Roadha Mihaaru
ބައްޕަ ސަލާމަތްކޮށްދޭން ދުންޔާ އިންޑިއާގެ އެހީއަށް

ބައްޕަ އާއި އާއިލާ ސަލާމަތް ކޮށްދިނުން އެދިވަޑައިގެން ދުންޔާ އިންޑިޔާގެ އެހީ އަށް

01 މެއި 2018

ޖަލުގައި ހައްޔަރުކޮށްފައިވާ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އާއިލާގެ އެހެން ބޭފުޅުން ސަލާމަތްކޮށްދިނުމަށް ދުންޔާ މައުމޫން އިންޑިއާގެ އެހީ އަށް އެދިވަޑައިގެންފި އެވެ.

ޖަލުގައި ހައްޔަރުކޮށްފައިވާ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އާއިލާގެ އެހެން ބޭފުޅުން ސަލާމަތްކޮށްދިނުމަށް ދުންޔާ މައުމޫން އިންޑިއާގެ އެހީ އަށް އެދިވަޑައިގެންފި އެވެ.

މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު އެކަމަށް އެެދިވަޑައިގަތީ މިހާރު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުގައި ޑެކަން ކްރޮނިކަލް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ދުންޔާ ވިދާޅުވީ ރާއްޖެއިން ޑިމޮކްރަސީ ނެތިގެން ހިނގައިދާނެކަމުގެ ތަޖުރިބާކުރެވެމުން ދާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ދިމާވާނެ ހާލަތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭނުން ޖެހޭ ވަގުތުތަކުގައި ރައްޓެހިގެން އެހީތެރިކަން ބޭނުންވާނެ. އިންޑިއާ އަޅުގަނޑުމެންނާ އެކީ އޮތުމަކީ މުހިންމު ކަމެއް، އެކަން ފެންނަމުންދޭ. ރާއްޖެ އާއި ދިވެހިން ބޭނުންވޭ އިންޑިއާގެ އެހީތެރިކަން ލިބެން އޮތް ކޮންމެ ގޮތަކަށް ވެސް. އެކަމަކު ލަފާދިނުމުގެ ރޯލެއް އަދާކުރަން ބޭނުންވަނީ،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއިލާގެ ދެ ފަރާތުން ވެސް ޒާތީ ކަންކަން އެއްކިބާކުރުމަށްފަހު ގައުމުގެ މަސްލަހަތަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ މިހާލަތުން އަރައިގަނެ ޑިމޮކްރަސީ ދަމަހައްޓަައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން މަސައްކަތްކުރަން. އދ. އާއި އިންޑިއާގެ ފަރުދީ ޒިންމާއެއް އަޅުގަނޑުމެންނަށް މިކަންކަން ހާސިލްކުރުމަށް މަސައްކަތްކޮށްދިނުމަކީ،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވަނީ ބައްޕާފުޅު ޖަލުގައި ބަންދުކޮށްފައި ބަހައްޓާއިރު އެމަނިކުފާނުގެ އުމުރުފުޅާއި ހާލަތަށް ރިއާޔަތްކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އިންސާނިއްޔަތަށްޓަކައި ނަމަވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަން ހުއްދަ ދޭން ޖެހޭ. އެމަނިކުފާނުގެ ފަރާތުން މުޖުތަމައަށް އެއްވެސް ނުރައްކަލެއް ނޯންނާނެ. އެމަނިކުފާނު ގައުމަށް ކޮށްދެއްވި ހިދުމަތްތަކަށް ރިއާޔަތްކުރަން ޖެހޭނެ،" ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްޕާފުޅުގެ އިތުރުން ކޮއްކޯފުޅު ފާރިސް މައުމޫނާއި ޔުމްނާގެ ފިރިކަލުން އަހުމަދު ނަދީމް ޖަލުގައި ހައްޔަރުކޮށްފައިވާ މި ދަނޑިވަޅަކީ އާއިލާއަށް ވަރަށް ހިތްދަތި ވަގުތެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ބައްޕައަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށް. އަދި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް. ހަމައެގޮތަށް ކޮއްކޮ އާއި ޅިޔަނު ވެސް ނުކުރާނެ،" ދުންޔާ ވިދާޅުވި އެވެ.