Roadha Mihaaru
ހުޅުމާލޭގައި މަދިރި ގިނަވެ، އުޅެން އުނދަގޫވެއްޖެ!

ހުޅުމާލޭގައި މަދިރި ގިނަވެ، އުޅެން އުނދަގޫވެއްޖެ!

26 މާޗް 2018

ހުޅުމާލޭގައި އާދަޔާ ހިލާފަށް މަދިރި ގިނަވެ، އާންމުންނަށް އުޅެން އުނދަގޫވުމާ ގުޅިގެން މަދިރި ނައްތާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި އާދަޔާ ހިލާފަށް މަދިރި ގިނަވެ، އާންމުންނަށް އުޅެން އުނދަގޫވުމާ ގުޅިގެން މަދިރި ނައްތާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

ބައި ލައްކަ އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ހުޅުމާލޭގައި އިމާރާތްތައް ހެދުމަށް ކޮނެފައިވާ ވަޅުގަނޑުތަކުގައި ފެން ހެދުމާ ގުޅިގެން މަދިރީގެ "ކިއްލާ" އަކަށް އެ ތަންތަން ވަނީ ބަދަލުވެފަ އެވެ. އަދި މަދިރީގެ އުނދަގުލާ ހެދި ހުޅުމާލޭގައި ދިރިއުޅޭ އާންމުން ޝަކުވާ ކުރާތާ ދުވަސްތަކެއްވެއްޖެ އެވެ.

ހުޅުމާލޭގައި ދިރިއުޅޭތާ 14 އަހަރުވެފައިވާ އަހުމަދު ޝަމްއޫން ބުނީ އެ ރަށުގައި މަދިރި ގިނަވީ، ބަލަންވާ ވަރަށް ނުބެލި، އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމުން ކަމަށެވެ. އަދި ހުޅުމާލޭގައި އިމާރާތްކުރާ ތަންތަނުގެ 70 ޕަސަންޓް ތަންތަނުގައި ފެން ހެދި މަދިރި އާލާވަމުންދާ ކަމަށް ވެސް ޝަމްއޫން ބުންޏެވެ.

ހުޅުމާލޭގައި މަދިރި އާލާވާ ތަންތަނަށް ބޭސް ޖަހައި، މަދިރި ފަނިތައް މަރަނީ. - ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި މަދިރި އާލާވާ ތަންތަނަށް ބޭސް ޖަހައި، މަދިރި ފަނިތައް މަރަނީ. - ފޮޓޯ: އެޗްޑީސީ

"ވިއްސާރަވެގެން ދިމާވާ ކަމެއް ނޫން. ކޮންސްޓްރަކްޝަން ސައިޓްތައް ހުޅުމާލޭގައި ގިނަވެފައި. އެ ތަންތަނުގައި ފެން ނުހިނދި ގިނަ ދުވަސްތަކެއް ވާތީ މަދިރި އުފެދެނީ،" ޝަމްއޫން ބުންޏެވެ.

ޝަމްއޫން ބުނި ގޮތުގައި އާންމު ގޮތެއްގައި މަދިރީގެ އުނދަގޫ ޖެހެނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގަ އެވެ. މަދިރީގެ އުނދަގުލާ ހެދި ގޭގައި ވެސް އުޅެން އުނދަގޫވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހަވީރުން ފެށިގެން، އަނެއް ދުވަހު އިރު އަރަންދެން، ގޭގެ ދޮރުތައް ލައްޕައިގެން ތިބެން މި ޖެހެނީ. ގޭގެ ދޮރުތައް ނުލައްޕައިފި ނަމަ، މަދިރީގެ އުނދަގޫ އިންތިހާ އަށް ބޮޑުވޭ،" ހުޅުމާލޭގައި އެންމެ ފުރަތަމަ އާބާދުވި މީހުންގެ ތެރޭގައި ހިމެނޭ ޝަމްއޫން ބުންޏެވެ.

ހުޅުމާލޭގައި މަދިރި އާލާވާ ތަންތަނަށް ބޭސް ޖަހައި، މަދިރި ފަނިތައް މަރަނީ. - ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި މަދިރި އާލާވާ ތަންތަނަށް ބޭސް ޖަހައި، މަދިރި ފަނިތައް މަރަނީ. - ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ ހުޅުމާލޭގައި އާދަޔާ ހިލާފަށް މަދިރި އާލާވަމުންދާތީވެ، އެކަން ހުއްޓުވުމަށް އެ ތަނުގެ މުވައްޒަފުން މަދިރި ފަނި ނައްތައިލަން ބޭސް ބޭނުން ކުރަމުންދާ ކަމަށެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ވަސީލަތްތަކުގެ އެހީގައި އެކިއެކި ތަންތަނަށް ޒިޔާރަތްކޮށް، މަދިރި ފަނި އުފެދޭ ފެންގަނޑުތަކަށް ބޭސް އަޅަމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ އެހެން މީހަކު ބުނި ގޮތުގައި މަދިރި ބޭސް ބޭނުންކޮށްގެން މަދިރި މަދު ކުރެވިދާނެ ކަމަކަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި އެކަން ހައްލުވާން އޮތީ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުންނަ ފެންގަނޑުގެ މަތީ ފަށަލަ އަށް ތެޔޮ އެޅުން ނުވަތަ ފެން ހިންދައިގެން ކަމަށް އޭނާ ބުންޏެވެ.

މަދިރިން ޖެހޭ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ޑެންގީ ހުމާއި މެލޭރިއާ އާއި ޒިކާ ވައިރަސް ފަދަ ބަލިތައް ހިމެނެ އެވެ. ޑެންގީ ހުން ޖެހިގެން ގިނަ ދިވެހިން މަރުވާ އިރު، އެޗްޕީއޭ އިން ދޭތެރެ ދޭތެރެ އިން ދަނީ މަދިރި ކޮންޓްރޯލް ކުރުމަށް، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި މަދިިރި ހެފުމުން ރައްކާތެރިވުމަށް ރިޕެލެންޓު ބޭނުންކޮށް، ދޫކޮށް އަދި މުޅި ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމަށް އިރުޝާދު ދެ އެވެ.