއްސުރެ އޮތް ސަގާފަތެވެ. ރާއްޖޭގެ ލާބަޔާ، ކުރިއެރުމާ، ރައްކާތެރިކަމާ، މަންފާގެ އެންމެ ބޮޑު ވާރުތަވެރިޔާ މާލެ އެވެ.
ރާއްޖެއަކީ ގުދުރަތީ ވަސީލަތް މަދު ރަށަކަށް ވުމުން، އަދި ފަގީރު ގައުމަކަށް ދުނިޔޭގެ ނިސްބަތުން ކަނޑައެޅިފައިވާ ގައުމަކަށް އޭރު ވީއިރު (ލީސްޓް ޑިވެލޮޕްޑް ކަންޓްރީގެ ހަރުފަތުން ރާއްޖެ ގްރެޖުއޭޓްވީ 2011 ގައި)، ދިވެހިރާއްޖޭ ތަރައްގީގެ 90 ޕަސެންޓް ފައިސާ ހޯދީ ބޭރުގެ ހިލޭ އެހީގެ ދަށުންނެވެ. މިގޮތުން، ދުނިޔެ އަށް 20 ވަނަ ގަރުނުގައި އައި ތަރައްގީ އާއި ފަސޭހަ އަދި ކުރިއެރުން، އިލްމީ ގޮތުންނާއި، ސިއްހީގޮތުން، މުއާސަލާތީ ރޮނގުން އެންމެ ފުރަތަމަ އެންމެ ރަނގަޅަށް ލިބުނީ މާލެއަށެވެ.
މާލެ: ހުރިހާ ތަރައްގީއެއް މާލެ އަށް ޖަމާކުރުމަކީ ސަރުކާރުތަކުގެ ސިޔާސަތު -- ފައިލް ފޮޓޯ: މިހާރު
ސްކޫލްތަކާއި، ސަރުކާރު ހޮސްޕިޓަލާއި، ބޭންކްސް، ކަރަންޓް، ފެން، ނަރުދަމާ، ޕޯސްޓް، އެއާޕޯޓް، ޕޯޓްސް މިހެންގޮސް ރަށެއް ކުރިއެރުމަށް ބޭނުންވާ އެންމެހާ ހިދުމަތްތައް ފުރިހަމަކޮށް ލިބުނީ މާލެއަށެވެ. ނަތީޖާ އަކަށްވީ، 1980 ގެ ކުރީކޮޅުން ފެށިގެން، 'ރާއްޖެތެރޭ" މީހުން މާލެއަށް ހިޖުރަކުރަން ފެށުމެވެ. މާލޭގެ ކަންކަން ތަރައްގީވީވީނުން، އެހެންރައްތަކާ މާލެ އާއޮތް ފަރަގުބޮޑުވާން ފެށި އެވެ. އެއްކަލަ ގާނޫއަސާސީގެ ގާއިމް ވެފައި އޮތް ހަމަހަމަ ކަމުގެ ތަފާތު ބޮޑުވާން ފަށައިފި އެވެ.
މީގެ 2000 އަހަރުގެ ކުރިން ގްރީކް ސިޓީ ސްޓޭޓް ގޮތަށް، ދިވެހިރާއްޖެވީ، މާލެ އަށެވެ. ދިވެހިރާއްޖެއަކީ މާލެއެވެ. ވީމާ، ރާއްޖޭގެ އެހެން ރަށަކާ މާލެ އާއި އަޅާކިއުމަކީ ގޯސް ރީޒަނިންއެކެވެ. އަދި، މި ރަށުގެ ފައިދާ އެއްކަލަ، ގޯތި ރެޖިސްޓްރީވީ މާލޭގެ ގޯތި ހުރި، ދިވެހި ރައްޔިތުންގެ 20 ޕަސެންޓަށް ވުރެ މަދު މީސްކޮޅަކަށް ލިބުމީ ނުލާހިކު ބޭއިންސާފުވެރި ކަމެކެވެ.
ގައުމެއް ތަރައްގީވާއިރު ވެރިކަންކުރާ ރަށް، ގިނަ ފަހަރު މާ ތަރައްގީވާނެ އެވެ. ހުރިހާ ކަމެއް ވެސް ފުރިހަމައަށް ލިބެން ގިނަފަހަރު ހުންނާނީ އެ ރަށުގަ އެވެ. މައްސަލައަކީ، މާލެ ހުސްއެކަނި ތަރައްގީވުމެއް ނޫނެވެ. ނިސްބަތުން ދެންހުރި އެއްވެސް ރަށެއް ގާތްކުރާ ވަރަށް ވެސް ފަރަގު މާބޮޑުވުމުވެ.
