Roadha Mihaaru
ކޮރަޕްޝަނާ މެލޭޝިއާ ދެކޮޅު، ދިވެހިން ވެސް އެގޮތުގައި

ކޮރަޕްޝަނަށް މެލޭޝިއާ ނޫނެކޭ ބުނެފި، ދިވެހިން ވެސް އެ ގޮތުގައި: އިދިކޮޅު

10 މެއި 2018

މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިހާބުގައި، ކޮރަޕްޝަނާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ނޫނެކޭ ބުނި ގޮތަށް، މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ދިވެހިން ވެެސް ނޫނެކޭ ބުނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިހާބުގައި، ކޮރަޕްޝަނާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ނޫނެކޭ ބުނި ގޮތަށް، މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ދިވެހިން ވެެސް ނޫނެކޭ ބުނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

މެލޭޝިއާގެ އިންތިހާބުގައި، ބޮޑުވަޒީރު ނަޖީބު ރައްޒާގާ ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވީ، 22 އަހަރު ވެރިކަން ކުރެއްވުމަށް ފަހު 2003 ގައި ރިޓަޔާ ކުރެއްވި ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދެވެ.

ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ޕާޓީ ދޫކޮށްލައްވައި އިދިކޮޅު ކޯލިޝަނުން އިންތިހާބަށް ނިކުމެވަޑައިގަތް މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓްގެ 121 ގޮނޑި ކާމިޔާބުކޮށް ސާފު އަޣުލަބިއްޔަތު ހޯދައިފަ އެވެ. އުމުރުފުޅުން 92 އަހަރުގެ މަހާތީރާއި އިދިކޮޅު ކޯލިޝަނުގެ މި ކާމިޔާބީއާ އެކު، ބަރިސަން ނޭސަނަލް (ބީއެން) ޕާޓީން ދަމަހައްޓަމުން އައި 61 އަހަރުގެ ވެރިކަން ނިމުމަކަށް އައީ އެވެ.

މަހާތީރުގެ ކާމިޔާބީ އަށް މަރުހަބާ ކިޔައި، އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި މެލޭޝިއާގެ އިންތިހާބަކީ ރާއްޖެ އަށް އިބްރަތްތަކެއް ލިބިދޭ ފިލާވަޅެކެވެ. ބޮޑުވަޒީރުގެ ކޮރަޕްޝަނާ ދެކޮޅު ހަދައި، ނާއިންސާފުގެ މައްޗަށް ރައްޔިތުން ކުރި ހޯދާފައިވާ އިރު، ކުރިއަށް އޮތް އިންތިހާބުގައި ރާއްޖޭގައި ވެސް އެކަން ތަކުރާރުވާނެ ކަމަށް އިދިކޮޅުން ބުންޏެވެ.

"ކޮރަޕްޝަނާ ދެކޮޅު ހަދައި، ކޮރަޕްޓް ވެރިޔާ ބަދަލުކުރީ ރައްޔިތުންގެ ވޯޓުން. [އިންތިހާބުން ބަލިވި] ބޮޑުވަޒީރު ނަޖީބްއާ، ރައީސް އަބްދުﷲ ޔާމީނާ ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި. ކޮރަޕްޝަންގެ ކަންކަން މި ސަރުކާރުގައި ވެސް އިންތިހާ. ކަށަވަރުވާ ކަމަކީ، ރިޔާސީ އިންތިހާބުގައި ބޮޑުތަނުން ރައީސް ޔާމީން ބަލި ކުރާނެކަން،" އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި އެވެ.

މެލޭޝިއާގެ އިންތިހާބު، ރާއްޖެއާ ގުޅުވައި މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓުވީޓެއް.

