29 އެޕްރީލް 2018
މާލޭ މަގުމަތި އަމާންކުރަން މި ފަހުން އެޅި ފިޔަވަޅާ އެކު އެކި ވަޒީރުން ކުރެއްސެވި ތަސައްވުރުގައި، ސަރުކާރުން ދުނިޔޭގެ ކުރިއަރާފައިވާ ސިޓީތަކާ އެއް ފެންވަރަށް މާލެ ތަރައްގީކޮށް މައްސަލަތައް ހައްލުކުރާނެ އެވެ. އެ ގޮތުން ޖަޕާނުގެ ޓޯކިޔޯ އާއި ސްވިޓްޒަލެންޑްގެ ވާހަކަ އެ ބޭފުޅުން ދެއްކެވި އެވެ. އޭގެ ކުރިން ސިންގަޕޫރުގެ ނަމޫނާ އިން މިސާލު ނަގައިގެން ވެސް ސަރުކާރުން ވައުދުތައް ވެފައިވެ އެވެ.
މާލޭ މަގުމަތި އަމާންކުރަން މި ފަހުން އެޅި ފިޔަވަޅާ އެކު އެކި ވަޒީރުން ކުރެއްސެވި ތަސައްވުރުގައި، ސަރުކާރުން ދުނިޔޭގެ ކުރިއަރާފައިވާ ސިޓީތަކާ އެއް ފެންވަރަށް މާލެ ތަރައްގީކޮށް މައްސަލަތައް ހައްލުކުރާނެ އެވެ. އެ ގޮތުން ޖަޕާނުގެ ޓޯކިޔޯ އާއި ސްވިޓްޒަލެންޑްގެ ވާހަކަ އެ ބޭފުޅުން ދެއްކެވި އެވެ. އޭގެ ކުރިން ސިންގަޕޫރުގެ ނަމޫނާ އިން މިސާލު ނަގައިގެން ވެސް ސަރުކާރުން ވައުދުތައް ވެފައިވެ އެވެ.
މި ހުވަފެންތައް ހަގީގަތަކަށް ވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އެކަމަކު ފާހަގަކުރަން ޖެހޭ ކަމަކީ ސިންގަޕޫރާއި ޓޯކިޔޯ އާއި ސްވިޓްޒަލެންޑް ނަމޫނާއަކަށް ވާ އެންމެ އަސާސީ އެއް ކަންތައް މާލެ އަށް އަންނާނެ އިރެއް އަދިވެސް ނޭނގޭ ކަމެވެ. އެ ސިޓީތައް ނުވަތަ ގައުމުތަކުގެ އެންމެ މުހިއްމު އެއް ސިފައަކީ އެ ތަންތަނުގައި ހުރި އާއްމު ދަތުރުފަތުރުގެ ހަރުދަނާ، ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމްތަކެވެ.
މާލެ އަށް ނުކަތާ ވަރަށް ޕްރައިވެޓް އުޅަނދުތައް ގިނަވެ، މަގުމަތި ބޮއްސުންލައިގެން ދިޔައީ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތެއް ނެތި އެވެ. އެމްޑީޕީ ސަރުކާރުގައި މާލޭގައި ފެށި ބަހުގެ ޚިދުމަތް ވީ ނާކާމިޔާބެވެ. މި ސަރުކާރަށް ވެސް އެކަމެއް އަދި ނުކުރެވެ އެވެ. މާލެ އާއި އެހެން ބައެއް ރަށްރަށުގައި ބަސް ދަތުރުތައް ފަށަން ޖޫން 2016ގައި އެމްޓީސީސީއާ ހަވާލުކޮށްފައި އެކަން ހުއްޓާލީ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޕީއެލްއާ މަސައްކަތް ހަވާލުކުރި އެވެ. އެކަމަކު ހަތް މަސް ދުވަސް ފާއިތުވީ އިރު ވެސް މާލެ ތެރޭގައި ބަސް ދަތުރުތައް ފަށާނެ އިރެއް އަދި އޮތީ ނޭނގި އެވެ. އެމްޕީއެލް އިން އެންމެ ފުރަތަމަ ކުރަން އުޅޭ ކަމަކީ ޖުލައި 26ގައި ބްރިޖު ހުޅުވުމާ އެކު މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ފެށުމެވެ.