ފަރަގު ބޮޑުވީ ނަމަވެސް އެކަމުގެ ސަބަބުން 80 ޕަސެންޓަށް ވުރެ މަދު ނޫން ދިވެހި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުލިބި، ނަސްލީ އިމްތިޔާޒުގެ ވައްތަރެއް މާލޭގައި ފެށުމެވެ. މާލޭގެ އެތްނަގޮރޮފީއެއް (1976-1983) ޕީއެޗް.ޑީ ތީޒީސް އަކަށް ލިޔުއްވި އެލިޒަބަލް ކޯލްޓަން، މާލޭގެ މުޖުތަމައުގައި 'ހައުސް' ނުވަތަ ގެއަކީ ވަރަށް ބޮޑު އަސާސެއް ކަމަށް ބަޔާންކޮށްފައިވެކެވެ.
މާލޭގައި ނުދަންނަ މީހުން އެއްތަންވާއިރު އެއީ ކޮން ގެއެއްގެ މީހެެއްތޯ އަހާނެ އެެވެ. މާލޭގެ ގެއެއް ނެތް މީހަކު ނަމަ އޭނާ ނިސްބަތްކުރެވޭނީ އޭނާ ކުރިން އުޅުނު އާއިލީ ރަށަށެވެ. މިގޮތުން ދިވެހި މުޖްތަމައު މާލޭގައި ދެ ބަޔަކަށް ބެހިގެން ދިޔައެވެ. މާލެ– ރާއްޖެތެރޭމީހުންގެ މައްޗަށެވެ. އެންމެ ފުރަތަމަ މިއީ ވަކި ހައިސިއްޔަތަކަށްވުރެ، މައުލޫމާތެއްގެ ގޮތުން އައި ސިފަކުރުމަކަށް ބެލެވިދާނެއެވެ. ނަމަވެސް މާލޭގެ ބިމުގެ މުހިންމުކަން ބޮޑުވެ، އެއްމެ ލާރީލިބޭ ކަމެއްގެ ގޮތުގައި، ބިން ކުއްޔަށް ދޫކުރެވޭން ފެށީއްސުރެ، މި ސިފަކުރުން ރާއްޖެތެރޭ މީހުންނަކީ ގެއެއް ނެތް ދަށް ބައެއްގެ ގޮތުގައި ސިފަ ވާން ފެށި އެވެ.
މިއީ ފާއިތުވި 50-60 އަހަރުގެ ތެރޭގައި އައި ބަދަލެކެވެ. އޭގެ ކުރިން މާލޭގެ ގޯތި ނިސްބަތުން އަގު ހެޔޮކޮށް ގަންނަން ވެސް ލިބެއެވެ. އަދި ބިން އަމިއްލައަށް ހިއްކައިގެން، ގޯތި މިލްކުރިއެވެ. މި ބޮޑު ހިޖުރައިގެ ސަބަބުން، މާލެ ތޮއްޖެހި، މާލޭގެ ބިމުގެ އަގު އަހަރަކަށް ވުރެ އަހަރެއް ބޮޑުވާން ފެށިއެވެ.
ސަރުކާރުން އެއްމެ ފަހުން ސޯޝަލް ހައުސިންގެ ޕްރޮގްރާމެއް ސިނަމާލެގެ ނަމުގައި، 1990ގެ އަހަރުތަކުގައި ހިންގައި ހާލުގައި އުޅޭ މާލެ ރައްޔިތުންނަށް ފްލެޓް ދޫކުރިއެވެ. އޭގެތެރޭގައި، މާލޭ ދަފްތަރުގައި ޖެހިފައިވާ މީހުން ވެސް ހިމެނުނެވެ. ނަމަވެސް ދިގުމުއްދަތަކަށް ދިރިއުޅުން ބިނާކޮށްފައިވާ މީހުންނަކަށް ޗާންސެއް ނެތެވެ. މާލޭގައި ހައްދުންނައްޓާވަރަށް މީހުން ގިނަވީ މި ހިޖުރަވެރިންނާ ހެދި އެވެ. އެއީ މޯލްޑިވްސް ހައުސިން ޕޮލިސީ 2008 ގައި ބަޔާންކޮށްފައިވާ ގޮތަށް މާލެ ބައިބޯވުމުން ހުޅުމާލެ ތަރައްގީކުރުމުގެ އަސްލު ވެސް މެއެވެ.
