Roadha Mihaaru
"ގިޔާމަތް ދުވަސް އަންނާނެކަން ހަނދާން ކުރަންވާނެ!"

"ގިޔާމަތް ދުވަސް އަންނާނެކަން ހަނދާން ކުރަންވާނެ!"

15 މެއި 2018

އަޅުގަނޑުގެ އޮތީ ދެ ފިކުރެކެވެ. މި މައުލޫއުގެ މައްޗަށް ލިޔާނެތޯ އެވެ؟ ނުވަތަ ނުލިޔާނެތޯ އެވެ؟ އަޅުގަނޑު ނިންމީ ލިޔާށެވެ. ދުނިޔޭގައި މިހާރު އަންނަމުންދާ ބަދަލުތަކާއި ބައެއް ގައުމުތަކުގެ ފިކުރަށް އަންނަ ބަދަލުތަކަށް ބަލާފަ އެވެ. މިސާލަކަށް ނޯތު ކޮރެއާ ނަގަމާތޯ އެވެ. މުސްލިމުން ދެކެ ކޯފާވާ، އިސްލާމްދީން ދެކެ ބިރުފުޅު ގަންނަ އެމެރިކާގެ ރައީސް ވަރަށް ފަހާ ޖެހެންދެން ނޯތު ކޮރެއާގެ ރައީސަށް ބަދުބަސް ވިދާޅުވެ ގޮން ޖައްސަވަމުން ގެންދެވި އެވެ. އަދި އޭނާގެ ސިފައާ މެދު ވެސް ވާހަކަ ދައްކަވައި ޣީބަ ވިދާޅުވެ ހެއްދެވި އެވެ. ހަމަ އެގޮތަށް ނޯތު ކޮރެއާގެ ރައީސް ވެސް އެމެރިކާގެ ރައީސް ކުރައްވާ ހެއްވާ ކަންތައްތަކާއި އޭނާ ވިސްނުން ގެންގުޅުއްވާ ގޮތަށް މަލާމާތް ކުރައްވައި ވާހަކަ ދައްކަވައި ހެއްދެވި އެވެ. އަދި ނޯތު ކޮރެއާ އަކީ އެމެރިކާ އަށް ހުރި ބިރެއް ކަން އަބަދު ހަނދާންކޮށް ދެއްވަމުން ގެންދެވި އެވެ. މިހާރު އެ ދެ ބޭފުޅުން ވަނީ އަންނަ މަހު، ސިންގަޕޫރުގައި، އެއް މޭޒު ދޮށެއްގައި، ސުލްޙައިގެ ވާހަކަ ދައްކަވަން އެއްބަސްވެ ވަޑައިގަންނަވައިފަ އެވެ. މާޒީގައި ކަންތައްތައް ހިނގި ގޮތް ހަނދާން ނައްތާލައްވާފަ އެވެ.

އަޅުގަނޑުގެ އޮތީ ދެ ފިކުރެކެވެ. މި މައުލޫއުގެ މައްޗަށް ލިޔާނެތޯ އެވެ؟ ނުވަތަ ނުލިޔާނެތޯ އެވެ؟ އަޅުގަނޑު ނިންމީ ލިޔާށެވެ. ދުނިޔޭގައި މިހާރު އަންނަމުންދާ ބަދަލުތަކާއި ބައެއް ގައުމުތަކުގެ ފިކުރަށް އަންނަ ބަދަލުތަކަށް ބަލާފަ އެވެ. މިސާލަކަށް ނޯތު ކޮރެއާ ނަގަމާތޯ އެވެ. މުސްލިމުން ދެކެ ކޯފާވާ، އިސްލާމްދީން ދެކެ ބިރުފުޅު ގަންނަ އެމެރިކާގެ ރައީސް ވަރަށް ފަހާ ޖެހެންދެން ނޯތު ކޮރެއާގެ ރައީސަށް ބަދުބަސް ވިދާޅުވެ ގޮން ޖައްސަވަމުން ގެންދެވި އެވެ. އަދި އޭނާގެ ސިފައާ މެދު ވެސް ވާހަކަ ދައްކަވައި ޣީބަ ވިދާޅުވެ ހެއްދެވި އެވެ. ހަމަ އެގޮތަށް ނޯތު ކޮރެއާގެ ރައީސް ވެސް އެމެރިކާގެ ރައީސް ކުރައްވާ ހެއްވާ ކަންތައްތަކާއި އޭނާ ވިސްނުން ގެންގުޅުއްވާ ގޮތަށް މަލާމާތް ކުރައްވައި ވާހަކަ ދައްކަވައި ހެއްދެވި އެވެ. އަދި ނޯތު ކޮރެއާ އަކީ އެމެރިކާ އަށް ހުރި ބިރެއް ކަން އަބަދު ހަނދާންކޮށް ދެއްވަމުން ގެންދެވި އެވެ. މިހާރު އެ ދެ ބޭފުޅުން ވަނީ އަންނަ މަހު، ސިންގަޕޫރުގައި، އެއް މޭޒު ދޮށެއްގައި، ސުލްޙައިގެ ވާހަކަ ދައްކަވަން އެއްބަސްވެ ވަޑައިގަންނަވައިފަ އެވެ. މާޒީގައި ކަންތައްތައް ހިނގި ގޮތް ހަނދާން ނައްތާލައްވާފަ އެވެ.