ސިންގަޕޫރާއި ޓޯކިޔޯ އާއި ސްވިޓްޒަލެންޑާ އެއް ފެންވަރަކަށް މާލެ ގެންދަން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފެންވަރު ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކުރުމެވެ. އެއީ އާއްމު ދަތުރުފަތުރުގެ ނަމޫނާގެ ގޮތުގައި ދުނިޔޭގައި ހަދާ ކޮންމެ ލިސްޓަކުން ޖާގަ ހޯދާ ތަންތަނެވެ. މިސާލަކަށް، ނެދަލެންޑްސްގެ ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ކުންފުނި އާކޭޑީސް އިން އެކުލަވާލާ "ސަސްޓެއިނެބަލް ސިޓީސް މޮބިލިޓީ އިންޑެކްސް"ގެ ގަދަ 15ގައި މިދިޔަ އަހަރު ސްވިޓްޒަލެންޑްގެ އެންމެ ބޮޑު ސިޓީ ޒިއުރިކް އާއި ސިންގަޕޫރާއި ޓޯކިޔޯ ހިމެނުނެވެ.
"ދެމެހެއްޓެނެވި ދަތުރުފަތުރު"ގެ ނަމޫނާތަކަކަށް މި ސިޓީތައް ވަނީ ކީއްވެގެން ހެއްޔެވެ؟ "ސަސްޓެއިނެބަލް ސިޓީސް މޮބިލިޓީ އިންޑެކްސް"ގައި ބަލާފައި ވަނީ ދެމެހެއްޓެނެވި ތަރައްގީގެ މައިގަނޑު ތިން ދާއިރާ ކަމަށްވާ އިޖުތިމާއީ، އިގުތިސޯދީ އަދި ތިމާވެށީގެ އުއްމީދުތައް ސިޓީތަކުން ހާސިލްކޮށްފައިވާ މިންވަރަށެވެ.
ހޮންގް ކޮންގް އަށް ފަހު ދެވަނަ އަށް އެންމެ ރަނގަޅު ސިޓީގެ ޝަރަފް ހޯދި ޒިއުރިކަށް ބަލާ ނަމަ، ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ފުޅާ ދާއިރެއްގައި ދެމުން އައި ނަމަވެސް ޕްރައިވެޓް ކާރުތަކާ ހެދި ޓްރެފިކަށް ބާރު ބޮޑުވެ އެވެ. އެކަމަކު އެ މައްސަލަ ހައްލުކުރަން ދުރު ރާސްތާގެ ޕްލޭނެއް އަންނަނީ ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކް ކުރިއަށް ވުރެ ވެސް ފުޅާކޮށް، އެ ނެޓްވޯކް ބެލެހެއްޓުން ހަރުދަނާކުރުމާއި ޚިދުމަތް ބޭނުންކުރަން އާއްމުންނަށް ފަސޭހަކޮށްދިނުން ހިމެނެ އެވެ. ރޭލާއި ޓްރޭމް އާއި ބަހުގެ އިތުރުން ކަނޑު ބޯޓު ވެސް ހިމެނޭ، ޒިއުރިކްގެ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގައި ބައިސްކަލަށް ވެސް ޚާއްސަ ސަމާލުކަމެއް ދެ އެވެ. ބައިސްކަލުގައި އުޅެން ހިތްވަރު ދިނުމުގެ ގޮތުން، ޕާކްކުރާނެ ޖާގަ އިތުރުކުރުމާއި ބައިސްކަލް ދުއްވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ފިޔަވަޅުތައް ޒިއުރިކުން އަންނަނީ އަޅަމުންނެވެ.
ލިސްޓުގައި ހިމެނޭ 100 ސިޓީގެ ތެރެއިން އަށްވަނަ ހޯދި ސިންގަޕޫރުގައި ކުރާ ދަތުރުތަކުގެ 66 ޕަސެންޓް މިހާރު ވެސް ބަރޯސާވެފައި އޮތީ ޕަބްލިކް ޓްރާންސްޕޯޓަށެވެ. އެކަމަކު 2030 އަންނަ އިރު އެ އަދަދު ޕީކް ގަޑިތަކުގައި 75 ޕަސެންޓަށް އިތުރުކުރަން ސިންގަޕޫރު ސަރުކާރުން ބޭނުންވެ އެވެ. އެހެންވެ، ބަހުގެ ޚިދުމަތް އިތުރަށް ތަރައްގީކުރަން އަންނަނީ އިންވެސްޓްކުރަމުންނެވެ.
