Roadha Mihaaru
ވެލެންސިއާ އަތުން އީގަލްސް އަށް ތަފާތު ބޮޑު މޮޅެއް

ވެލެންސިއާ އަތުން އީގަލްސް އަށް ތަފާތު ބޮޑު މޮޅެއް

12 މެއި 2018

ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯގެ ހެޓްރިކާ އެކު ކްލަބް ވެލެންސިއާ އަތުން 6-1 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލިއިރު ވެލެންސިއާ ހާސްކަމުގެ ތެރޭގައި އިތުރު މެޗެއް ނިންމާލަން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯގެ ހެޓްރިކާ އެކު ކްލަބް ވެލެންސިއާ އަތުން 6-1 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލިއިރު ވެލެންސިއާ ހާސްކަމުގެ ތެރޭގައި އިތުރު މެޗެއް ނިންމާލަން ޖެހިއްޖެ އެވެ.

ކުރިން ފަސް ވަނައިގައި އޮތް އީގަލްސް އިން 15 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނަ އަށް މިވަނީ އަރައިފަ އެވެ. އެކަަމަކު މިރޭ މާޒިޔާ އަތުން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ ނަމަ އީގަލްސް ހަތަރަކަށް ވެއްޓިދާނެ އެވެ. ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ދެ ވަނަ ބުރު ނިމޭއިރު ގަދަ ހަޔެއްގައި އޮންނަ ޓީމުތަކަށެވެ. ދެ ވަނަ ބުރުގެ ދެ ވަނަ މެޗު ނިމުނުއިރު ވެސް ވެލެންސިއާ އޮތީ މޮޅެއް ނުލިބި، އެންމެ ޕޮއިންޓަކާ އެކު ފުލުގަ އެވެ.

"ހުރިހާ މެޗެއް ވެސް ނެގޭތޯ ސީރިއަސްކޮށް ވާހަކަ ދައްކައިގެން މި ނުކުންނަނީ. އެކަމަކު އަދި މިއުޅެނީ މިކަން ވާނެ ގޮތެއް ނުފެނިގެން،" ވެލެންސިއާގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުންޏެވެ. "ވެލެންސިއާގައި ނެތް ޓޮޕް ކުޅުންތެރިޔެއް. މި ލެވެލްގައި ވާދަކުރާއިރު ލީޑު ކުރާނެ ކުޅުންތެރިންތަކެއް ނެތި އުނދަގޫވާނެ."

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއަދު ލިބުނީ ފުރިހަމަ މޮޅެއް ކަމަށެވެ. އޭނާ ބުނީ ނަތީޖާ އާއި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދެވުމަކީ ވެސް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

"ބައިކޮޅަށް ވަން ގޯލް ފިޔަވައި އެހެން ހުރިހާ ކަމެއް ދިޔައީ ޕޮޒިޓިވްކޮށް،" މޯހަން ބުންޏެވެ.

މިއަދުގެ މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ކުރި ހޯދައިފަ އެވެ. މި ގޯލް ޖެހީ ހަސަން ރާއިފް (ހަންނަ) އެވެ. އޭގެ ފަހުން 20 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރަން ވެލެންސިއާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ދެ ކުޅުންތެރިން ކައިރިން ދެމި ގަނެ އަންސަރު އިބްރާހިމް (އަންކޮ) އޭރިއާ ތެރެއަށް ނެގި ހުރަސް އަހުމަދު ނައުފަލް ކޮންޓްރޯލް ކޮށްލުމަށް ފަހު ޖެހުމުން އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ މަތަކުރި އެވެ.

މެޗުގެ 25 ވަނަ މިނެޓުގައި އީގަލްސް އިން ތަފާތު ބޮޑުކޮށްލި އެވެ. އެޑުއާޑޯ ދިން ބޯޅައަކުން މި ގޯލް ޖެހީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އޭގެ ތިން މިނެޓު ފަހުން ރިޒޭ ވަނީ އީގަލްސްގެ ތިން ވަނަ ގޯލް ޖަހައިދީފަ އެވެ. ގޯލްކުރިމަތިން ހުހަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އީގަލްސް އަށް ތަފާތު ބޮޑުކޮށްލަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ރިޒޭ ދިން ބޯޅަ ހުހަށް ހުރި މުހައްމަދު ނާއިމް ޖެހުމުން އަމާޒުވީ ދަނޑި އަށެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު 56 ވަނަ މިނެޓުގައި ވެލެންސިއާގެ އަންކޮ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ ހުހަށް ހުރެ ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު އަތަށެވެ. އޭގެ ތިން މިނެޓު ފަހުން ހަންނަ ދިން ބޯޅައަކުން އެޑުއާގޯ ގޯލް ޖަހައި ނަތީޖާ 4-0 އަށް ބަދަލުކުރި އެވެ. އަދި އެޑުއާޑޯ ވަނީ އިތުރު ދެ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ވެލެންސިއާގެ ހަމައެކަނި ގޯލް 85 ވަނަ މިނެޓުގައި ވައްދާލީ ވަލޭރީ އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ އޭނާ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.