Roadha Mihaaru
ރިސޯޓުގެ ފަޅުތެރޭގައި ވެސް ރިސޯޓް ހެދުމުގެ ފުރުސަތު!

ރިސޯޓްގެ ފަޅުތެރެއިން ވެސް ވަކި ރިސޯޓްތައް ހަދަން ފުރުސަތު ދެނީ

08 މެއި 2018

ރިސޯޓްތަކުގެ ފަޅު ހިއްކައިގެން އެތަންތަނުގައި ވެސް ވަކިވަކި ރިސޯޓް ހެދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރިސޯޓްތަކުގެ ފަޅު ހިއްކައިގެން އެތަންތަނުގައި ވެސް ވަކިވަކި ރިސޯޓް ހެދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އުސޫލުގައިވާ ގޮތުން މިހާރު ހިންގާ ރިސޯޓުތަކުގެ ފަޅު ހިއްކައިގެން އާ ރިސޯޓެއް ހަދަން ހުއްދަދޭނީ އެކުއިޒިޝަން ކޮސްޓެއް ދައުލަތަށް ދައްކައިގެންނެވެ. އެގޮތުން ހެކްޓަރަކަށް 150،000 ޑޮލަރާއި 600،000 ޑޮލަރާ ދެމެދުގެ އަގެއް ދައްކަން ޖެހޭނެ އެވެ. މިއީ ރިސޯޓުތައް ތަރައްގީކުރަން ދޫކުރާ ރަށްތަކާއި ފަޅުތަކުން މިހާރު ވެސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ނަގާ މިންވަރެވެ.

އާ އުސޫލްގައިވާ ގޮތުން އެންމެ ބޮޑު އަދަދެއް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހެނީ މާލެ އަތޮޅުން ހިއްކާ ތަންތަނަށެވެ. އެންމެ ކުޑަ އަދަދެއް ނަގަނީ އެންމެ އުތުރުގެ ތިން އަތޮޅާއި އެންމެ ދެކުނު ހަތަރު އަތޮޅުން ހިއްކާ ތަންތަނަށެވެ.

އެ އުސޫލްގައި ބުނެފައި ވަނީ އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގައި ސައިޒު ބަލާނީ ވަކިން ކުއްޔަށް ދޭ ސަރަހައްދާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ފާސްކޮށްފައިވާ ކޮންސެޕްޓްގައި ބަޔާންކޮށްފައިވާ ސައިޒަށް ކަމަށެވެ. އަދި ވަކިން ކުއްޔަށްދޭ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކޮށްފައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެއްފަހަރާ ދައްކަން އެންގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ވެސް އުސޫލުގައިވެ އެވެ.

ވަކިން ކުއްޔަށްދޭ ސަރަހައްދު ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު ކުލީގެ އާ އެއްބަސްވުމެއްގައި، މީރާއަށް ފައިސާ ދެއްކުމަށް ފަހު، ސޮއިކުރަން ޖެހެ އެވެ.

ވަކިން ހިއްކާ ތަން ތަރައްގީކޮށް ހިންގާނީ ވަކި ރިސޯޓެއްގެ ގޮތުގައި ކަމެއް ނުވަތަ އެ ރިސޯޓާ ގުޅިފައިވާ ތަނެއްގެ ގޮތުގައި ކަމެއް އުސޫލުގައި ބުނެފައެއް ނުވެ އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފަދަ ތަންތަން ހިންގާނީ ވަކި ރިސޯޓެއްގެ ގޮތުގަ އެވެ.