މެލޭޝިއާގެ އިންތިހާބުގައި އެ ގައުމުގެ ރައްޔިތުން ދެއްކި މިސާލު، މިއަހަރުގެ ރިއާސީ އިންތިހާބުގައި ދިވެހިން ވެސް ދައްކާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

މަހާތީރު 1981 އިން 2003 އަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު މަގާމު ދޫކޮށްލެއްވީ އަމިއްލަފުޅަށެވެ. ނަމަވެސް އަލުން ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ ޕާޓީ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބޮޑުވުމުން، ގައުމުގެ ޝަރަފު އަލުން ހޯދަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން، މަހާތީރު ސިފަކުރައްވަނީ، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެއްފަދަ ބޭފުޅެއްގެ ގޮތުގަ އެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް ކަމުގައި ހުންނަވައި، ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ނިކުންނަވައި އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތްޕުޅު ކުރައްވަން ފެއްޓެވީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން މައްސަލަތައް ބޮޑުވެ ހައްލެއް ނުލިބުމުންނެވެ.

އިދިކޮޅު ފަރާތްތަކާ އެކު މައުމޫންގެ އެ މަސައްކަތްޕުޅުގެ މަގްސަދަކީ ވެރިކަން ބަދަލުކުރުން ކަމަށް ތުހުމަތުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މައުމޫން ހައްޔަރު ކުރުމަށް ފަހު، މިހާރު އެ މަނިކުފާނު ހުންނެވީ ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.

މަހާތީރަށް މަރުހަބާ ދަންނަވައި، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ ކުރެއްވި ޓުވީޓެއް.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނާއި ނަޖީބަކީ ވަރަށް އެއްވައްތަރު ސިފަތަކެއް ހުންނެވި، އެއްގޮތަކަށް ސަރުކާރު ހިންގަވާ ދެ ބޭފުޅުން ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރި މަސައްކަތްތަކަށް މެލޭޝިއާގެ ރައްޔިތުންނަށް ކާމިޔާބު ލިބިފައިވާ ކަމަށާއި އެ އިންތިހާބުގައި ކަން ހިނގައިދިޔަ ގޮތާ މެދު ދިވެހިން ފުންކޮށް ވިސްނައި ފިލާވަޅު ލިބިގަތުން މުހިއްމު ކަމަށް ހަސަން ވިދާޅުވި އެވެ.

މެލޭޝިއާގެ މައްސަލަތަކާއި އިންތިހާބާއި ޚުދުމުހުތާރު ވެރިޔާ ބަދަލުކުރި ގޮތް ވެސް، ހަސަން ވިދާޅުވި ގޮތުގައި، ދިވެހިން ދަސްކުރަން ޖެހެ އެވެ. ރައީސް ޔާމީންގެ މައްޗަށް ދިވެހިން ކުރި ހޯދާނެ ކަމަށާއި ރައީސް ޔާމީން އެކަން ދެނެވަޑައިގަންނަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި ގޮތުގައި މެލޭޝިއާގެ އިންތިހާބުން ދިވެހި ސިފައިންނާއި ފުލުހުން އަދި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ފަނޑިޔާރުން ލިބިގަންނަންވީ ފިލާވަޅަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރުމަކީ އެންމެ މޮޅު އަދި އެންމެ ރަނގަޅު ގޮތް ކަމެވެ. އެހެންކަމުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހިންގެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބުން ބަލިވި ނަޖީބަށް، ސިޔާސީ ގޮތުން ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށް ވީ އިންވެސްޓްމަންޓް ބޭންކް 1އެމްބީޑީގެ ބޮޑު ކޮރަޕްޝަނެވެ. އެ ބޭންކުގައި އޮންނަ، ނަޖީބުގެ އަމިއްލަފުޅު އެކައުންޓަކަށް 700 މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. އެ ފައިސާގެ މައްސަލަ ބޮޑުވުމުން ނަޖީބް ވިދާޅުވެފައި ވަނީ އެއީ ސައުދީ އަރަބިއްޔާ އިން ދިން ހަދިޔާއެއް ކަމަށެވެ. އަދި ސައޫދީން ވެސް ފަހުން ވަނީ އެ ކަމަށް އެއްބަސްވެފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ އިރު، އެ މަނިކުފާނަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ފާޑުކިއުމަކީ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކާއި އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލަ އެވެ.