30 އެޕްރީލް 2018
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އަމުރެއް އޮއްވައި، އެ އަމުރު ބޮލާލައިިޖަހައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމުގެ ގާނޫނީ ހައިސިއްޔަތެއް އިލެކްޝަންސް ކޮމިޝަނަށް ނެތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އަމުރެއް އޮއްވައި، އެ އަމުރު ބޮލާލައިިޖަހައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމުގެ ގާނޫނީ ހައިސިއްޔަތެއް އިލެކްޝަންސް ކޮމިޝަނަށް ނެތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރަކު އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ކަނޑައެޅުމުން، މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސުން ވަނީ ނިންމައިފަ އެވެ. އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ވެސް އެ ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
އެންޓި ޑިފެކްޝަން ގާނޫނު، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައިދޭން އިދިކޮޅު ޕާޓީތަކުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ކުރީ، އެ ގާނޫނު ބާތިލު ކުރެވެން ނެތް ކަމަށާއި އެއީ ސައްހަ ގާނޫނެއް ކަމަށެވެ.
އިދިކޮޅު ޕާޓީތަކުގެ ފަރާތުން މި މައްސަލައިގައި އިސްކޮށް އުޅުއްވާ އެއް ވަކީލު، ޖުމްހޫރީ ޕާޓީގެ އިސް މެމްބަރު އަލީ ހުސެއިން ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިއިރު، މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެ މައްސަލައިގައި ގޮތެއް ކަނޑައަޅަނީ އެ ކޯޓުން ކަމަށް ބުނެފައި ވަނިކޮށް، މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނަކަށް ނުނިންމޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި، އިންތިޚާބުތައް ބާއްވާ ވާހަކަ އިލެކްޝަންސުން ދައްކާއިރު އެ ކޮމިޝަނުގެ އިތުބާރާއި ސައްހަކަން ވެސް ވަނީ ގެއްލިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުން ވެސް އެކަން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހުކުމުގައި 12 މެމްބަރުންނާ ގުޅޭ ބައި، ވަގުތީ އޮތުން ވަނީ ހިފަހައްޓާފައި. މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން އަދި ކަނޑައެއް ނާޅާ. ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމަކުން ސާފުކޮށް، ސާބިތުވާން އޮއްވައި އިލެކްޝަންސް ކޮމިޝަނަށް [ގޮނޑި ގެއްލުނީ ކަމަށް] ކަނޑައެއް ނޭޅޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ސައްހަކަމާ ދޭތެރޭގައި ސުވާލު އުފައްދައި އަލީ ހުސެއިން ވިދާޅުވީ އެ ކޮމިޝަނުގެ ރައީސް ކަމަށް އަހްމަދު ޝަރީފް އައްޔަންކުރީ އިތުބާރު ނެތް، ރައީސެއް ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން އިއްތިފާގުވެފައިވާ އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައި، މަޖިލީސް ހިސޯރުކޮށްގެން ގާނޫނާޚިލާފަށް ބޭއްވި ޖަލްސާއެއްގައި ކަމަށެވެ. މީގެއިތުރުން، ގާނޫނާ ޚިލާފަށް ކޮމިޝަނަށް އައްޔަންކުރި ޝަރީފަކީ، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަަނަކީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އޮފީހެކެވެ. އެހެން ނޫން ނަމަ، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެން، "ޔާމީން 2018" ޖަހައި ތޮފިއަޅައިގެން އު ޅުއްވި ބޭފުޅަކު އެތަނުގެ ރައީސަކަށް ނުހުންނަވާނެ އެވެ.
"އެފަދަ ބޭފުޅަކު ދައްކަވާ ވާހަކައެއް އަޅުގަނޑުމެން [އިދިކޮޅުން] ބައެއް ނުގަންނަން، އަދި ރައްޔިތުން ވެސް ބަލައެއް ނުގަންނާނެ،" އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ އިލެކްޝަންސުން ފަތުރަމުންދަނީ ޕީޕީއެމްގެ ޕްރޮޕަގެންޑާ ކަމަށެވެ. އެއީ، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައި އިދިކޮޅު ބަލިކަށިކުރަން ދައްކާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަދިވެސް އަޅުގަނޑުމެން މި އިންތިޒާރުކުރަނީ ސުޕްރީމް ކޯޓުގެ ހުކުމަށް، ގޮނޑިއާ މެދު ގޮތެއް ނިންމުމުގެ ގާނޫނީ ބާރު އޮތީ އެ ކޯޓަށް،" އަލީ ހުސެއިން ވިދާޅުވި އެވެ.
މީގެކުރިން ވެސް ބައި އިލެކްޝަން ބާއްވަން އުޅުނު ކަން ފާހަގަކުރެއްވައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކަށް ތަބާނުވެ، އިންތިހާބު ބާއްވަން އުޅުމުން ދޭހަވަނީ، ރާއްޖޭގައި ގާނޫނުއަސާސީ ނުހިނގާ ކަން ކަމަށެވެ. ސުޕްރީމް ކޯޓުން ކަމެއްގައި ވަކި ގޮތެއް ކަނޑައަޅާފައި ވަނިކޮށް، އެއާޚިލާފަށް އެއްވެސް ބަޔަކަށް ކަންކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ފެބްރުއަރީ 16 ގައި އެ ކޯޓުން ކުރި ހުކުމްގައި ވެސް އެ ބައި ބާތިލެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލަ ނިމެންދެން އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ.
އެ މައްސަލައިގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ އިރު މިހާތަނަށް ވެސް އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާ އިރު، ޝަރީއަތަށް ބޭނުންވާ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.
"މި ހާލަތު ނިމުމަކަށް ގެނެވޭނީ އުއްތަމަ ފަނޑިޔާރަށް"
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟
ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލް ފާސްކޮށްފި
މުހިންމު ދެ ބިލް މަޖިލީހުން މިއަދު ފާސްކުރަނީ
މެމްބަރުންނާ ގުޅޭ ގޮތުން ކޯޓުން ސާފު ބަހެއް ބުނަންޖެހޭ
ކޯޓުން ބަހެއް ނުބުނެ ތިބެގެން ނުވާނެ: މައުމޫން