މިއީ ހިނގާފާނެ ކަމެއް ކަމަށް، މީގެ ދުވަސްކޮޅެއް ކުރިން މީހުން ކުޑަކޮށް ވެސް ހީކުރި ކަމެއް ނޫނެވެ. ދެ ރައީސުންގެ ވާހަކަފުޅު ކާމިޔާބު ވިޔަސް ނުވަތަ ނުވިޔަސް މި ދެ ބޭފުޅުން އެއް މޭޒު ދޮށަށް ވަޑައިގެން ވާހަކަ ދައްކަވަން އެއްބަސްވެ ވަޑައިގެންނެވުމަކީ ވެސް ކާމިޔާބީއެކެވެ. ނޮބެލް ކޮމިޓީގެ ސަމާލުކަމަށް ގެންނަ ވަރުގެ ކާމިޔާބީއެކެވެ.

އަޅުގަނޑުމެންގެ ވަރަށް އެކުވެރި މުސްލިމު ގައުމެއްގައި، ދާދި ފަހުން ވަރަށް ކާމިޔާބު އިންތިޚާބެއް ބާއްވައިފި އެވެ. ނަމޫނާ އިންތިޚާބެކެވެ. އާދޭހެވެ. މުޅި ދުނިިޔެ އަށް ނަމޫނާއެކެވެ. ޑެމްކޮރަސީ އަށް ނަމޫނާއެކެވެ. އަޅުގަނޑު ޑެމޮކްރަސީއޭ މި ދަންނަވަނީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުން ހޮވާ ސަރުކާރަކަށެވެ. ބާވީސް އަހަރު ވާން ދެން ވެރިކަން ކުރެއްވި ބޭފުޅަކު ވެރިކަމާ ދުރުގައި 15 ވަރަކަށް އަހަރު ހުންނެވުމަށް ފަހު، އުމުރުފުޅުން 92 އަހަރުގައި، އަލުން ވެރިކަމަށް ވަޑައިގެންނެވުމެވެ. ކޮން ބަޔަކާ އެކީގައިތޯ އެވެ؟ އޭނާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ދެ ޕާޓީގެ ލީޑަރުންނަކީ އޭނާގެ ވެރިކަމުގައި ޖަލަށް ލައްވާފައި ތިބި ލީޑަރުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު އަދިވެސް ޖަލު ޙުކުމެއް ތަންފީޒު ކުރައްވަނީ އެވެ. މާޒީގެ ކަންތައްތައް ހަނދުމަފުޅު ނައްތާލައްވާފައި އެބޭފުޅުން ވަނީ ގައުމުގެ ފައިދާ އަށްޓަކައި މަސައްކަތް ފައްޓަވައިފަ އެވެ.

ރާއްޖެ އަކީ ކުޑަ ގައުމެކެވެ. އެހެން ނަމަވެސް ހަމަނުޖެހުންތައް ބޮޑު، ހަމަނުޖެހުންތައް ގިނަ ގައުމެކެވެ. ދުނިޔޭގެ ބާރު ގަދަ ބޮޑެތި ގައުމުތަކުން ސުލްހަ އަށްޓަކައި ޒާތީ ތައައްސަބުން އެއްކިބާވެ ތިބެ، ދުނިޔެ ހައިރާން ކުރަނިވި ފަދަ ފިޔަވަޅު އަޅާއިރު، ރާއްޖޭގެ އެތެރޭގެ ހަމަޖެހުމަށް ޓަކައި، ސުލްޙައިގެ ނުވަތަ އެއްބައިވަންތަކަމުގެ އަތެއް ދިއްކޮށްލި ކަމަށް ރާއްޖޭގެ ވެރިކަމުގެ ބާރުން ދުރުގައި ތިބޭ މީހުން ދެކޭނެ ފަދަ ފިޔަވަޅެއް އެޅެންވީ އެވެ.

