Roadha Mihaaru
ޖިންސީ ގުޅުމުން ވެސް ޑެންގީ ފެތުރިދާނެ

ޖިންސީ ގުޅުމުން ވެސް ޑެންގީ ފެތުރިދާނެ

07 މެއި 2018

ތައިލެންޑަށް ދިޔަ އިޓަލީ ފިރިހެނަކަށް ޑެންގީ ހުން ޖެހި ރަނގަޅުވި ފަހުން ވެސް އޭނާގެ ޖިންސީ ދިޔައިން ޑެންގީގެ ވައިރަސް ފެނިއްޖެ އެވެ.

ތައިލެންޑަށް ދިޔަ އިޓަލީ ފިރިހެނަކަށް ޑެންގީ ހުން ޖެހި ރަނގަޅުވި ފަހުން ވެސް އޭނާގެ ޖިންސީ ދިޔައިން ޑެންގީގެ ވައިރަސް ފެނިއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ނެޝަނަލް އިންސްޓްޓިއުޓް ފޯ އިންފެކްޝަސް ޑިޒީޒަސް (އައިއެންއެމްއައި) ގެ ދިރާސާއަކުން މިކަން އެނގުމާ އެކު، ޒިކާ ވައިރަސް ފަދައިން ޑެންގީ ވައިރަސް ވެސް ޖިންސީ ގުޅުމުގެ ތެރެއިން ފެތުރިދާނެ ކަމުގެ އިންޒާރު ވަނީ ލިބިފަ އެވެ.

ޒިކާ ވެސް ޖެހެނީ ޑެންގީ ޖައްސާ މަދިރީގެ ސަބަބުންނެވެ. އަދި ޒިކާގެ ވައިރަސް ޖިންސީ ގުޅުމުން ފެތުރޭކަން ކުރިން ވެސް ވަނީ ހޯދިފަ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ދަރިފުޅު އައިބުވެ ސިއްހީ އެކި މައްސަލަތަކާ ކުރިމަތިވެ އެވެ.

ޔޫރޯސަވައިލަންސްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ އިނގިރޭސި ވިލާތުގެ އެކްޕްރެސް ނޫހުން ބުނީ މިއީ ފިރިހެނެއްގެ ޖިންސީ ދިޔައިން ޑެންގީގެ ވައިރަސް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި ވައިރަސް ފެނުނީ ޑެންގީ ޖެހި ރަނގަޅުވި ފަހުން ކުރި ޓެކްސްޓްތަކުން ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 50 އަހަރުގެ މީހާގެ ގައިން ޑެންގީ ވައިރަސް ފެނުނީ ބަލީގެ އަލާމާތްތައް ފުރަތަމަ ފެނުނުތާ 37 ދުވަސް ފަހުން ކަމަށެވެ. ނަމަވެސް ދިރާސާގައި ބުނީ މިކަން އަދި އިތުރަށް ހޯދައި ބަލަންޖެހޭ ކަމަށާއި މިފަދަ ކަމެއް މީގެ ކުރިން ފާހަގަވެފައި ނެތް ކަމަށެވެ.

ޑެންގީ އަކީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކެވެ. މި ބަލިން ސަލާމަތްވުމަށް އޮތް ގޮތަކީ މަދިރި މަދުކޮށް މަދިރީގެ ކިބައިން ސަލާމަތްވެ ތިބުމެވެ.