ބައިބޯ ޓޯކިޔޯގައި ވެސް ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ ދަތުރު ކުރަނީ ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކޮށްގެންނެވެ. ދުނިޔޭގެ ތައުރީފް ލިބިފައިވާ ރޭލުގެ ނިޒާމެއް އޮތް ޓޯކިޔޯގައި ގަޑި އަށް ފަރުވާތެރި، އަވަސް އަދި ސާފުތާހިރު ޚިދުމަތެއް ލިބޭކަން ފަސިންޖަރުން ފާހަގަކުރެ އެވެ. އަނެއް ކަމަކީ ސިޓީން ބޭރުގެ މަންޒިލްތަކާ ވެސް ވަރަށް ރަނގަޅަށް ގުޅާލާފައިވާ ހަބަކަށް ޓޯކިޔޯ ވުމެވެ.
މިއީ ތިމާވެއްޓާ ރައްޓެހި ގޮތުގައި އަދި ވައި ތަޣައްޔަރުވުން ކުޑަކުވާނެ ގޮތްތަކަށް ވެސް ސަމާލުކަން ދީގެން ދަތުރުފަތުރުގެ ޚިދުމަތް ދޭ ސިޓީތަކެކެވެ.
ޕަބްލިކް ޓްރާންސްޕޯޓްގެ ރަނގަޅު ނިޒާމްތައް ގާއިމްކޮށްފައި ހުރި މިފަދަ ސިޓީތަކުން ވަނީ ޕްރައިވެޓް އުޅަނދުތައް ދޫކޮށްލަން އާއްމުންނަށް ހިތްވަރުދިނުމުގައި ކާމިޔާބީ ހޯދައިފަ އެވެ. އެއީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް ވައިގެ ނުސާފުކަން ކުޑަކުރަން ވެސް ބޭނުންތެރި ފިޔަވަޅަކަށް ވާއިރު، މާލެ އަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އަމިއްލަ ސައިކަލްތަކާއި ކާރު ގިނަވުން ކަން އެންމެން ވެސް ދަނެ އެވެ.
ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ދުވާލު ވަގުތު މުދާ އުފުލުން މަނާކުރި އިރު ސަރުކާރުން ބުނެފައި ވަނީ ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި މަގުތަކަށް ގެންނަން ސަރުކާރުން ބޭނުންވަނީ "އީޖާދީ ހައްލު"ތަކެކެވެ. އޭގެ ބައެއްގެ ގޮތުން، މާލެ ތެރެއަށް ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް އަވަހަށް ތައާރަފްކުރަން ޚާއްސަ އިސްކަމެއް ދޭންވީ ނޫން ހެއްޔެވެ؟
ފަސޭހައިން ބަހުގައި ދަތުރުކުރެވެން އޮތިއްޔާ ކޮންމެ މީހަކު ސައިކަލަކަށް ނުވަތަ ކާރަކަށް ނާރާނެ ކަމަށް އުއްމީދު ކުރެވިދާނެ އެވެ. އެފަދަ ޚިދުމަތަކާ ނުލައި މަގުތަކުގެ ތޮއްޖެހުމަށް ލުޔެއް ލިބިދާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެފަދަ ޚިދުމަތަކާ ނުލައި ސިންގަޕޫރު، ޓޯކިޔޯ ނުވަތަ ސްވިޓްޒަލެންޑާ އެއް ފެންވަރަކަށް މާލެ ނުގެންދެވޭނެކަން ކަށަވަރެވެ.
މާލޭގެ ތޮއްޖެހުން ހައްލު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް
ބަހަށް އުނދަގޫވާތީ 538 ވެހިކަލްގައި ސްޓިކާ ޖަހައިފި
ބަހަށް އުނދަގޫވާ ގޮތަށް ޕާކުކުރާ ވެހިކަލްތައް ނަގަނީ
ބަހުގެ ހިދުމަތް އިތުރަށް ތަރައްގީވާނެ: ރައީސް
ތާރީހީ ދުވަހެއް، މާލޭގައި ބަހުގެ ދަތުރުތައް ފަށައިފި
މިނީބަސް: ފަތިހު 5:45 - ދަންވަރު 12:15 އަށް
ޕާކްކުރުން އެއްކޮށް މަނާކުރުމުން ހައްލުވީ ބާ؟
އަމީނީ މަގުގައި 335 ސައިކަލުގެ ޕާކިން ޒޯނެއް
މިނީ ބަސް ފެށުން: އެތައް ޝަކުވާއެއްގެ ނިމުން؟
މާލޭގައި މިނީބަސް ދަތުރެއްގެ އަގަކަށް ހުށަހެޅީ 5ރ.