Roadha Mihaaru
މައުމޫންގެ ހާލުކޮޅު ރަނގަޅެއް ނޫން: އާއިލާ

މައުމޫންގެ ހާލުކޮޅު ރަނގަޅެއް ނޫން: އާއިލާ

02 މެއި 2018

ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށް އެމަނިކުފާނުގެ އާއިލާއިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށް އެމަނިކުފާނުގެ އާއިލާއިން މިއަދު ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައުމޫންގެ ދަރިކަނބަލުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅުގެ ހާލުކޮޅު މިއަދު ރަނގަޅު ނޫން ކަމަށް މަންމާފުޅު ނަސްރީނާ އިބްރާހިމް ވިދާޅުވެފައިވާ ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެކަމަކު މައުމޫނަށް ދިމާވީ ސިއްހީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޔުމްނާގެ ޓްވީޓް

މައުމޫން ވަނީ އެމަނިކުފާނުގެ ބަލި ހާލަތަށް ރިއާޔަތްކޮށް، އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދޭން ކޯޓުގައި ކުރިން އެދިވަޑައިގެންފަ އެވެ. އެކަމަކު މައްސަލަ ގާޒީ ވިދާޅުވެފައިވަނީ މައުމޫން ބަންދުގައި ހުންނަވަނީ ބަންދުގައި ތިބޭ އެހެން މީހުންނާ ތަފާތުކޮށް، ޚާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށާއި އެގޮތުން އެމަނިކުފާނުގެ ފަރިއްކޮޅާއި ގޮޅިން ބޭޭރަށް ނިކުމެވަޑައިގަތުމުގެ އިންތިޒާމް ވެސް ޚާއްސަ ގޮތަކަށް ހަމަޖެހިފައި ހުންނަ ކަމަށެވެ. އަދި މިވަގުތު މައުމޫންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދެވަނަ އަޑުއެހުން މާދަމާ ހެނދުނު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.