Roadha Mihaaru
25 ބުރީގެ އިމާރާތުގެ އަގާ މެދު ރައީސްގެ ރައްދެއް

އައިޖީއެމްއެޗުގެ އާ އިމާރާތުގެ އަގާ މެދު ރައީސް ރަައްދު ދެއްވައިފި

05 އެޕްރީލް 2017

އައިޖީއެމްއެޗްގައި އަލަށް ހަދާ 25 ބުރީގެ އިމާރާތް، އިދިކޮޅު ފަރާތްތަކުން ބުނާ ކަހަލަ ކުޑަ އަގެއްގައި ކުރެވޭ ނަމަ، ހަދިޔާއެއްގެ ގޮތުގައި 200 މިލިއަން ރުފިޔާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އައިޖީއެމްއެޗްގައި އަލަށް ހަދާ 25 ބުރީގެ އިމާރާތް، އިދިކޮޅު ފަރާތްތަކުން ބުނާ ކަހަލަ ކުޑަ އަގެއްގައި ކުރެވޭ ނަމަ، ހަދިޔާއެއްގެ ގޮތުގައި 200 މިލިއަން ރުފިޔާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ އަގު ބޮޑު އިމާރާތް، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑްކުރުމެއް ނެތި އެެވެ. އެކަމަކު އެ މުއާމަލާތުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ނިންމައިފަ އެވެ.

އެ އިމާރާތާ ބެހޭ ގޮތުން ރައީސް ޔާމީންގެ ސީދާ ބަސްފުޅެއް މިއައީ އިދިކޮޅު ފަރާތްތަކުން އެ މަޝްރޫއުގެ އަގާ މެދު ކިޔާ ފާޑުތަކަށް ނިސްބަތްކުރަައްވަ އެވެ. އެގޮތުން ދާދި ފަހުން އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތް 40 މިލިއަން ޑޮލަރަށް ހަދައިދޭނެ ކުންފުނިތައް ހުރި ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސްގެ ރޭގެ ވާހަކަފުޅުގައި ބޭނުންފުޅުކުރެއްވީ "40 މިލިއަން ރުފިޔާ" ކަމަށް ވިޔަސް، އިދިކޮޅު ފަރާތްތަކުން އެ އަދަދު ކިޔަނީ ޑޮލަރުންނެވެ.

ވެރިކަން ކުރާ ޕީޕީއެމާ އަލަށް ގުޅުނު މީހުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އެއްސެވީ އައިޖީއެމްއެޗްގެ އާ އިމާރާތް "40 މިލިއަން ރުފިޔާ" އަށް ހެދޭނީ ކިހިނެއްތޯ އެވެ. އަދި އެ އަގުގައި އެ ކަން ކުރެވޭ ނަމަ، ހަދިޔާއެއްގެ ގޮތުގައި 240 މިލިއަން ރުފިޔާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސާޅީސް މިލިއަން ރުފިޔާ [ޑޮލަރު] އަށް އެކަން ކުރެވޭ ކަމަށްވާ ނަމަ، 40 މިލިއަން ރުފިޔާ ދީފައި ހަދިޔާއެއްގެ ގޮތުގައި 200 މިލިއަން ރުފިޔާ ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތާ މެދު ސުވާލު އުފައްދާ މީހުން ނަގާ އެއް ޕޮއިންޓަކީ އެ މަޝްރޫއުއާ ބެހޭ ތަފްސީލުތައް ސަރުކާރުން ހާމަނުކުރުމެވެ. އެހާ ބޮޑު އަަގެއް އެދަނީ ހަމައެކަނި އިމާރާތް ހަދަންތޯ ނުުވަތަ މުޅި އިމާރާތަށް ބޭނުންވާ ސާމާނު ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭތޯ ބަލަން އެތައް ބަޔަކު ބޭނުންވެ އެވެ. ޚާއްސަކޮށް އައިޖީއެމްއެޗުގެ އިމާރާތަށް ވުރެ މާ ބޮޑު އަދި އެންމެ ޒަމާނީ ހުރިހާ ވަސީލަތަކާ އެކު ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނަމުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުން ބޮޑު ހޮސްޕިޓަލެއް އަމިއްލަ ބަޔަކު ނިންމާލާތީ ވެސް، އައިޖީއެމްއެޗުގެ މަޝްރޫއުގެ އަގާ މެދު އުފެދޭ ސުވާލުތައް އިދިކޮޅު ފަރާތްތަކަށް ބޮޑެވެ.

ރައީސް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގެ ފެންވަރު މަތިކުރަން ސަރުކާރުން ބޭނުންވެ އެވެ. އަދި އައިޖީއެމްއެޗްގެ އާ އިމާރަތް ނިމި، ހިދުމަތް ދޭން ފެށުމުން މި ސަރަހައްދުން ލިބެން އޮތް ރަނގަޅު ބޭސްފަރުވާ ކަށަވަރުވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން، އައިޖީއެމްއެޗްގެ ފެންވަރު މަތިކުރަން ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، އައިޖީއެމްއެޗްގެ ފެންވަރު މަތިކުރަން ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

"މީގެ ކުރިން ކުރެވެން ނެތް އެތައް ކަމަކަށް ދިވެހި ދައުލަތުން ހޭދަކޮށްގެން ލާޒިމް ކަމެއް ކުރާތީ އެކަމަށް ފާޑު ކިޔާ ނަމަ، އެކަމުގެ އަސާސެއް، ދަލީލެއް އޮންނަން ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު ވެސް އައިޖީއެމްއެޗުން ހިތުގެ ބަލިތަކަށް ފަރުވާ ކުރެވެ އެވެ. ފާޓިލިޓީޒް ސެންޓަރުތައް ހިންގައި ކެންސަރަށް ފަރުވާ ކުރެވެ އެވެ. ދަރިމައިވަންތަ ސިއްހަތާ ގުޅޭ ހުރިހާ ކަމަކާއި އެމްއާރުއައި ސްކޭންތައް ކުރެވެމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އުޅެނީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަން ދައްކަން ކަމަށެވެ. ނަމަވެސް އެ މައްސަލަ އޭސީސީން ބަލާފައި ފޮނުވި ސިޓީ ރައީސް އޮފީހުގައި އޮތް ކަމަށާއި އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް ޖާގައެއް އޮތް ކަމަށް އެ ކޮމިޝަނުން ގަބޫލުނުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަނޭ ކިޔާފައި ވާހަކަ ދައްކާއިރު، 500 ރުފިޔާ ސަލާމަތް ކުރާކަށް އަޅުގަނޑު ދެ މަސް ދުވަހަކަށް ނުހުންނާނަން ތަނެއްގެ ވަށާފާރު ނުރާނައެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަޝްރޫއުތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު، ކޮރަޕްޝަންގެ މައްސަލައެއް ހިނގާ ނަމަ އެކަން ބަލަން ތިބި ބަޔަކު އެކަން ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދަނީ ޝެޑިއުލަށް ވުރެ ބާރަށް ކަމަށާއި އަންނަ އަހަރުގެ މެދުތެރޭގައި އެތަނުގެ ބޭނުން ކުރަން ފެށޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.