ކުށް ކުރާ މީހުންނަށް އަދަބު ލިބެން ވާނެ އެވެ. އެހެން ނަމަވެސް އެ އަދަބު ލިބެން ވާނީ ކުށް ކުރި ކަން ޝަރީޢަތަށް ސާބިތު ވުމަށް ފަހު އެވެ. ކުށް ކުރި ކަމަށް ބަންދު ކުރެވުނަސް، ކުށް ޝަރީއަތަށް ސާބިތު ނުވާ ހާ ހިނދު އެ މީހަކު އެ ހުރީ ކުށެއްގެ އިލްޒާމްގައި ބަންދު ކުރެވިފަ އެވެ. އެމީހަކާ މެދު ކަންތައް ކުރެވެން ވާނީ ކުށަކަށް ހުކުމް ކުރެވިފައިވާ ފަރާތްތަކާ ތަފާތުކޮށެވެ. އަމުރުކުރާ ހިސާބުގައި މަސައްކަތް ކުރާ ބައެއް މީހުން ކަންކަން ނިންމުމުގައި ދެ ފެންވަރެއް ގެންގުޅެ އެވެ. ތިމާ އެހެން މީހުންނާ މެދު ލިޔެފައި އޮންނަ ޤާނޫނާ ޚިލާފަށް ކަންތައް ކުރާ އިރު ގިޔާމަތް ދުވަސް އަންނާނެ ކަން ތިމާ ހަނދާނެއް ނުހުރެ އެވެ. އެހެން މީހުން ތިމާއާ މެދު ތިމާ ދެކޭ ގޮތުގައި ގާނޫނާ ޚިލާފަށް ކަންތައް ކުރާ ކަމަށް ފެންނަ ފަހަރުގައި ގިޔާމަތް ދުވަސް އަންނާނެ ކަން އެމީހުންނަށް ހަނދާން ކޮށްދެ އެވެ.

ރާއްޖޭގެ ރައީސްކަން 30 އަހަރު ދުވަހު ކުރައްވާފައިވާ ބޭފުޅަކު ޖަލުގައި މަސްތަކެއް ހޭދަކުރައްވަމުން އެބަ ގެންދަވަ އެވެ. ބޮޑު ތުހުމަތެއްގަ އެވެ. އެމަނިކުފާނުގެ އުމުރުފުޅުން 80 ގެ އަހަރުތައް ގުނުއްވަން ފައްޓަވައިފި އެވެ. އެމަނިކުފާނުގެ މަދަނީ ހައްގެއް ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމަނިކުފާނުގެ ޕާޓީގެ މެންބަރުންގެ އަޣްލަބިއްޔަތު ބޭނުން ކޮށްގެން ގެއްލުވައިލައިފަ އެވެ. ގާނޫނުއަސާސީ އަށް އިސްލާޙެއް ގެނެސް ގެންނެވެ. ދުނިޔޭގައި، މިހާރު ވެސް ދައުލަތުގެ އެންމެ އިސް ވެރިންގެ ގޮތުގައި އުމުރުން 90 އަހަރުން މަތީގައި އުޅުއްވާ ދެ ބޭފުޅުން އެބަ ތިއްބެވި އެވެ. އުމުރުން 80 އަހަރުން މަތީގައި އުޅުއްވާ ފަސްވަރަކަށް ބޭފުޅުން އެބަ ތިއްބެވި އެވެ. ރައްޔިތުން ނިންމާ ނިންމުމުގައި އުމުރަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ވެސް ނިންމަން ވާނީ ރައްޔިތުންނެވެ.

އިލްމުވެރި ބޭފުޅަކު ވިދާޅުވި ފަދައިން ގިޔާމަތް ދުވަސް އަންނާނެކަން ހަނދާން ކުރަން ވާނެ އެވެ.

މިހާރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އޭޑީކޭ ހޮސްޕިޓަލުން މިދިޔަ ހުކުރު ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ.

މިހާރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އޭޑީކޭ ހޮސްޕިޓަލުން މިދިޔަ ހުކުރު ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ.

ޕީޕީއެމްގެ މެންބަރުން ޕާޓީގެ ރައީސަކަށް ހޮވާފައިވާ ކުރީގެ ރައީސް މައުމޫން ވަނީ ކޯޓުން ރައީސް ކަމުން ދުރުކުރުވައިފަ އެވެ. އަދި ވަރަށް ގާބިލް އެހެން ބޭފުޅަކަށް ރައީސްކަން ވަނީ ހަވާލުކޮށްފަ އެވެ. މިގޮތަށް ނިންމި ނިންމުގައި ވެސް ޕީޕީއެމް އިން އިންތިޚާބެއް ބާއްވައިގެން ރައީސަކު ހޮވުމަށް މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ. ކަންތައް ހިނގާފައި އޮތް ގޮތަށް ބަލާއިރު ޕީޕީއެމްގެ މިހާރުގެ ރައީސަކީ ކޯޓުން ޢައްޔަންކުރި ރައީސެކެވެ. މެންބަރުން ހޮވި ރައީސެއް ނޫނެވެ. ޕީޕީއެމްގެ ނައިބް ރައީސްކަން އަދާކުރައްވަނީ ވެސް ޕާޓީން ހޮވި ބޭފުޅެއް ނޫނެވެ. ޕާޓީގެ އިންތިޚާބާ ކުރިމަތިލުމުން ނާކާމިޔާބު ވެވަޑައިގެންނުވުމުން ޕާޓީން ވަކިވެވަޑައިގެންނެވުމުގެ ޚިޔާލެއް ގެންގުޅުއްވަނިކޮށް މެންބަރުން އިންތިޚާބު ކުރި ރައީސް ޕާޓީގެ ގަވައިދުން އޭނާ އަށް ލިބިދޭ ބާރުގެ ތެރެއިން، ޢައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. ވަރަށް ގާބިލް ބޭފުޅެކެވެ. ޚާއްސަކޮށް އޭނާ އެ ހިސާބަށް ގެންގޮސްދިން ފަރާތަށް ހުތުރު ބަހުރުވައިން މުޚާތަބު ކުރުމުގައި ދެވަނައެއް ނެތް ލާމަސީލު މިސާލެކެވެ.