ނަމަވެސް މާލޭގެ ދަފްތަރުގައި ނުޖެހި އޮތް މާލޭގެ ދިރިއުޅޭ މީހުންނަކަށް ފްލެޓެ ލިބުމުގެ ފުރުސަތު ލިބެން ފެށީ ދާދި ފަހަކުންނެވެ. އެއީ ވެސް މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ވެފައިވީ މީހުންނަށެވެ.
ލަންޑަން މޮޑެލް އަކަށް ނަގަމާ ހެއްޔެވެ. އެއީ ދުނިޔޭ އެެންމެ ކުރިއަރާފައިވާ އެއް ރަށެވެ. އަދި ނުލާހިކު ދިރިއުޅުމުގެ ކުލި ބޮޑު ތޮއްޖެހިފައިވާ ރަށެކެވެ. ދުނިޔޭގެ ނިސްބަތުން، ބިމުގެ އަގު އެއްމެ ބޮޑު އެއް ރަށެވެ. އެ ރަށުން ގޯތި ހޯދަންޏާ ޖެހޭނީ މިލްކްވެރިއެއްގެ އަތުން ގަންނާށެވެ. ސަރުކާރަކުން އާންމުންނަކަށް ސޯޝަލް ހައުސިންގެ ދަށުން ބިން އެވާޑެއް ނުކުރާނެވެ. ލަންޑަންގެ ލޯކަލް ގަވާމެންޓްގެ އެންމެ ބޮޑު އެއް ޒިންމާ އަކީ، ލަންޑަނުގައި ދިރިއުޅޭ ބޯހިޔާވަހިކަން ނެތްފަރާތަކަށް ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ދޫކުރުމެވެ.
ލަންޑަނުގައި މިފަދަ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުން ރަޖިސްޓްރީކުރެއެވެ. އެއަށް ކިއަނީ ހައުސިން ރެޖިސްޓާ އެވެ. އެކަމަށް ޝަރުތު ހަމަވާ އެންމެ ބޮޑު އަސާސަކީ އެ ރަށާ އޮތް ގުޅުމެވެ. އެގޮތުން އެ ރަށުގައި މަދުވެގެން އެއް އަހަރު އުޅެފައިވުމާއި އެ ރަށުގެ މަސައްކަތް ކުރުމާއި، ކިޔެވުމާއި، ސިއްހީ އަދި ވެލްފެއާ ހާލަތާހުރެ ހިޖްރަކުރަން ޖެހުމާއި، އެ ރަށުގެ އުޅެ ބޮޑުވުން އަދި، އާމްދަނީ ލިބޭވަރާއި، ދިރިއުޅުމުގެ ހާލަތް ހިމެނެއެވެ. އެއީ އަދި އެހެން ގައުމަކުން ހިޖްރަކޮށްފައިވާ ބޭރުމީހަކަށް ވިއަސް އެންމެ ރަނގަޅެވެ.
މާލޭގެ ތޮއްޖެހިފައިވާ މަގެއް: ރަށްރަށުން މީހުން ހިޖުރަ ކުރަން ފެށުމަކީ މާލެ ތަރައްގީވި މައިގަނޑު ސަބަބު -- ފައިލް ފޮޓޯ: މިހާރު
މުހިންމީ، އެ ރަށުގެ ދިރިއުޅޭ އަހުލުވެރިންނަށް އެ ފުރުސަތު ހޯދައިދިނުމެވެ. އެނެމެ ބޮޑަށް ބޭނުންވާ މީހުންނަށް އިސްކަންދީގެން ޕޮއިންޓް ސިސްޓަމެއްގެ ދަށުންނެވެ. އެއީ ލަންޑަނުގެ ގޯއްޗެއްގެ ރެޖިސްޓްރީވެފައި އޮތް މީހެއްތޯ އަދި އެއީ ދޮންނަސްލުގެ އެތައް ޒަމާނެއް ވަންދެން ލަންޑަނުގެ އާއިލާއޮތް މީހެއް ކަމަށް ބަލައި އިސްކަން ދިނުމެއް ނޯވެ އެވެ. ބަލަނީ، ކޮންމެ ވެސް ސަބަބަކާ ހުރެ އެ ރަށުގައި ވަޒަންވެރި ވެފަައިވާ މީހުންނަށެވެ.
