Roadha Mihaaru
ދަރުމަވަންތަ ހޮސްޕިޓަލުގެ ކުރެހުމަށް އެވޯޑެއް

ދަރުމަވަންތަ ހޮސްޕިޓަލްގެ ކުރެހުމަށް އެވޯޑެއް

13 މެއި 2018

ރާއްޖޭގެ އެންމެ އުސް އިމާރާތް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ކުރެހުމަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ އެންމެ އުސް އިމާރާތް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ކުރެހުމަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ހޮސްޕިޓަލް އިމާރާތް ކުރަމުން އަންނަ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނަށް އެ އެވޯޑު ލިބުނީ، މި ސަރަހައްދުގައި، އާއްމުންނާ ވީހާވެސް ގުޅުން ބޮޑު ގޮތަކަށް އިމާރާތްކޮށްފައިވާ ހޮސްޕިޓަލުގެ ގޮތުގަ އެވެ. އިނގިރޭސިވިލާތުގައި ބޭއްވި ރަސްމިއްޔާތުގައި، ޝެންހުއާއާ މިހާރު ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް ޑިޒައިންކޮށްފައި ވަނީ، ސިންގަޕޫރުގެ ވަރަށް ގިނަ ހޮސްޕިޓަލްތައް ބެލުމަށް ފަހު ދިވެހިންނާ އެންމެ ގުޅޭ ގޮތަށެވެ.

އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން މީގެ މަހެއްހާ ދުވަސް ކުރިން މި އެވޯޑާ ގުޅޭ ގޮތުން "މިހާރު" އަށް ވިދާޅުވީ 25 ބުރީގެ އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ އާއްމުންނަށް ކަމަށެވެ. ބޮޑުތަކުރުފާނު މަގުގައި އެ އިމާރާތުގެ މައި ގޭޓު ހުރި ނަމަވެސް ހުރިހާ ދިމާލަކުން ވެސް އިމާރާތަށް ފަސޭހަކަމާ އެކު ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ސެމިނާތައް ބޭއްވުމާއި ކުދިން ފޮތް ކިޔަން ތިބުން ފަދަ ކަންކަމަށް ގްރައުންޑް ފްލޯ ބޭނުންކުރެވެ އެވެ.

ދަރުމަަވަންތަ ހޮސްޕިޓަލްގެ އިމާރާތް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަރުމަަވަންތަ ހޮސްޕިޓަލްގެ އިމާރާތް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެއްވެސް ފާރެއް ނުހުންނާނެ، ހުރިހާ ދިމާލަކުން ވެސް އިމާރާތަށް ވަދެވޭ ގޮތަށް ހުންނާނީ. ރެސްޓްރިކްޝަންސް ހުންނާނީ ކްލިނިކަލް ފްލޯތަކަށް އެކަނި،" އޭނާ ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަށް އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލް ޖުލައި 26 ގައި ހުޅުވަން ވަނީ ނިންމައިފަ އެވެ. އެ އިމާރާތުގައި ފުރަތަމަ ހުޅުވާނީ ހަ ފްލޯ އެވެ.

އާ އިމާރާތް ހުޅުވާނީ، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓާ އެކުގަ އެވެ. އެއީ، އާއްމުންނަށް އެންމެ ބޭނުންވާ ޚިދުމަތްތަކެވެ. އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެ އިމާރާތުގަ އެވެ. ހިނގާ މަގަކުން، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅުވާލާފައިވާއިރު، ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ. އާ، އިމާރާތް ޑިޒައިންކޮށްފައި ވަނީ، އައިޖީއެމްއެޗުގެ އިމަޖެންސީ ފަރުވާ އިން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.