ވަރަށް އިލްމުވެރި ބޭފުޅަކު ވިދާޅުވި ފަދައިން ގިޔާމަތް ދުވަސް އަންނާނެކަން ހަނދާން ކުރަން ވާނެ އެވެ.

ޕީޕީއެމް ވެރިކަމަށް ގެނައުމަށް އުމުރުން ދުވަސް ވެފައި ހުންނެވި ޕީޕީއެމްގެ އިންތިޚާބީ ރައީސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. ޕީޕީއެމް އަށް ތާއީދުކުރެއްވި ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ވިދާޅުވި ގޮތުގައި "ތިރީސް އަހަރު ވާންދެން ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އާދޭސްކުރައްވަން ފެށީމާ ތާއީދު ނުކޮށް ކީއްތޯ ކުރާނީ؟" އަޅުގަނޑު ގަބޫލުކުރަމެވެ. ސިޔާސީ މައިދާނުގައި "ނަމަކް ހަރާމް" އަކީ އޮންނަ އެއްޗަކަށް ނުވެދާނެ އެވެ.

ރަމަޟާން މަހުގައި އެންމެ ފުރަތަމަ އިހްޔާ ކުރުމުގެ ޖަލްސާތައް ބާއްވަން ފެއްޓެވީ ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވުމާ އެކު "މުލީއާގޭ" ގަ އެވެ. އަމިއްލަފުޅަށެވެ. އަހަރަކަށް ފަހު އަހަރަކު ޖަލްސާތައް ބޮޑުވަމުން ދިޔަ އެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅު ހުއްޓަވައެއް ނުލައްވަ އެވެ. ރައީސް ކަމުން ދުރުވެ ވަޑައިގެންނެވުމަށް ފަހު ވެސް އެ މަސައްކަތްޕުޅު ކުރިޔަށް ގެންދެވި އެވެ. ކުރިއަށް މި އޮތީ ރަމަޟާން މަހެވެ. މައުމޫން އުޅުއްވަނީ އާލާސްކަންފުޅާ އެވެ. އެހެން މީހުންގެ އެހީ އަށް ބޭނުންފުޅުވެ އެވެ. ނުރައްކާތެރި މުޖިރިމުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ވެސް ގޭގައި ބައިތިއްބައިގެން މައްސަލަތައް ކުރިޔަށް ގެންގޮސްފައިވެ އެވެ. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުގައި އެންމެ މި ޒަމާނުގެ އަޑުއެހުމުގެ ވަސީލަތްތައް ބައިވަރެވެ. މައުމޫން ގޭގައި ހުންނަވާ ތަނެއް "މެކްސިމަމް ސިކިއުރިޓީ" ޖަލަކަށް ނުހެދެން ވީ ކީއްވެތޯ އެވެ؟

ހަނދުމަފުޅު ބަހައްޓަވާށެވެ! ޖަލުގައި ހުންނަވަނިކޮށް ރައީސް މައުމޫނަށް ދެރަ ގޮތެއް ދިމާވެއްޖެ ނަމަ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އުމުރަށް އެކަމުގެ ހިތްދަތި ކަމާއި އުނދަގޫ އުފުއްލަވަން ޖެހޭނެ އެވެ. ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން "ކުށް" ކުރުމުން ބަންދުކޮށްގެން ގެންގުޅޭނެ ގޮތް އަޅުގަނޑުމެންގެ އެކުވެރި ގައުމެއް ކަމުގައިވާ އިންޑޮނޭޝިއާ އިން ދަސްކުރަމާތޯ އެވެ.

ވަރަށް އިލްމުވެރި ބޭފުޅަކު ވިދާޅުވި ފަދަ އިން ގިޔާމަތް ދުވަސް އަންނާނެ ކަން ހަނދާން ކުރަން ވާނެ އެވެ.