މިގޮތުން ޕްރައިމެރީ އަދި ސެކަންޑަރީ ގްރޫޕްގެ ޕޮއިންޓް ދޭ ނިޒާމެއްގެ ތެރެއިން ވަކި ބޭންޑްތަކަކަށް ވަކި ޑެވެލޮޕްމަންޓްސްތަކުން އެ މީހަކުގެ ބޭނުންވާ ކޮޓަރީގެ އަދަދަށް، އާއިލާގެ ކުޑަ ބޮޑުމިނަށް ބުރަވެ ފުރުސަތު ލިބިގެންދެއެވެ. އެ މީހުން ޕޮއިންޓް ދޭ ޗާޓުން މާބޮޑު ވިސްނުމަކާ ނުލައި، ދޭހަވާ އެއްޗަކީ ބޯހިޔާވަހި ކަމުގެ ހައްގަކީ، އެ ރަށެއްގެ ރައްވެހިންނަށް ލިބިފަައިވާ ހައްގެއް ކަމާއި، ވަކި ރަށަކީ، ވަކި ބައެއްގެ މިލްކިއްޔާތެއް ނޫން ކަމެވެ.
އުސޫލު ހަދަނީ އެ ރަށެއްގެ ރައްޔިތުންގެ ލާބައާ މަންފާއަށެވެ. އެ ރަށުގެ ތަރައްގީއަށެވެ. މި މާލޭގެ ވާގޮތުން، މުޅި އުމުރު ރާއްޖޭން ބޭރުގައި ހޭދަކޮށްފައިވާ މީހާއަށް، މާލޭ ރެޖިސްޓްރީއެއްގައި އޮތުމުން ބޯހިޔާވަހިކަމުގެ ހައްގު ލިބުން ބޮޑުވެ، މި ރަށުގައި ޒަމާނުއްސުރެ އުޅެ ބޮޑުވި، މާލެއަށް ހިދުމަތްކޮށްފައިވާ މީހާ އަށް އެއާ އެއްވަރުގެ ފުރުސަތު ނުލިބުމަކީ ކިހާ ބޭ އިންސާފުވެރިކަމެއް ހެއްޔެވެ؟ މީގެން ދައްކައިދެނީ، ޕޮލިޓިކަލް ފިލޯސަފީގެ ތެރެއިން ތިއަރީ އޮފް ޖަސްޓިސް ކަހަލަ ކޮންސެޕްޓް ދިވެހިން ބީރަށްޓެހިކަމެވެ.
ހައުސިން އިމާޖެންސީއެއްގައި މާލެ އޮންނަތާ އެއްމެ މަދުވެގެން 30 އަހަރު ވެދާނެއެވެ. އަދިވެސް މިއުޅެނީ މިލްކުވެރިކަމުގެ ބަހުސެއްގަ އެވެ. ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުވަނީ، މި ގައުމަކީ މުޅި ދިވެހި ރައްޔިތުންގެ ހައްގެއް ކަމެވެ. ވަކި ރައްޔިތަކަށް ވަކި ސަރަހައްދެއްގެ މިލްކްވެރިކަން ދިނުމަކީ، ކުރީގެ ރަސްރަސްކަލުންގެ އާއިލާއަށް ވަގުފަށް ރަށްދިނުން ކަހަލަ ބޯދާ ޚިޔާލެކެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި އާބާދުވުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ލިއްބައިދެއެވެ. އެ ރަށްވެހިންނަށް އެރަށުގައި އުޅުމުގެ ހައްގު ހޯދައިދިނުމަކީ، ސަރުކާރަށް ލާޒިމްވެފައިވާ ރައްޔިތުންގެ އަސާސީ ހައްގެކެވެ.
އެޑިޓަރުގެ ނޯޓް: މިއީ "މިހާރު"ގެ ކިޔުންތެރިޔަކު ފޮނުވާފައިވާ ލިޔުމެކެވެ. މި ލިޔުން "މިހާރު"ގައި މި ޝާއިއުކުރީ މި ދުވަސްވަރަކީ، މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަކީ އެންމެންގެ ހައްގެއް ކަމަށް ބުނެ ވަކާލާތު ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ. މި ލިޔުމަކީ، މި ލިޔުން ލިޔުއްވި އައިމިނަތު ހަސަންގެ އަމިއްލަ ހިޔާލެވެ.
ގެދޮރުގެމައްސަލަ ހައްލުނުވަނީ އަތޮޅުތެރެ ތަރައްގީ ނުވާތީ
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
އުފާވެރިކަމުގެ ކަރުނަ: މާލޭގެ ބިންވެރިކަމުގެ ޔަގީންކަން
ގޯތި ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ
ގޯތި އަތަށް: އެންމެން އުފަލާއި އުންމީދުގައި
ގޯތި ދޫކުރަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ މެއި މަހު
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